އެއާރޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ ނަންގައިގެން ތިއްބަވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސްކޮމް) އިން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބަލާފާސްކުރުމުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ކަންބޮޑުން ފާޅުކުރައްވައިފިއެވެ.

އަހްމަދު ފާއިޒު ކަންބޮޑުން ފާޅުކުރައްވާފައި ފޭސްބުކް ގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ. އެ ވީޑިއޯގައި ފެނިގެން ދަނީ އެއަރޕޯޓެއްގެ ތެރޭގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހުންނަވައިގެން ތުރުކުރައްވައިގެން ހުންނެވި ފަޓުލޫނުގެ ބެލްޓު އަޅުއްވާ މަންޒަރެވެ. ވީޑިއޯގައި އެއަރޕޯޓް ސެކިއުރިޓީގައި މީހުން ބަލާ ފާސްކުރާ ހިސާބު ފެންނަން ހުރި އިރު ވީޑިއޯއިން އެވްސްކޮމްގެ މުވައްޒަފަކުވެސް ފެނެއެވެ.

މީސްމީޑިޔާގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯ ހިއްސާ ކުރައްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ވިދާޅުވީ ގައުމަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގައުމުގެ އަބުރުވެރިއެއްގެ އުނު އަންނައުނު މިފެންވަރަށް ބަލާފާސްކުރުމަކީ މުޅި ގައުމު ލަދުގަންނަވާލުން ކަމަށެވެ.

“ނައިބު ރައީސުންނަކީ ދައުލަތުގެ ދެވަނަޔަށް މަތިވެރި ދަރަޖައެވެ. އަބުރުވެރިކަމާއެކު އެ މަގާމު ފުރުއްވާފައިވާ ބޭފުޅެއްގެ ކިބައިން އެދަރަޖަ ބީވެގެން ނުދެއެވެ. އެބޭފުޅުންނަކީ

ގައުމުގެ ހަގީގީ އިއްޒަތްތެރިންނެވެ. އެބޭފުޅުންގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ ގައުމީ ވާޖިބެކެވެ.”ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ވިދާޅުވިއެވެ.

ފޭސްބުކްގައި ދައުރުވަމުންދާ މި ވީޑިއޯ އާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ހިޔާލުފާޅުކުރަމުންނެވެ.

“ފައިސަލް އަމިއްލަފުޅަށް މިގޮތަށް އާދައިގެ މީހެއްގޮތުގައި ދަތުރަށް އެރުއްވުމަކީ އޭނާގެ އަމިއްލަކަމެކެވެ. ދައުލަތުގެ އިއްޒަތާއި ސިކިއުރިޓީލިބިގަނެ އެޚިދްމަތާ އެކު ދަތުރު ކުރެއްވި ނަމަ މިފާސްކުރުން އެހެންސިފައަކަށް ކަމާބެހޭ އޮފިސަރުން ކުރާނެއެވެ!!” މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ.

އެހެން ފަރާތަކުން ކުރި ކޮމެންޓެއްގައި ބުނީ ވީއައިޕީ ޕްރޮޓޮކޯލް ފޮލޯ ނުކުރާނަމަ މިގޮތް ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އާންމުންނާ އެއްގޮތަށް އެ ރޫޓު ފޮލޯކުރާނަމަ އެވްސްކޮމް އިން މިގޮތަށް ބަލާފާސްކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި މިއީ ސިޔާސީ ބޭނުމަށް ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯއެކެވެ. އެފަދައިން ކޮމެންޓު ކުރައްވާ ފަރާތްތަކުން ބުނަނީ ރަސްމީކޮށް ދަތުރުކުރާނަމަ އާންމުންނާ އެއްކޮށް ސެކިއުރިޓީ ޗެކް ނުކުރާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގައުމުތަކުގެ މަތީ ފަންތީގެ ބޭފުޅުން އާންމުންނާ އެކު ޗެކިންކޮށް ހައްދަވާނަމަ ބަލާފާސްކުރުމުގެ ކަންކަން ދާނީ މިގޮތަށް ކަމަށް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު