ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ހުސްގޮނޑި ދައްކައިގެން ކަމަށާއި ހުސްގޮނޑީގެ ސިހުރު އަދިވެސް ވަރަށް ގަދަ ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެެވެ.

ޕީއެންއެފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ޢަބުދުލްގައްޔޫމް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ "ހުސްގޮނޑި" ދައްކައިގެން ކަމަށެވެ.

ޔާމިން ވިދާޅުވީ ބަޔަކު މީހުން ހަދާން ނެތް ނަމަވެސް ސަރުކާރުން ވެރިކަމަށް އާދެވުނީ ހުސްގޮނޑީގެ ޖާދުލާ އެމަސްތުގައި ރައްޔިތުން ޖައްސައިގެން ކަމަށާއި އެއީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްްޔިތުންގެ މަޖިލީހުގެ ގޮނޑިތަށް ސަރުކާރަށް ލިބުނީ ހުސްގޮނޑީގެ ބާރު ނެތިގެން ނޫން ކަމަށެވެ. އަދި ސަރުކާރަށް މަޖިލީހުގެ ގޮނޑިތަށް ލިބުނީ ރައްޔިތުންގެ ތާއިދު އޮވެގެން ނޫން ކަމަށްވެސް ޔާމިން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހުސްގޮނޑި ދައްކައިގެން ނުލިބުނު ވާހަކަ ދައްކާނެ ކަމެއް ނެތް، ވެރިކަމަށް އާދެވުނީ ހުސްގޮނޑީގެ ބޭނުންކޮށްގެން، އެ ޖާދުލުގައި އެ މަސްތުގައި އައީ ވެރިކަމަށް އައި ބަޔަކަށް ރައްޔިތުންގެ ވިސްނުން ހުންނާނީ އެމީހުންނަށް މަޝްރޫއު ގަނޑެއް ވެސް ލިބޭނީ ސަރުކާރުގެ ތެރެއިންނޭ، އެހެންވީމަ ވޯޓް ދޭނެ، އެއީ ހުސްގޮނޑީގެ ސިހުރު ކެނޑިގެންނެއް ނޫން.، ހުސްގޮނޑީގެ ސިހުރު އަދިވެސް ވަރަށް ވަރުގަދަ." ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ފުރުސަތު ނުލިބޭ ހާލަތެއްގައި ދެން ފުރުސަތު ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ އިހްތިޔާރު ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕް އެމަނިކުފާނަށް ދެއްވި ކަމަށެވެ. މިއަދު ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތުގެ ބޭނުން އެމަނިކުފާނު ނުހިއްޕެވީ ކަމަށާ ބޭނުންވީ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ކެންޑިޑޭޓަކު ކަނޑައެޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށް ޔާމިން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ނެންގެވީ އެމަނިކުފާނުގެ އިރުޝާދަށް ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ތާއީދު ދެއްވި ކަމަށެެވެ.

ޔާމީން ވިދާޅުވީ އިދިކޮޅު ކޮންގްރެސްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުން ރައީސް މުއިއްޒު، ރަނިންމޭޓަކަށް ފުރަތަމަ ނެންގެވީ ހުސައިން މުހައްމަދު ލަތީފް ނޫން ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ހާމަނުކުރައްވައި ޔާމިން ވިދާޅުވީ އެ ބޭފުޅަކު ނަންގަވައިގެން އިންތިހާބުން މޮޅުނުވާނެ ކަމަށް ދެންނެވި ކަމަށެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަންފުޅު ހުށައެޅުއްވި ކަމަށް ޔާމިން ވިދާޅުވިއެވެ.

އެއީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ކަަމަށް ޔާމިންް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ އަނބިކަބަލުން ވެސް މުޢިއްޒަށް ކެމްޕެއިން ކުރެއްވި ކަމަށާއި އެމަނިކުފާނުގެ ތާއިދު ވެސް މުޢިއްޒަށް އޮތް ކަމަށް ޔާމިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން