ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ބާވަތުގެ އެހީތަކާއި ޚިދުމަތްތަކަކީ އެއީ "ހަދިޔާ" އެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ލިބިގެންވާ ޤާނޫނީ ޙައްޤުތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ، ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ބަހަމުންދާ މަސްދަޅު ކޭސްތަކަކީ "ރޯދަ ހަދިޔާ" އެއްގެ ގޮތުގައި ސިފަކުރައްވައި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

މިކަމަށް ފާޑުވިދާޅުވަމުން ޑރ. ދީދީ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ދޭތަފާތު އެހީތަކާއި ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީ ގޮތުން "ހަދިޔާ" އެއްގެ ގޮތުގައި ސިފަކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ސަރުކާރުގެ ދީލަތިކަމުން ނުވަތަ ހެޔޮފުޅުކަމުން ދޭ އެއްޗެއް ނޫން ކަމަށްވެސް ޑރ. ދީދީ ފާހަގަކުރެއްވިއެވެ.

"ދައުލަތާއި ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެގެންވަނީ ޤާނޫނުން ލާޒިމްކުރާ ޙައްޤުތަކާއި އިލްތިޒާމްތަކެއްގެ މައްޗަށް،" ޑރ. ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ދީދީ ވިދާޅުވީ، ޢާންމު ޚިދުމަތްތަކާއި، އިޖްތިމާޢީ އެހީތަކާއި، ސަބްސިޑީ ފަދަ ކަންކަމަކީ އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތުތަކެއް ކަމަށެވެ.

އަދި އެއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން ކަމަށްވާތީ، އެއީ ސީދާ ރައްޔިތުންގެ ޙައްޤެއް ކަމަށް ޑރ. ދީދީ ތަކުރާރުކޮށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު