މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ނިޔާވި ދެ ގައިދީއެއްގެ އޮޓޮޕްސީ ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ، މިމަހުގެ 2 ވަނަ ދުވަހު ނިޔާވެފައިވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ޙަސަން ނިޔާޒު (45އ) އާއި، މާލޭ ދަފްތަރު ނަންބަރު ދރ 439، އިބްރާހީމް ސުހައިލް (53އ) ކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށް ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް މިހާރު ވަނީ އިންޑިއާއަށް ފޮނުވާފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެދުވަހު މަރުވި އެކެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އޮޓޮޕްސީ ހަދަން ނިންމީ މަރުތަކުގެ ސަބަބު ސާފުކޮށް ކަށަވަރު ކުރުމަށެވެ.

ކަރެކްޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އިބްރާހީމް ސުހައިލް ނިޔާވީ އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވީފަހުންނެވެ. އޭނާއަށް ނިއުމޯނިއާ ޖެހިފައިވާއިރު، މީގެ ކުރިން ސްޓްރޯކެއް ޖެހިގެންވެސް ފަރުވާ ހޯދާފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ޙަސަން ނިޔާޒު ނިޔާވީ މި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު ދިމާވި ކުއްލި މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ކަރެކްޝަންސްއިން ކުރިން ބުނެފައިވެއެވެ.

ޖަލުގައި ކުއްލި ގޮތަކަށް ދެ ގައިދީން ނިޔާވުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާއިރު، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު