މީސް މީޑިއާގައި "ކުއީންމޮޑެސްޓީ" ފުލުހުންނާމެދު ކުރަމުބް ގެންދާ ތުހުމަތު ތަކަށް ފުލުހުން ޖަވާބުދާރީ ވެއްޖެއެވެ.

ޓިކްޓޮކްގައި "ކުއީންމޮޑެސްޓީ" ގެ ނަމުގައި ހަރަކާތްތެރިވާ ފަރާތުން ފުލުހުންނަށް ކުރާ ތުހުމަތަކީ ތ. ވޭމަންޑޫގައި އޭނާގެ 18 އަހަރުގެ ކޮއްކޮ ލައިސަންސް ނެތި ސައިކަލު ދުއްވުމުން އޭނާ ހުއްޓުވައި ޖޫރިމަނާކޮށް ސައިކަލު ޓޯކުރި މައްސަލަ ހިނގާދިޔައިރު ފުލުހުންގެ އޮފިސަރަކު އޭނާގެ ކޮއްކޮއާއި މުއާމަލާތްކުރި ގޮތާއިމެދު ކުރާ ތުހުމަތެކެވެ.

"ކުއީންމޮޑެސްޓީ" އެ ހާދިސާ ކިޔައިދޭ ވީޑިއޯތަކުގައި ބުނާ ގޮތުން އޭނާގެ 18 އަހަރުގެ ކޮއްކޮ ވޭމަންޑޫއަށް ސައިކަލު ލައިސަންސް ނަގަން ގޮސް، ލައިސަންސް ނުލާ ސައިކަލް ދުއްވި ގޮތް ވަނީ ކިޔާ ދީފައެވެ. އަދި ލައިސަންސް ނުލާ ދުއްވުމުން ޖޫރިމަނާ ކުރި ކަމަށާއި ޖޫރިމަނާ ދައްކަން ދިއުމުން އެވަގުތު ފުލުހުންގެ ސްޓޭޝަންގައި ހުރި އޮފިސަރަކު ބޭއަދަބީ ބަހުން ކޮއްކޮއާއި މުއާމަލާތް ކުރިކަމަށް ވީޑީއޯގައި ބުނެފައިވެއެވެ. އަދި އެގޮތަށް މުހާތަބުކުރުމަށްފަހު ކޮއްކޮގެ ސައިކަލް ޓޯ ކުރިކަމަށް ވީޑިއޯގައި ފުލުހުންނަށް ތުހުމަތުކޮށްފައި ވެއެވެ.

ފުލުހުން މި ތުހުމަތުތަކަށް ޖަވާބުދެމުން ވަނީ އެ ހާދިސާ ތަފްސީލްކޮށް ކިޔާދީފައެވެ. ފުލުހުން ބުނާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ޖޫން 12 ވަނަ ދުވަހު ވޭމަންޑޫ ސްކޫލްގައި ކުރިޔަށް ދިޔަ ހަރަކާތަކަށް ސްކޫލް ސަރަޙައްދު ބަންދުކޮށްފައި ވަނިކޮށެވެ. އެ ސަރަޙައްދަށް އެވަގުތު ބާރު ސްޕީޑުގައި ދުއްވާފައިވާ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީގައި ސައިކަލް ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް ސައިކަލު ދުއްވި މީހާ ވަދެފައިވާ ކަމަށެވެ. އަދި އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައިގެން ދުއްވަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތްކަން ފާހަގަވި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން، ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިއީ އާންމު ހާލަތްތަކުގައި ވެސް ލައިސަންސް ނެތި ދުއްވުމުން ކަންތައް ކުރާ ގޮތް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި މުއާމަލާތުކުރުމުގައި ސައިކަލްދުއްވި ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި އެ ހާދިސާ އިތުރަށް ބެލުމަށްފަހު، ފުލުހުންގެ ފަރާތުން ޚިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން