ވަގުންގެ ނެޓްވޯކް ހުއްޓުވުމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު މުހައްމަދު ޝިފާން ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، އެމް ސީ ހަމީދު ވިދާޅުވެއްޖެ އެވެ.

ޝިފާން ވިދާޅުވި ގޮތުގައި މާލޭގައި މިހާރު ރާވައިގެން ވައްކަންތައް ކުރުމުގައި އުޅޭ ނެޓްވޯކު ހުއްޓުވުމަށް ދަތިވެގެން އުޅެނީ ކުރީގެ ސަރުކާރުން ދޫކޮށްލި 454 ކުށްވެރިންގެ ސަބަބުން ކަމަށެވެ.

ހަމަ އެހެންމެ އެ ނެޓްވޯކް ހުއްޓުވަން އިންފްރާސްޓްރަކްޗާއާއި ވަސީލަތްތައް ވެސް ނެތް ކަމަށް ޝިފާން ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި އިދިކޮޅުން ސަރުކާރަށް ފާޑުކިޔަމުންދާއިރު ނިމިގެން ދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި އެމް ސީ ހަމީދު އެކްސްގައި ވަނީ ޝިފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަދި ފުލުހުންގެ ތަރުޖަމާނު ކަމުގައި ހުރެ ޝިފާން އެފަދަ ގޮތަކަށް ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށާއި އޭނާގެ ވާހަކަތައް ވަރަށް ޒިންމާދާރުކަން ކުޑަ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

އެމް ސީ ހަމީދު ވިދާޅުވީ ކުރީގެ ސަރުކާރު ތަކުންނާއި މި ސަރުކާރުންވެސް ޕެރޯލްގެ ދަށުންނާއި އެހެނިހެން ގޮތްގޮތުން ކުށްވެރިން ޖަލުތަކުން ދޫކުރަމުންދާ ކަމަށާއި މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ހަމަ އެހެންމެ އެއީ ކޮންމެ ވެރިކަމެއްގައި ވެސް އާދައަކަށް ވެފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ކުށްވެރިން އަބަދު ޖަލުގައި ތިބެން ޖެހޭނެ ކަމަށް ދެކުމަކީ ވެސް ރަނގަޅުކަމެއް ނޫން ކަމަށް އެމް ސީ ވިދާޅުވި އެވެ. އަދި ޕެރޯލްއާއި އެހެނިހެން ގޮތް ގޮތުން ކުށްވެރިން ދޫކުރުމަކީ ގާނޫނު ހުއްދަދޭ ކަމެއް ކަމަކަށްވާއިރު އެކަން ޒިންމާދާރުކަމާއެކު ކުރުމުގެ މުހިންމުކަން ހަމީދު ފާހަގަ ކުރެއްވި އެވެ.

"އެކަމަކު މިއީ ވަރަށް ގޮންޖެހުން ބޮޑުކަމެއް، އެކަމަކުވެސް އަޒުމް ކަނޑައަޅަން ޖެހޭނެ އެކަމުގައި ޒިންމާދާރުވާން ކިތަންމެ ގިނަ ގޮންޖެހުންތަކާ އެކު ވެސް. އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި." ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ސީނިއާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި އޭގެ ސަބަބުން ފުލުހުންގެ މުވައްސަސާ ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ކަމަށް އެމް ސީ ވިދާޅުވިއެވެ.

ފުލުހުންގެ އިތުރުން ސަރުކާރުގެ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ވެސް ފެނިގެން ދަނީ ހަމަ އެ ބީދައިން ވާހަކަ ދައްކަވަމުންދާތަން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސ.

22-Jun-2024

ކިތަންމެ ލަދުގަތަސް ހަމަ ބޮޑެތިކުއްވެރިންތައް ދޫކޮށްލީ އެމް.ޑީ.ޕީ ސަރުކާރުން.ޓްރެންޑިން