މި ފަހަރު އަޟްޙާ ޢީދު ނަމާދުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހެނދުނު ހަތެއް ޖަހާއިރު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ފިތުރު ޢީދާ އަޟްހާ ޢީދުގެ ޖަމާއަތް ފަށާ ގަޑި އަކަށް ހަމަޖައްސާފައިވަނީ ހެނދުނު 07:30 އެެވެ.

ނަމަވެސް މިދިޔަ ފިތުރު އީދުގައި ވަނީ އީދު ނަމާދުކުރާ ގަޑި އަވަސްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޢީދު ނަމާދު ކުރާ ގަޑި ހެނދުނު 07:00 އަށް ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށެވެ.

އަދި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާއަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީ، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީ އެކަން އެގޮތަށް ހަމަޖެއްސީ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ބަދަލު ގެނައީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު