ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުން ހިމެނޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ބަންޑާރަ ނައިބްގެ އޮފީހުން 5 އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާއެއް އިއުލާން ކޮށްފިއެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބް އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓް ކުރުމާއި ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށްވާތީ އެކަމަށް އިސްކަން ދީގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ.

"އެހެންވީމަ މިހާރުން މިހާރަށް ވެސް އެ ދެ އިސްލާހު އަޅުގަނޑުމެން ގެންނާނަން. އެހެން ނަމަވެސް އޭގެ އިތުރުން ވެސް ދައުލަތް ހިންގުމުގެ ނިޒާމުގައި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމަށްޓަކައި މި ދަނީ ދިރާސާއެއް ކުރަމުން." އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރާނެ ގޮތާއި މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓް ކުރަން އިސްލާހު ހުށަހަޅާނީ ކޮން ގޮތަކަށް ކަން މިވަގުތު އަދި ނިންމާފައި ނުވާކަމަށެވެ. އަދި ކުރީގެ ސަރުކާރުން ޖޭއެސްސީއަށް އިސްލާހު ގެންނަން ނިންމީ އެންމެ ފުރިހަމައަށް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި ނަމަވެސް މި ސަރުކާރުން އެ އިސްލާހު ހުށަހަޅާނީ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް އުޝާމް ވިދާޅުވިއެވެ.

ސަރުކާރުން އެކުލަވާލި 5 އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫއަކާއިގުޅޭ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ގާނޫނާއި ގުޅޭ ބިލާއި، މިހާރު އަމަލުކުރާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ 135 ބިލެއް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން