އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
އެތައް ބަޔަކު ތިއްބާ ލިބޭ މަދު ކޯޓާގައި ގާތްތިމާގެ މީހުންނާ ރައްޓެހިން ހައްޖަށް ފޮނުވުން ގޯސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ގާތްތިމާގެ މީހުންނާއި ރައްޓެހިން ހައްޖަށް ފޮނުވުން ވެސް ގޯސް ކަމަށާއި ސަރުކާރުގައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އަމްރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ބައެއް ބޭފުޅުން އެމީހުންގެ ގާތް މީހުންނަށް ހައްޖު ވުމުގެ ފުރުސަތު ހޯދައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

މި ތުހުމަތުތަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖަށް ނުދެވި ކިއުގައި ތިބި މީހުންގެ އަދަދު އިތުރުވީ ކޮވިޑާ ގުޅިގެން ދެ އަހަރު ވަންދެން މީހުން ހައްޖަށް ނުގެންދެވުމުން ކަމަށާއި، އެ ކިއު ފަޅާލާފައި، ހައްޖަށް ދިއުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ހޯދައިދީފައި ނުވާނެ ކަމަށެވެ.

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ސަރުކާރުގެ ބޭނުމަށް ހައްޖު ކޯޓާގެ ބައެއް ޖާގަ ޚާއްސަކުރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ. ޝަހީމް ވިދާޅުވީ ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުންގެ ކިއުއިން މިއަހަރާ ހަމައަށް ޖާގަދެމުން އަންނަނީ 700އެއްހާ މީހުންނަށް ކަމަށެެވެ.

އެހެންނަމަވެސް މިއަހަރަކީ އެ އަދަދު ހާހަކުން މަތީގައި އުޅޭ ފުރަތަމަ އަހަރު ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ވިދާޅުވީ 2022 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދިޔައީ ޖުމުލަ 400 މީހުން ކަމަށާއި އޭގެ ކުރީ ދެއަހަރު ކޮވިޑާއި ގުޅިގެން ރާއްޖެއިން މީހުން ހައްޖަށް ނުދާ ކަމަށެވެެ.

"ރާއްޖޭގެ ހައްޖު ކިއު ދިގުވެފައި އެއޮތީ ކޮވިޑާ ގުޅިގެން ތިން އަހަރު މީހުން ހައްޖަށް ނުދެވުމުގެ ސަބަބުން. މި ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގު ވައްޓާލުމަކީ ދެރަވަރު ކަމެއް،" ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނަކީ ދުނިޔޭގެ ހައްޖު އިދާރާތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ތަނެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި އުސޫލު އޮންނަ ގޮތުން، ފައިސާ ދައްކާ ކޮންމެ މީހަކަށް ޖާގަ ކަށަވަރުވެ، ހައްޖަށް ދެވޭނެ އަހަރު ޔަގީންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެއާ ޚިލާފަށް ބައެއް ގައުމުތަކުގައި ހައްޖަށްދާ އެންމެން ހޮވަނީ ގުރުއަތަކުން ކަމަށާއި، އެއްވެސް މީހަކަށް އޭރުން ޖާގަ ޔަގީން ނުވާކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން