ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފައިވާކަން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

އެގޮތުން 22 މެއި 2024 އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 9353.40 ރުފިޔާ ކަމަށް ޒަކާތު ހައުސް އިން މިއަދު ކުރި އިޢުލާނެއްގައި ވަނީ ބުނެފައެވެ. ފިޠުރު ޒަކާތާއި ޚިލާފަށް އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. މީގެ ކުރީން މިއަހަރުގެ ޖަނަވަރީ މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބުގެ އަދަދަކީ 7140 ރުފިޔާ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެކުރީ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 92.69 މިލިއަން ރުފިޔާއެވެ.

ޒަކާތް ނެރުން ވާޖިބުވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.

މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން