ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން
ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން
ބަންގްލަދޭޝްގެ މަސައްކަތު މީހުން ގެނައުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި އިޙްސާން ވިދާޅުވީ، ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުން މެދުކަނޑާލީ ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަމުންދާތީ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެކަމާ ގުޅިގެން ބައެއް އެހެން ވުޒާރާތަކާ ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައް ބަލަމުން އަންނަ ކަމަށެވެ.

"ބައެއް ކުންފުނިތަކުން ފޭކު ޑޮކިޔުމެންޓުތައް ހުށަހަޅާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އޭތި ހޯލްޑުކޮށްގެން މިއުޅެނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކަމާ ގުޅިގެން އިންވެސްޓިގޭޝަނެއް ކުރަމުންދާ ކަމަށެވެ. އަދި ބައެއް ކުންފުނިތަކުން ކޮންސްޓްރަކްޝަން މިނިސްޓްރީއަށްވެސް ފޭކު ޑޮކިއުމެންޓް ހުށައަޅާކަން ފާހަގަވެފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިޙްސާނު މިމޭރުމުން ވިދާޅުވެފައިވާއިރު، ބިދޭސީންނާ ގުޅުން ހުރި ހުރިހާ މުއައްސަސާއެއް ހޯމް ލޭންޑް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ރައީސް މުޢިއްޒު މިހާރުވަނީ ބަދަލު ކުރަށްވާފައެވެ.

ތަމްރީނު ލިބިފައި ނުވާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެނައުން މަނާ ކުރީ ރައީސް ޞާލިޙްގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ކޮންމެ ގައުމަކަށްވެސް 150،000 އަންސްކިލްޑް ލޭބަރުން ގެނައުމަށް ކޯޓާ އޮންނަ ކަމަށާއި، ބަންގްލަދޭޝްގެ އެ ކޯޓާ ހަމަވެފައިވާކަމަށެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ 4 އަހަރު ފަހުން އެ ހުއްދަ އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައެވެ. އެގޮތުން ރާއްޖޭގައި އޭރު ތިބީ ބަންގްލަދޭޝްގެ 90624 މަސައްކަތްތެރިން ކަމަށް މި ސަރުކާރުން ބުނެފައިވެއެވެ.

މިނިސްޓަރ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ މަސައްކަތް ކުރަށްވަމުން ގެންދަވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގާޕްރިންޓް ނަގައި، އެ މީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިވާ ބަޔަކަށް ހެދުމަށްކަމަށެވެ. އެގޮތުން ދާޚިލީ ވުޒާރާއިން ވަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން