އެމިރޭޓްސްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 5 މަހުގެ މުސާރަ ދޭން އެ ކުންފުނިން ނިންމައިފިއެވެ.

މި ބޯނަސް ދޭން ނިންމާފައިވަނީ އެމިރޭޓްސްއަށް 2023 އިން 2024 އާއި ދެމެދު ފައިދާގެ ގޮތުގައި 4.7 ބިލިއަން ޑޮލަރު ލިބުމުންނެވެ. މިއީ ކުރީގެ އަހަރުތަކުގެ އަދަދަށްވުރެ 65 އިންސައްތަ ބޮޑު އަދަދެކެވެ. އެމިރޭޓްސްގެ ވިޔަފާރި ފުޅާވަމުންދާ ވަރަކަށް މުވައްޒަފުންވެސް ދަނީ އިތުރުކުރަމުންނެވެ. މިގޮތުން 84 ގައުމެއްގައި 112،406 މުވަޒަފުން މިހާރު ހަރަކާތްތެރިވަމުންދެއެވެ.

ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 5 މަހުގެ އަސާސީ މުސާރަ ލިބޭނެއެވެ. މިގޮތުން ބައެއް މުވައްޒަފުންނަށް 50،000 ޑޮލަރުވެސް ލިބޭނެއެވެ. އެމިރޭޓްސްގެ ޗެއާރމަން އަދި ޗީފް އެގްޒެކިއުޓިވް އޮފިސަރ ޝެއިހް އަޙްމަދު ބިން ސައީދް އަލް މަކްތުމް ވިދާޅުވީ ކުންފުނީގެ އުއްމީދުތައް ހަޤީގަތަކަށް ހަދައިދިނުމުން މިދެވޭ 5 މަހުގެ ބޯނަސް ހުރިހާ މުވައްޒަފުންނަށް ހައްގުކަމަށެވެ.

އެމިރޭޓްސްއިން މުވައްޒަފުންނަށް ދޭން ހަމަޖެހިފައިވާ ބޯނަސް އަކީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރާކަމުގެ ހެއްކެކެވެ. މީގެ ކުރީ އަހަރުތަކުގައިވެސް މުވައްޒަފުންނަށްވަނީ މިފަދަ ބޯނަސްތައް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން