“ފަރިހި 2” ދޯނި އަޑިއަށްގޮސްފައި
“ފަރިހި 2” ދޯނި އަޑިއަށްގޮސްފައި
ރޭ ކުރި ވިއްސާރާގައި މ. މަޑުއްވަރީ ބަނދަރުގައި އޮތް “ފަރިހި 2” ދޯނި އަޑިއަށް ހިނގައްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނި އަޑިއަށް ގޮސްފައިވަނީ ރޭ އައި ކޮޅިގަނޑެއްގައެވެ. މ. މަޑުއްވަރީ ކައުންސިލާއި މ. މަޑުއްވަރީގައި ތިއްބަވާ ފުލުހުންނާއި ރައްޔިތުން ކުރި މަސައްކަތުން މިހާރު އެދޯނި ތިލަކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

“ކައުންސިލްގެ ޕަމްފު ބޭނުންކޮށްގެން ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުން ދޯނި މިހާރު ވަނީ ތިލަކޮށްފައި.” ކައުންސިލްގެ ރައީސް މުޙައްމަދު އާޡިމް އަލީ ވިދާޅުވިއެވެ.

މަޑުއްވަރީ ބަނދަރުގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފައިވާއިރު ކުރީ ސަރުކާރުން ފެށި ބަނދަރު ހެދުމުގެ މަސައްކަތް މިހާތަނަށް ނިމިފައެއް ނުވެއެވެ. އެމްޓީސީސީން ކުރަމުންދިޔަ ބަނދަރު ހެދުމުގެ މަސައްކަތް މިވަގުތު ވަނީ މަޑުޖެހިފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގެއްލުންބޮޑު ގިނަ ޙާދިސާތަކެއް ހިނގަމުންދާއިރު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރަށްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހަމައެއާއެކު ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން