ޞާދިރު ޢަލީދީދީ   8 އޯގަސްޓު 2020 - 12:50
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 10

...............

ޙަޤީޤަތުގައި ރަނާގެ ލޯތްބާއި އުފާތައް ޤުރްބާންވާ ޙާލުގައި، ރަނާއާ ގުޅޭކަށް ފަހަރެއްގައިވެސް އަމަރް ބޭނުމެއް ނޫނެވެ. އޭނާ ރަނާދެކެވަނީ ތެދުވެރި ލޯތްބެވެ. ފަހަރެއްގައިވެސް އެ ލޯބި ހޯދުމަށްޓަކައި އެއްވެސް މީހަކަށް ދެރައެއްދޭކަށް އަމަރް ބޭނުމެއް ނޫނެވެ. ވުމާއެކު، ރަނާގެ އަތުން ވާސިލްގެ ނަމްބަރު ހޯދުމަށްފަހު، އޭނާ ވާސިލަށް ގުޅިއެވެ. އޭނާ ބޭނުންވަނީ މަޢާފަށް އެދޭށެވެ.

[ވާސިލް....އަހަންނަށް މަޢާފްކުރޭ. ޙަޤީޤަތުގައި އަހަރެން މިހާރުވެސް މިދަނީ ރަނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން.] ވާސިލް ފޯނު ނެގުމާއެކު، އަމަރް މަޢާފަށް އެދުނެވެ.

[އަހަންނަށް އެބަ އެނގޭ، އަމަރްގެ މައްސަލައެއް ނެތްކަން. ޙަޤީޤަތުގައި ކުށްވެރިއަކީ އަހަރެން. އަހަންނަށް ރަނާއަށް އިތުބާރު ކުރެވުނުނަމަ، މިއަދު މިހެންވާކަށް ނުޖެހުނީސް.] ވާސިލް އޭނާގެ ކުށް ޤަބޫލުކުރިއެވެ. އެއަށްފަހު، ރަނާއާ ކައިވެނިކޮށްގެން، އޭނާގެ ހަނދާންތަކާ ދުރަށްދެވޭވަރަށް، ލޯތްބާއި އޯގާތެރިކަން ދިނުމަށް ވާސިލް އެދުނެވެ.

އޭގެ ދެހަފްތާ ފަހުން ވަރަށް ކުލަގަދަ ރަސްމިއްޔާތަކަށްފަހު، އަމަރާއި ރަނާގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ޙަފްލާ އޮތީ އަމަރްގެ ބައްޕަގެ ސަންސެޓް ރެސްޓޯރެންޓްގައެވެ. އެ ޕާޓީ ކުރިއަށް ދަނިކޮށް، އެތައްފަހަރަކު ނިހާލް ރަނާއަށް ގުޅިއެވެ. ކުރިން ހަރުކަށިކޮށް ވާހަކަ ދެއްކި ކަމުގައިވިޔަސް، އެރޭ ނިހާލް ވާހަކަ ދެއްކީ ވަރަށް މާޔޫސީ ރާގުގައެވެ. ފޯނު ބާއްވަމުންވެސް ނިހާލް ބުނެފައިވަނީ، އޭނާ ރަނާއާއެކުވާ ކަމަށާއި، ލޯބި ކާމިޔާބުވުމުގެ މަލަމަތި ފެންނަން ފަށައިފި ކަމަށެވެ. އެރޭ ރަނާވެސް އޭނާއާ ދެކޮޅަކަށް، މާގިނަ ވާހަކަތަކެއް ނުދައްކައެވެ.

ކައިވެންޏަށްފަހު ރަނާ ބަދަލުވީ އަމަރާއެކު ވަކި އެޕާޓްމަންޓަކަށެވެ. އެއީ ރަނާ ބަލިވެ އުޅުނުއިރުވެސް، އުޅުނު އެޕާޓްމަންޓެވެ. ރަނާގެ ލޯބި ލިބުމަކީ، އަމަރްގެ ޙަޔާތުގައި މިހާތަނަށް ލިބުނު އެންމެބޮޑު އުފަލާއި ހިތްހަމަޖެހުން ކަމުގައި އަމަރް ބުނެއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ މިރޭ.] އާ ކައިވެނީގެ ރެޔަށްޓަކައި ތައްޔާރުކޮށްފައިވާ ކޮޓަރީގައި ހުރެ، ރަނާއާ ހަތަރުކަޅި ހަމަކޮށްލަމުން އަމަރް ވާހަކަ ދެއްކިއެވެ. އޭރު ކައިވެނީގެ ހެދުމުގައި ރަނާ އެނދުމަތީގައި އިނެވެ. ރަނާ އިނީ ވަރަށް ބޮޑަށް މާޔޫސްވުމުގެ އިތުރަށް ލަދުވެސްގެންފައެވެ.

[ރަނާ ދެރަވެފައިތަ ތިއިނީ....އައު ކައިވެނީގެރޭ ތިގޮތަށް މާޔޫސްވެފައި ނީނދެބަލަ.] ހެދުން ބަދަލުކުރަމުން އަމަރް ވާހަކަ ދެއްކިއެވެ.

އަމަރްގެ މޯބައިލް ފޯނަށް، ނުވެސް ދަންނަ މީހަކު ގުޅީ އެވަގުތެވެ. އެމީހަކު އެދުނީ ވަރަށް އަވަހަށް ބޭރަށް ނުކުތުމަށެވެ. ރަނާ ގާތު އެބަ އަންނަމޭ ބުނެފައި، އަމަރް ބޭރަށް ނުކުތެވެ. އޭރު އެގޭ ގޯތިތެރޭ އޮންނަ ހުސް ތަންކޮޅުގައި، އަމަރަށް ފުރަގަސްވާގޮތަށް ޒުވާން ފިރިހެނަކު ހުއްޓެވެ.

[ކާކު!؟] އަމަރް އެ ޒުވާނާއާ އަރާހަމަކޮށް ވާހަކަ ދެއްކިއެވެ. ނަމަވެސް އެ ޒުވާނާ އަނގަޔަކުން ނުބުނެއެވެ.

[ކާކުތަތީ! މިގަޑީގައި ކޮން ސަމާސާއެއް؟] އަމަރް ހީކުރީ އޭނާގެ ކޮންމެވެސް ރައްޓެއްސެއްގެ ސަމާސާއެއް ކަމަށެވެ.

[ސަމާސާއެއް ނޫން، ޙަޤީޤަތް. ވަރަށް އުފާވެރި ރެޔެއްދޯ؟ އާ ކައިވެނީގެ ރޭގެ އުފާވެރިކަން ލިބިގަތުމަކީ، ވަރަށްބޮޑު އުފަލެއް. އަހަރެންވެސް ބޭނުން، މިރޭގެ އުފާ ލިބިގަންނަން.] އަދިވެސް އެ ޒުވާނާ ހުރީ އަމަރަށް ފުރަގަސްދީގެންނެވެ.

[ފުރަތަމަ ބުނެބަލަ، ކާކުތަ ތީ....ތިޔައީ ކޮންމެ މީހަކަސް ހެޔޮ، މިގަޑީގައި ތިޔަ ސަމާސާގައި ބައިވެރިވާކަށް، އަހަރެން ބޭނުމެއް ނޫން. އަހަރެން ދަނީ....] އަމަރް އެނބުރި ހިނގައިގަތެވެ.

[އޭތް...އަދި މަޑުކޮށްބަލަ....ހާދަ ކެތްތެރިކަމެއްވެސް ނެތޭ. އިރުކޮޅެއް ވަންދެން މިތާ ހުރެފައިދިޔަސް، ރަނާއެއް ނުގެއްލޭނެޔޭ....] އެޒުވާނާގެ އަޑަށް އަމަރް އަނެއްކާވެސް މަޑުކޮށްލިއެވެ. އެއަށްފަހު، އަމަރް މަޑުމަޑުން ހިނގާފައި އައިސް، އެ ޒުވާނާއާ ދާދި ގާތަށް ހުއްޓުނެވެ.

އެރޭ އަމަރް ކޮޓަރިއަށް އެނބުރި އައިސް ވަނީ ގަޑިއެއްހާއިރު ފަހުންނެވެ. އަމަރް ވަންއިރު، ރަނާ އަމަރްގެ އިންތިޒާރުގައި އިނެވެ.

[ވަރަށް ލަސްވެއްޖެދޯ؟ ރައްޓެއްސަކު ޖެއްސުން ކުރަން އައިސް އަހަރެން ހިފެހެއްޓީ. އެމީހުން ފުރަތަމަ ރޭވީ، މިރޭ ރަނާ ފޮރުވަން. އެކަމަކު އަހަރެން ހުޝިޔާރުކަމުން އެކަން ކާމިޔާބުނުވީ.] ރަނާގެ ގާތުގައި އެނދުގެ މަގަތުގައި އަމަރް އިށީނެވެ.

އެރޭވީ އަމަރްގެ ޙަޔާތުގައި އައި އެންމެ އުފާވެރި، އެހެންމެ ހިތާމަވެރިވެސް ރެޔަށެވެ.

އަމަރާއި ރަނާ ކައިވެނި ކުރެވުނީ ރަނާ ލޯބިވެގެން ނޫން ކަމުގައިވިޔަސް، ކައިވެންޏަށްފަހު، އެކަން އެއްވެސް ފަރާތަކަށް ދައްކާކަށް ރަނާ ބޭނުމެއް ނޫނެވެ. ރަނާއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަމުގައިވިޔަސް، އޭނާއަކީ ގެވެހި ތަރުބިއްޔަތެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.

[ރަނާ....އަހަރެން ހާދަ އުފާވެއްޖޭ. ރަނާއަށް އެނގޭތަ، އަހަންނަށް އެންމެ ފުރަތަމަ ރަނާ ފެނުނީ ކޮންތާކުންކަން. އެއީ ރަނާ ވަރަށް ކުޑައިރު، ރަނާއާއި ރަނާގެ މަންމަ ދެނަމާދު ދޭތެރޭ، މިބުނީ އިރާކޮޅުގެ ވަގުތުގެ ވާހަކަ. ވިލިނގިލީ ފުއްޓަރު ފަރާތު އަތިރިއަށްދިޔަ ރެއެއްގަ.] އަމަރް ހެނދުނު ނާސްތާ ކުރަން އިނދެފައި ވާހަކަ ދެއްކިއެވެ.

[އަމަރް، އަހަރެން ކުޑައިރު އަހަރެންގެ ރަށަށް ދިޔައިންތަ؟ އެކަމަކު ކުރީ ދުވަހެއްގައި އަމަރް ބުނީމެއްނު، އެންމެ ފުރަތަމަ އަހަރެން ފެނުނީ، ކުޑަ ބަނޑޮހަށް ދަތުރުގޮސް އުޅެނިކޮށޭ. މިހާރު ތިދައްކަނީ މާކުރީގެ ވާހަކައެއް.] ރަނާ ޙައިރާންވިއެވެ. އަމަރަށް ތެޅިގަނެވުނެވެ.

[ކުޑަ ބަނޑޮހުން ފެނުނީ ރަނާ ބޮޑުވިފަހުންނޭ. މިހާރު މިބުނަނީ ކުޑައިރުގެ ވާހަކަ. އޭރު ރަނާގެ ޢުމުރުން އަށެއްކަ އަހަރުވެސް ނުވާނެ. ޙަޤީޤަތުގައި އެރެއިން ފެށިގެންވެސް އަހަރެންގެ ހިތުގައި ރަނާގެ ތަޞްވީރު ބިންވަޅު ނެގުނު.] އަމަރް ރަނާގެ މޫނަށް ބަލައިލިއެވެ.

[އަމަރް ދައްކާ ވާހަކަ. އަހަރެން ކުޑައިރުގެ ހަނދާން އަމަރް ހުރޭތަ؟ އަމަރް އަހަރެންގެ ރަށަކަށް ނުވެސްދޭ. އަހަންނާ އަމަރްގެ ޢުމުރުގެ ތަފާތަކީ ފަސްއަހަރު.] އަމަރް ދައްކާ ވާހަކަ ރަނާއަކަށް ޤަބޫލެއް ނުކުރެވުނެވެ.

[އޭރު އަހަންނަށް ތޭރަ އަހަރު. އަހަރެންވެސް ބައްޕައާއެކު ޗުއްޓީއަކަށް ތިރަށަށް ދިޔައީ. ކުޑައިރުވެސް ރަނާ ހާދަ ރީއްޗޭ.] އަމަރް މިހެން ބުނީމާ، ރަނާ ހިސާބަކަށް ލަދުގަތެވެ. އޭނާ ރަކި ހިނިތުންވުމަކާއެކު އިސްޖަހާލިއެވެ.

ރަނާ ކައިވެންޏަށްފަހު ވަކި ދިރިއުޅުމެއް ފެށި ނަމަވެސް، ވާސިލް ކައިވެންޏެއް ކުރުމުގެ ޚިޔާލެއް ނުގެންގުޅެއެވެ. އޭނާގެ މަންމައާއި ބައްޕަ، އޭނާ ގާތު ކައިވެންޏެއް ކުރުމަށް ކިތަންމެ އެދުނު ކަމުގައިވިޔަސް، އޭނާ އެކަމަކަށް އެއްބަހެއް ނުވެއެވެ. އޭނާ ބޭނުންވަނީ ރަނާއެވެ. އޭނާ އުއްމީދު ކުރެއެވެ. ކޮންމެވެސް ދުވަހަކުން ރަނާ، އޭނާގެ ޙަޔާތަށް އަދި އަންނާނެއެވެ. ރަނާއަށް ޙަޤީޤީ ދިރިއުޅުން ފެންނާނީ، އޭނާއާއެކު ފެށޭ ޖަވާޖީ ގުޅުމަކުން ކަމަށް އޭނާ ދެކެއެވެ.

[ދަރިފުޅާ، މިހާރު ރަނާވެސް އެބުނާ މީހަކާ އިނދެގެން، ނުލާހިކު އުފަލުގައި އެއުޅެނީ. ދަރިފުޅުވެސް ރަނގަޅު ބައިވެރިއަކު ހޯދައިގެން، އިންނަން އުޅެބަލަ. އެކަމާ ދޭތެރޭ ދެން ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތް.] ވާސިލްގެ މަންމަ ވާސިލަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

[އަހަރެން އަދިވެސް ރަނާއަށް އިންތިޒާރު ކުރާނަން. ރަނާ އަދި އަހަރެންގެ ޙަޔާތަށް އިރާދަކުރެއްވިއްޔާ އަންނާނެ. އެއީ ކަށަވަރު ޔަޤީން ކަމެއް.] އެއީ ވާސިލް އުއްމީދުކުރާ ގޮތެވެ.

ރަނާއާއި އަމަރްގެ ކައިވެންޏަށް މަސްދުވަސް ފާއިތުވެދިޔައިރުވެސް، އަމަރް އޭނާގެ މަންމަމެން ދެކެލުމަށްޓަކައި އެގެއަކަށްވެސް ނުދެއެވެ. އަދި ބައްޕަގެ އެއްވެސް ވިޔަފާރިއެއްގެ ވާނުވާއެއްވެސް ނުބަލައެވެ. އެހެންވުމުގެ ސަބަބުން މަސްދުވަސް ފާއިތުވާން އުޅެނިކޮށް، އޭނާގެ މަންމައާއި ބައްޕަ، އެމީހުން އުޅޭ ގެޔަށް އައެވެ.

[ދަރިފުޅާ....އަމަރް.....ބަލަ ކައިވެނި ކުރެވުނީމާ، ވިޔަފާރިތަކުގެ ވާނުވާއެއްވެސް ބަލައިނުލަނީތަ؟ ރެސްޓޯރެންޓަކަށްވެސް، ފިހާރައަކަށްވެސް ދަރިފުޅު ވަދެއެއްނުލާ. ގެއިން ނުނުކުމެ ހުއްޓަކަސް ކަމަކުނުދާނެ. ބައްޕަގެ މިހުރިހާ މަސައްކަތަކީވެސް، ހަމަ ދަރިފުޅުގެ މަސައްކަތް. މިކަންތައްތަކާ ދަރިފުޅު އަޅާނުލަންޏާ، މިކަންތައް ނުކުރެވޭނެއެއްނު.] އަމަރްގެ ބައްޕަ ނިޔާޒް ބުންޏެވެ.

[ބައްޕާ....އަހަރެން މާދަމާއިން ފެށިގެން ހުރިހާ ކަމަކާ ޙަވާލުވާނަން. ބައްޕަ ކަންބޮޑުނުވޭ.] އަމަރް މިހެން ބުނީމާ، ނިޔާޒް ހިނިތުންވެލަމުން ރަނާގެ މޫނަށް ބަލައިލިއެވެ.

[ދަރިފުޅާ....ގޭގަ ތިބޭނެ، މަސައްކަތު ދެމީހުން. ބައްޕަ މިގެޔަށް މިއަދު ފޮނުވާނަން އެމީހުން. އޭރުން ރަނާއަށްވެސް ފަސޭހަވާނެއެއްނު.] ނިޔާޒް ބުންޏެވެ.

އެދުވަހު އެގެޔަށް ސިލޯނު އަންހެނަކާއި ފިރިހެނަކު ގެނެވުނެވެ.

ޖެހިގެން އައި ދުވަހު އަމަރް، ކުރިއެކޭވެސް އެއްފަދައިން، ބައްޕަގެ ވިޔަފާރި ހިންގުމުގައި އެންމެ ފުރިހަމައަށް ބައިވެރިވާން ފެށިއެވެ.

އަމަރް އޮފީހަށް ދިޔުމާއެކު، ރަނާ މަސައްކަތު މީހުންނާއެކު ތިރިއަށް ފޭބީ، ގޯތިތެރޭ އޮންނަ ހުސް ޖާގައިގައި ބަގީޗާ ގަސް އިންދުމަށްޓަކައެވެ. އޭނާއަކީ ވަރަށް ކުޑައިރުއްސުރެވެސް ބަގީޗާ ހެއްދުމަށް ލޯބިކުރި އަންހެން ކުއްޖެކެވެ.

ދުވަހަކީ ހިސާބަކަށް ވިއްސާރަވެސް ދުވަހަކަށް ވުމާއެކު، ރަނާ ޤަޞްދުކުރީ، މުށިގަނޑުތަކުގައި އިންދާފައި ހުރި ބޮޑެތި ގަސްތައް ގޯތިތެރޭ ބިމުގައި އިންދާށެވެ.

[ރާޖޫ، މިތާ ދެތިން ވަޅު ކޮނެލަބަލަ. ދޭތެރެ ދުރުކޮށް.....] ރަނާ ގަސް އިންދަންވާ ދިމާގައި ލަކުޑިކޮޅަކުން ފާހަގަޖެހިއެވެ. ރާޖޫ ކޮންނަން ފެށިއެވެ. ރާޖޫ ކޮންނަން ފެށިތާ އިރުކޮޅެއްފަހުން، އާދަޔާ ޚިލާފު ކުނިވަހެއް ދުވަން ފެށިއެވެ.

[ރާޖޫ ކޮންވަހެއް އެދުވަނީ....ތިއީ އަނެއްކާ އެއްޗެއް ވަޅުލާފައި އޮތް ތަނެއްތަ؟] ރަނާ ނޭފަތުގައި އަތް އަޅައިގެން ހުރެ ވާހަކަ ދެއްކިއެވެ. އޭރުވެސް ރާޖޫ ކޮންނަމުން ދަނީއެވެ. އޭނާ ކޮންނަމުންދާވަރަކަށް ކުނިވަސް ދިޔައީ ގަދަވެ ފެތުރެމުންނެވެ.

[މިތާ ކޮންމެވެސް އެއްޗެއް ވަޅުލާފައި އެބައޮތް.....ފަސްގަނޑުވެސް ވަރަށް މަޑު. މިތާ ކޮންމެވެސް ނުރައްކަލެއް އެބަވޭ.....އަމަރަށް ގުޅާބަލަ....އެހެން ނޫނީ ޕޮލިހަށް ގުޅާބަލަ.] ރާޖޫއަށް އިތުރަށް ކޮންނާކަށް ނުކެރުނެވެ. ރަނާ އުޅުނީ ފުރަތަމަ ޕޮލިހަށް ގުޅާށެވެ. ޕޮލިސް ނަމްބަރަށް ޑައިލްކޮށްލުމަށްފަހު، ރަނާ ފޯނު ކަންފަތުގައި ޖައްސާލިތަނާހެން އެތަނަށް އައިސް އެހުއްޓުނީ އަމަރެވެ. އަމަރް ފެނުމާއެކު، ރަނާ ފޯނު ކަނޑާލިއެވެ.

[ރަނާ ކޮންތާކަށް ތިގުޅަނީ؟] އަމަރް އައިސް ރަނާއާ އަރާހަމަކޮށް އެއްސެވެ.

[މިއުޅުނީ ޕޮލިހަށް ގުޅަން. މިތަން ބަލާބަލަ އަމަރް. މިތާ އެބައޮތް ކޮންމެވެސް އެއްޗެއް ވަޅުލާފަ. ވަރަށް ބޮޑަށް ކުނިވަސް އެބަދުވާ.] ރާޖޫ ކޮނުނުތަން ރަނާ އަމަރަށް ދެއްކިއެވެ.

[ސާބަސް ރަނާއަށް. އެއީ ދެން އެވަރުގެ ކަމެއްތަ؟ މިގޭ ދޮރުމަތީގައި މަރުވެފައި އޮތް ބުޅަލެއް އަހަރެން އެތާނގައި ވަޅުލީ. ތިތާ ގަސް އިންދާނޭ ކަމެއް ނެތް. އަހަރެން މިއުޅެނީ ތިތާނގަ ގާ އަތުރަން. ރާޖޫ ފަސްގަނޑު ރަނގަޅުކޮށްލާ....] މިހެން ބުނެފައި، އަމަރް ރަނާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.

[ހިނގާ ކާން...މިއަދު އޮފީސް ކިހިނެއް؟] ކާގެއާ ދިމާއަށް ހިނގައިގަންނަމުން ރަނާ އެއްސެވެ.

[ގިނަ ދުވަސްތަކެއް ކޮށްފައި ދިޔައިމާ ވަރަށްގިނަ މަސައްކަތްތައް ހުރި ފުނިޖެހިފައި.] އަމަރް ކާމޭޒު ކައިރިއަށް ހުއްޓުނެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް އަމަރާއި ރަނާގެ ކައިވެންޏަށް ހަމަސް ފުރުނުއިރު، ރަނާއަށް އަމަރްގެ ކިބައިން އާދަޔާ ޚިލާފް ވަރަށްގިނަ ކަންތައްތައް ފާހަގަކުރެވުނެވެ.

ރޭގަނޑު ދަންވަރުގެ ވަގުތު އަބަދުވެސް އަމަރް ހޭލާކަމާއި، ތެދުވެ ބޭރަށް ނުކުންނަކަންވެސް އޭނާއަށް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

[ކޮންމެ ރެޔަކު ދަންވަރު ތެދުވެގެން އަމަރް ދަނީ ކޮންތަނަކަށް. ރޭގައިވެސް އަހަންނަށް ހޭލެވުނުއިރު، އަމަރެއް ނެތް. އެކަނިވީމާ ވަރަށް ބިރުވެސްގަތް. މިހާރު ރޭގަނޑު ވަރަށް ފާޑުފާޑުގެ އަޑުވެސް މިގޭތެރެއިން އިވޭ.] ރަނާ ހެނދުނު ނާސްތާ ކުރަން އިނދެފައި އަމަރާ ވާހަކަ ދެއްކިއެވެ.

[ބައެއް ރޭރޭ ހޫނުވާތީ ނުކުމެލަނީ. ރަނާ ހީކަރުވާނެތީ އެއަރކޯން ޖައްސަންވެސް ނުކެރެނީ. އަހަންނަކަށް މިގޭތެރޭން އެއްވެސް އަޑެއްނީވޭ.] އަމަރް ރަނާގެ މޫނަށް ބަލައިލިއެވެ.

ދުވަސްތަކަށްފަހު ރަނާގެ މަންމައާއި ބައްޕަ އެގެޔަށް އައިސް ވަނީ އެވަގުތެވެ.

[މަންމާ...ބައްޕާ....އަހަރެން މިއަދު މިހުންނަނީ މަންމަމެނާ ބައްދަލުކުރަން ދާން ކަމަށް. ދޮންބެވެސް ގުޅާވެސްނުލާ. ޝެހެނާގެ ޚަބަރެއް ނުވާތާވެސް މަހެއްހާ ދުވަސް ވެއްޖެ.] މަންމަމެން ފެނުމުން، ރަނާގެ މޫނުމަތި އަލިވެގެންދިޔައެވެ.

[މަންމަމެން ތިގެ ދޫކޮށްލާފައި މިގެޔަށް ބަދަލުވާންވީނު. މިގޭގައި މިހާރުވެސް ހުސް ތިން ކޮޓަރި އެބަހުރި. ޙަޤީޤަތުގައި އަހަރެން އުޅޭ ތަނެއްގައި އުޅޭ ޙާލެއްގައި، އަހަރެންގެ މަންމައާއި ބައްޕައަށް ތިބެވެންވާނެ.] ރަނާ މިހެން ބުނެފައި އަމަރްގެ މޫނަށް ބަލައިލިއެވެ. އެވަގުތު ހިތާދެކޮޅަށް ނަމަވެސް އަމަރަށް މަޖުބޫރުވީ އެއްބަސްވާށެވެ. ކޮންމެ ގޮތެއްވިޔަސް، ރަނާގެ ޢާއިލާ އެގެޔަށް ބަދަލުވުމަކީ، ވަރަށްގިނަ ގޮތްގޮތުން އަމަރަށް ދަތިތަކާ ކުރިމަތިވާނޭ ކަމެކެވެ.

[ތެދެއް ބައްޕަމެން ތިގެ ދޫކޮށްލާފައި، މިގެޔަށް ބަދަލުވޭ. ރަނާ އުޅޭ ތަނެއްގައި ބައްޕަމެނަށް އުޅެވެންވާނޭ ކަމަށް އަހަރެންވެސް ޤަބޫލުކުރަނީ.] އަމަރް އެއްބަސްވިއެވެ.

[ތިދެކުދިން ތިވަރަށް އެދެންޏާ، މަންމަމެން މިމަސް ނިންމާފައި މިގެޔަށް ބަދަލުވާނަން.] ޝަފީޤާ އެއްބަސްވިއެވެ. ރަނާ ވަރަށް އުފާވިއެވެ. ރަނާ ކިތަންމެ އުފާވި ކަމުގައިވިޔަސް، އަމަރް އުފަލެއް ނުވެއެވެ. އޭނާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ނިކަން ފަސޭހައިން އަމަރްގެ އިޙްސާސްތައްވެސް ރަނާ ދެނެގަތެވެ. ރަނާ އެކަމާ ބެހޭގޮތުން އަމަރާ ސުވާލުކުރީ މަންމަމެން ދިޔައީމައެވެ.

[އަޞްލު އަމަރް ހިތާދެކޮޅަށްދޯ މަންމަމެން މިގެޔަށް ގެންނަން އެއްބަސްވީ. އަޅެ އަހަރެން އުޅޭގޮތަކަށް އެމީހުންނަށްވެސް އުޅެވެންވާނެއެއްނު. އަހަރެންގެ މައިންބަފައިންނަށް ނޫޅެވޭނެ ތަނެއްގައި އަހަރެންވެސް ނޫޅޭނަން.] މަންމަމެން ދިޔުމާއެކު، ރަނާ އަމަރާ ސުވާލުކޮށް ޝަކުވާ ކުރިއެވެ.

[ރަނާ އެއްފަހަރުވެސް، މަންމަމެންނަށް މިގޭގައި ނުތިބެވޭނެޔޭ އަހަރެން ބުނެފިންތަ؟ ރަނާއަށްވެސް ފަސޭހަވާނީ ރަނާގެ މަންމަގެ ގާތުގައި އުޅެންކަން އަހަންނަށް އެނގޭ. އެކަމަކު އަހަންނަކީވެސް ވަރަށް މިނިވަންކަން ބޭނުން މީހެއް. އެހެން އިންސާނުންނާ އަހަރެން ވަރަށް ތަފާތުވާނެ.] ރަނާގެ ދެކޮނޑުގައި އަމަރް ހިފެހެއްޓިއެވެ.

[މިގޭ މަތި ނިންމަންވީނު. އޭރުން މަންމަމެނަށް އެބައިގައި އުޅެވޭނެ. އެގޮތް ކިހިނެއްވާނެ.] ރަނާ ޚިޔާލު ދިނެވެ.

އެއީ އަމަރަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށްވުމުން، ކުރިއަށް އޮތް ފަންސަވީސް ދުވަސްތެރޭ އެބައި ނިންމައި ފަރުނީޗަރު ވެއްދުމަށްޓަކައި އޭނާ ބަޔަކާ އެމަސައްކަތް ޙަވާލުކުރިއެވެ. އަމަރްގެ ނިންމުންތަކުން އޭނާ ރަނާދެކެ ލޯބިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އެކަން ރަނާވެސް ފާހަގަކުރެއެވެ.

ރަނާ ޒަވާޖީ ޙަޔާތް ފަށައިގެން އުފަލުގައި އުޅެމުންދިޔަ ކަމުގައިވިޔަސް އަދިވެސް ވާސިލްގެ ވިސްނުން ބަދަލެއްނުވެއެވެ. އޭނާ އަދިވެސް އިންތިޒާރު ކުރަނީ ރަނާއަށެވެ. އޭނާ ދޭތެރެ ދޭތެރެއިން ރަނާގެ ބެސްޓް ފްރެންޑް ޝެހެނާއާ ގުޅާފައި، ރަނާގެ މަޢުލޫމާތު ހޯދައެވެ. ރަނާ އުޅެނީ އުފަލުގައިތޯއާއި، ރަނާއަށް އަމަރް ރަނގަޅުތޯވެސް އަހައެވެ.

[އަމަރް ރަނާދެކެ ނުލާހިކު ލޯބިވޭ. ދެން ކީއްވެ އޭނާ ރަނާއަށް ނުބައިވާންވީ. ރަނާ އަބަދުވެސް ބުނަނީ، އަމަރް ހުންނަނީ އޭނައާހެދި މޮޔަވާވަރުވެފައި ކަމަށް.] ޝެހެނާ ވާސިލާ ވާހަކަ ދެއްކީ ފޯނުންނެވެ.

[އެކަމަކުވެސް ރަނާ އަދިވެސް އޭނާދެކެ ލޯތްބެއްނުވޭދޯ؟ ނުވެސްވާނެ. ރަނާ އަބަދުވެސް ލޯބިވާނީ އަހަރެންދެކެ.] އެއީ ވާސިލް ޔަޤީންކުރާގޮތެވެ.

[އަދިވެސް ރަނާ އަމަރް ގާތުން ވަރިވެގެން އަތުވެއްޖެއްޔާ، ވާސިލް އިންނާނަންތަ؟] ޝެހެނާ އެއްސެވެ.

[އާނ...ޝައްކެއްނެތެއްނު. މިހާރުވެސް އައިސްބަލަ. ވަރިހަމަ މީގެ ވިހި އަހަރު ފަހުން އަޔަސް، އަހަރެން އޭނައާ އިންނާނަން. ޝެހެނާއަށް އެނގޭތަ، އަހަރެން އޭނާދެކެ ހާދަ ލޯބިވެޔޭ.] ވާސިލްގެ އަޑާއި ރާގު ބަދަލުވިއެވެ.

[އެކަމަކު މިހާރު މިއީ ބާ މުދާ ގަންނަ ޒަމާނެއް ނޫނެއްނު. ބާއެއްޗެހި ބޭނުންނުކުރާ ވާހަކައަކީ، މިހާރު ވަރަށް ދެކެވޭ ވާހަކައެއް.] ޝެހެނާ ސަމާސާކޮށްލުމުގެ ޤަޞްދުގައި މިހެން ބުނެފައި ހީގަތެވެ.

[އެއީ މޮޔައިން ދައްކާ މޮޔަ ވާހަކަ. ބާކޮށްފައި އެއްލާލާ މުދާވެސް، ފަހުން ބޭނުން ޖެހިދާނެ. ހަމަގައިމުވެސް އަހަންނަކަށް ރަނާ ބަލެއްނުވާނެ.] ވާސިލް ބުންޏެވެ.

ރަނާއަށް އިތުބާރު ކުޑަކުރެވުނީތީ، މިހާރު ވާސިލް ވަރަށް ދެރަވެއެވެ. ޙަޤީޤަތުގައި ރަނާ އޭނާއަށް ގެއްލުނީ، އެދުވަހު ރަނާ ތަކުރާރުކޮށް ހުވާކޮށްފައި ބުނީމާވެސް، އޭނާއަށް ރަނާއަށް އިތުބާރު ނުކުރެވުމުގެ ސަބަބުންނެވެ.

ޙަޤީޤަތުގައި ކޮންމެފަދަ ގުޅުމަކީވެސް އިތުބާރާނުލާ ދެމިއޮންނާނޭ ގުޅުމެއް ނޫނެވެ. ހަމަގައިމުވެސް ވާސިލަށް ރަނާ ގެއްލުނީ، އިތުބާރު ނުކުރެވުމުގެ ސަބަބުންނެވެ.

ދުވަސްތައް މާޒީވަމުން ގޮސް އަމަރާއި ރަނާގެ ކައިވެންޏަށް އަހަރުވުމާއެކުހެން، ދެފަރާތުގެ ޢާއިލާއިން އަމަރާއި ރަނާ ކުއްޖަކު ހޯދުމުގެ މަޝްވަރާދޭން ފެށިއެވެ. އެންމެ ބޮޑަށް އެކަމަށް އެދެނީ، އަމަރްގެ ބައްޕަ ނިޔާޒެވެ. ނިޔާޒް ބޭނުންވަނީ، ވީހާވެސް އަވަހަކަށް އޭނާއަށް ކާފަ ކިޔާނޭ ކުއްޖަކު ހޯދުމެވެ. އެކަމަކު ބައްޕަމެން ކިތަންމެ ބޭނުންވިޔަސް، އެއީ އަމަރަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އޭނާއާއި ރަނާގެ ގުޅުމަށް ކުއްޖަކު ލިބިދާނޭ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

މަރިޔަމް

09-Aug-2020

މީތި ސަޅި އޭ ވަރަށް



ޓްރެންޑިން