ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންނަވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރުޑީސީ) އިން ކުރިއަށް ގެންދާ މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަމުން އަންނަނީ 31 މަގެއްކަމަށް އާރްޑީސީން ހާމަކޮށްފައިވެއެވެ. އެއީ ޖުމްލަ 7.25 ކިލޯ މީޓަރެވެ. އާރްޑީސީން ބުނީ މިހާތަނަށް އައިއިރު 31 މަގުގެ ތެރެއިން 4 މަގެއް ފިޔަވައި އެހެންމަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އަނެއް ހަތަރު މަގުގައިވެސް 90 އިންސައްތަ ބޮޑުކޮށް ވަނީ ނިންމާލެވިފައެވެ.

މީގެއިތުރުން، މިމަޝްރޫޢުގެ ދަށުން 18 މަގެއްގައި ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ މަސައްކަތް ނިންމައި، ބާކީ މަގުތަކުގައި އެމަސައްކަތުގެ 80 އިންސައްތައިން މަތިން ނިމިފައިވާކަަމަށް އާރްޑީސީން ހާމަކޮށްފައިވެއެވެ. އަދި އެންމެ މަގެއް ފިޔަވައި ހުރިހާ މަގެއްގެ ސްޓޯރމް ވޯޓަރ ޓޭންކް ބެއްޓިފައިވާ އިރު ހުރިހާ މަގެއްގައި ސްޓޯރމް ވޯޓަރ ހޮޅިވެސްވަނީ އެޅިފައެވެ.

އާރްޑީސީން ބުނީ 17 މަގެގައި ކާރބް ސްޓޯން ޖަހައި، ބާކީ މަގުތަކުގެ އެމަސައްކަތުގެ އެވްރެޖްކޮށް 50 އިންސައްތަ މަތިންވަނީ މަސައްކަތްތައް ނިމިފައިވާކަަމަށެވެ. އަދި ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލައިގެ މަސައްކަތް 21 މަގެއްގައި ނިމިފައިވާކަަމަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން 6 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. އަދި 6 މަގެއްގެ ތާރު އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ އަށްވުރެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކާއި އެހެނިހެން ބޮޑެތި މަސައްކަތްތަކުގައި ބޮޑުބައި ނިންމާލެވިފައިވާއިރު، ކުރިއަށް ދުވާރާއި ޕޭވިންގ މަސައްކަތަށްވެސް އަންނަނީ ކުރަމުންނެވެ.

ކުޅުދުއްފުށި ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 10 ޖޫން 2021 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 100,700,048.55 ދިވެހި ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން