އިންޑަސްޓްރިއަލް ވިލެޖަށް ގަވާއިދާއި ޚިލާފަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯ އިން ހާމަކޮށްފިއެވެ.

ވެމްކޯއިން މިކަން ހާމަކޮށްފައިވަނީ، ކުނި ގިނަވެ، ގޮނޑުވެފައި އޮންނަތާ ގިނަ ދުވަސް ވެފައިވާ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އިއްޔެ ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ވެމްކޯއިން ބުނީ، ގަވާއިދާއި ޚިލާފަށް ތަންތަނަށް ކުނިއަޅާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށެވެ. އޭގެ އިތުރުން ޤަވާއިދާ ޚިލާފަށް ހިންގާ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެމްކޯ އިން ވަނީ ގޮވާލާފައެވެ.

"އިންޑަސްޓްރިއަލް ވިލެޖް ކްލީން އަޕް" ޙަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު ނުވަ މަސް ދުވަހުގެ ތެރޭގައި އެ ސަރަޙައްދު ތިން ފަހަރެއްގެ މަތިން އެއްކޮށް ސާފު ކޮށްފައި ވާކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަނީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓަރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފުލުހުން ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ މިހާރު ކުރިއަށްގެންދާ ސާފުކުރުމުގެ މަސައްކަތަށްފަހު އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ސަރަހައްދުތައް ބަންދު ކުރާނެކަމަށާއި، އެއީ މީހުން ގޮސް އެފަދަ ތަންތަނަށް ޕިކަޕު ވައްދައި ކުނިއަޅާތީ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުތަކަށް ވަދެ ނުކުތުން ކޮންޓްރޯލް ކުރުމަށް ގޭޓް ތަކެއް ހަރުކުރުމާއި، ފުލުހުންނާ ގުޅިގެން ސެކިއުރިޓީ ބެހެލެއްޓުން ފަދަ ކަންތައް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން