ސަރުކާރުގެ އަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެފަދަ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ފެއްތުން ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ސައްތައިން ސައްތަ ބައޯމެޓްރިކަލީ ކަށަވަރުކުރުމަށް، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގާ "އޮޕަރޭޝަން ކުރަނގި" އިފްތިތާހުކޮށް އަމަލީ މަސައްކަތް ފެށުމަށް މިއަދު ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިންމަފުށީގައި މިއަދު މި އޮޕަރޭޝަންގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައްސަލައެއް ކަމަށާއި، މިއަދު ފެށި އޮޕަރޭޝަންގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް ޑީޕޯޓްކުރުން ނޫން ކަމަށެވެ.

އޭގެ ބަދަލުގައި އެފަދަ މީހުން ދެނެގަނެ، އެ މީހާގެ އައިޑެންޓިޓީ ކަށަވަރުކުރުން ކަމަށާއި، އެމީހާ ލީގަލައިޒް ކުރެވޭނަމަ އެކަން ކުރުމަކީ އަމާޒް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަސައްކަތަކީ 3 އަހަރު ދުވަހުގެ މަސައްކަތެއް ކަމަށާއި، އެގޮތުން ފުރަތަމަ އަހަރު ކުރަން ނިންމާފައިވާ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯމް މިނިސްޓްރީގެ ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކޮން ގައުމުތަކެއްގެ ބިދޭސީންނެއް ކަމާއި، މަސައްކަތް ކުރާތަން ފަދަ ހުރިހާ މައުލޫމާތެއް ސިސްޓަމަށް ނެގޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޖެހިގެން އަންނަ ދެ އަހަރު މަސައްކަތް ކުރާނީ ކަށަވަރު ނުވާ، ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭނެ މީހުން ރާއްޖެ އިން ބޭރު ކޮށްލަން." ވަޒީރު ވިދާޅުވިއެވެ.

"އޮޕަރޭޝަން ކުރަނގި" އިފްތިތާހުކޮށް އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިހާތަނަށް އެއްވެސް ސަރުކާރަކަށް ހޯދިފައެއް ނުވެއެވެ.

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ހިޠާބުގައި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން 48 ގަޑީރުތެރޭ ޑީޕޯޓް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން