އާޤާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅައިފިއެވެ. ވެރިކަމުގެ ބާރުތައް ވަކިކޮށްފިއެވެ. ގާނޫނު އަސާސީ ދަންނަނީ މި ގައުމުގައި އޮތީ ތިންބާރު ވަކިވެފައި ކަމަށެވެ. އެންމެން ފޫގަޅާފައި ނުކުމެ 30 އަހަރުގެ މުސްކުޅި ނިޒާމު ބަދަލުކުރީ އެނިޒާމު ދަންނަނީ ޚުދުމުޚުތާރުކޮށް މުޑުދާރުކޮށް ވެރިކަން ކުރަން ކަމަށް ވާތީއެވެ. ޒަމާނުއްސުރެ ރާއްޖޭގައި އޮތްކަމަށް ބުނާ އެ ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމު މި ވަނީ ބަދަލުކޮށްފައެވެ. އޭރު އޮތް ނިޒާމު ބަދަލު ކުރީ ހުރިހާ ބާރެއް ވެރިމީހާ އަންބޮޑިއަށް ލައިގެން އޭނާގެ ގޭގެ އުނދޯލިގެއިން ވެރިކަން ހިންގައި ޝަރީއަތްކޮށް ހުކުމްކުރުން ކަޑަވީމައެވެ. ކޮއްކޮއާއި ބޭބެއާއި ޅިޔަނާއި ފަހަރިއާއި ދެފަރާތުގެ ބޭބެއިންނާއި އެކުގައި ކުޅެން އުޅުނު ކުދިންކޮޅު ވެސް ލައިގެން ވެރިކަން ކުރުން ހަގީގަތުގައި ވެސް މާ ބޮޑުތަނުން ފީކަޅާ ވީމައެވެ. މިކަންކަން ބަދަލު ކުރުމަށް ގަދައަޅައި މަސައްކަތް ކުރެއްވިކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން މިއަދު މިތިއްބެވީ ސަރުކާރުގެ މަތިފަޑީގައި އާރާއި ބާރާއިއެކުގައެވެ.

އޭރުގެ އެބުނާ ތިންބާރު މަސްހުނިކޮށް ބާރުތައް ހަނިކުރިކަމަށް ހަރުއަޑުން ވަކާލާތުކުރި މީހުން މިއަދު މިތިބީ ވެރިކަމުގެ އާރާއި ބާރުގައެވެ. އަބަދުވެސް މިކަންކަމާއި އެންމެ ހަރުއަޑުން ވަކާލާތުކޮށް ޑިމޮކްރަސީގެ ބައްޕަކަމުގައި ދެކިގެން އުޅުންވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މިކަންކަމަށް އެންމެ ހަރުއަޑުން ބާރުއެޅުއްވި ލީޑަރެވެ. ރާއްޖޭގައި ޑިމޮކްރަސީ އޮތްމިންވަރު ރައީސް ނަޝީދާއި އެންމެގާތްކަމަށް ވަކާލާތުކުރައްވާ އިންޑިޔާގެ ބައެއް ނޫސްތަކުން މިއަދު ސިފަކުރަނީވެސް ހުދުމުހުތާރު ބާރުތައް އެއްކޮށްފައިވާ މަސްހުނި ނިޒާމެއްގެ ގޮތުގައެވެ.

ވެރިކަމުގެ ނިޒާމު މިއަދު މިއޮތީ ހަމަ އެވެރިން އެކީ ގޮތަށް ރަނުން ރަނަށް ބަދަލުވެފައެވެ. އެކަމަކު އެބުނާ ޒަމާނީ ޑިމޮކްރެސީ ހިންގަން އެވެރިންނާ ހަވާލުވުމުން މިހާރުވެސް އެބުނާ ޒަމާނީ ޑިމޮކްރެސީގެ މުޅި އޮޑީގައި މިއޮތީ ހަސަނުގެ ދެފައެވެ. ޝަރުއީ ދާއިރާ ރިފޯމްކޮށް ފީ ހޮވާން، ކަޓްނަގައިގެން ސަދޫމް ޖަސްޓިސް ހިންގާ ބައިގަނޑަށް އަދަބުދީ ބޭރުކުރާން ހެދި ޖޭއެސްސީގައި ވެސް ހަމަ ހަސަނެވެ. ރޫލިން ޕާޓީގެ އެންމެ އިސްމީހަކީވެސް ހަސަނެވެ. ރާއްޖޭގެ އެންމެބޮޑު ޕާޓީގެ ރައީސަކީވެސް ހަސަނެވެ. ގާނޫނު ހަދަނީވެސް ހަސަނެވެ. ގާނޫނު ތަންފީޒު ކުރޭތޯ ބަލަނީވެސް ހަސަނެވެ. އެބުނާ މިނިވަން މުއައްސަސާތަކަށް މީހުން ލައި އެތަންތަން ހިންގަނީވެސް ހަސަނެވެ. ގިނަ މީހުން މިއަދު އެއްބަސްވާ ގޮތުގައި މުޅި ސަރުކާރުގައި ހަސަނުގެ ދެފައެވެ.

ދާދިފަހުން ރާއްޖެއިން ބޭރުން ޒިޔާރަތް ކުރި ނޫސްވެރިޔަކު ސިފަކުރި ގޮތުގައި އޭނާ އަށް ރާއްޖޭގެ ޑިމޮކްރަސީ ފެނުނީ އެންމެ މީހެއްގެ ނުފޫޒާއި ބާރުއޮތް ޑިމޮކްރަސީއެއްގެ ގޮތުގައެވެ. އޭނާ ބުނާގޮތުން އެބުނާ ހަސަނާ ވައްތަރު މީހުން ރާއްޖޭގައި އެހާގިނަވީމާ ހުރިހާ ތާކުން އެ ހަސަނު ފެންނަނީ ކަމަށްވެސް ވެދާނެއެވެ. އެހެން ނޫންނަމަ ދައުލަތުގެ އިސްމަޤާމުތައް އެކެއްގެ މުށުތެރޭގައި އޮވެ، މުޅި އޮޑީގައި ހަސަނު ދެފައި އޮތުމަކީ ޑިމޮކްރަސީއަށް ތަރުހީބުދީ ވަކާލާތު ކުރައްވާ ބޭފުޅުންގެ ކިބައިން ނުފެންނާނެ ނޫނީ ފެނިގެން ނުވާނެ ސިފައެއްކަމަށް މިދެންނެވި ނޫސްވެރިޔާ ވެސް އެއްބަސްވެއެވެ.

އޭނާ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަށް ދިޔައިރު އެތާނގައި ވެސް ނަގާކިޔަނީ ހަސަނެވެ. ބޭރު ގައުމަކުން ރާއްޖެއަށް ދޭ ހަދިޔާއެއް ހަވާލުވާން ސަރުކާރުން ބޭއްވި ރަސްމިއްޔާތަކަށް އޭނާ ދިޔައިރު އެތަނުގައި ސަރުކާރު ތަމްސީލު ކުރައްވަނީ ވެސް ހަސަނެވެ. ރާއްޖޭގައި އޮތް ނަމޫނާ ޑިމޮކްރެސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލު ވުމަކަށް އޭނާދިޔައެވެ. ރަނގަޅަށް އެތަނުގެ ޚަބަރު ދަބަރު އޮޅުންފިލުވާަލިއިރު އެ ބައްދަލު ވުމުގައި ވެސް ނަގާކިޔަނީ ހަމަ ހަސަނެވެ. އޭނާ ދެން ގޮސް ވަދެލީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބެލެނިވެރި ފަރާތް ކަމަށް ކިޔާ ކޮމިޝަނަށެވެ. އަސްތާ އެތަނުގައި ވެސް ނަގާކިޔަން އިންނެވީ ވެސް ހަމަ އެއްކަ ހަސަނެވެ. ސަރުކާރު ހިންގާ ޕާޓީ ތަކުގެ ތެރޭގައި ހިމެނޭ މައި ޕާޓީގެ ރައީސަކީ ކާކުތޯ އޮޅުން ފިލުވައިލިއިރު އެ ގޮނޑީގައިވެސް ހަމަ ހަސަނެވެ.

އެހެންވީމާ މަޖީލީހުން ސަރުކާރަށް ނުފޫޒު ފޯރުވާ ވާހަކައާއި ސަރުކާރު ހިންގާ ވާހަކައާއި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މަޖީލީހުގެ ރައީސް ނަންގަވަން މަސައްކަތް ކުރައްވާ ވާހަކަ އަކީ މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ. ހުރިހާ ބާރެއް މަޖިލީހަށް ޖަމާކޮށް، ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބްކޮށްފައި ހުއްޓަސް އެއީ އެއްވެސް ބާރެއްނެތް "ރަމްޒީ" މީހެއްގެ ގޮތުގައި ހެދުމަށް މަޖިލީހުގެ ރައީސް ހުއްޓުމެއްނެތި ރެއާއި ދުވާލު މަސައްކަތް ކުރައްވާ ކަމަށް ބައެއް މެންބަރުން އެކުރައްވާ ތުހުމަތު ތަކަކީ މިއަދު ހަމަ އިރު ފެންނަ ފަދައިން ފެންނަން އޮތް ހަގީގަތެކެވެ.

އެހެންވީމާ ކަލާއި ހުދުން ގަނޑެއްގައި ލިޔެ ގެޒެޓް ނުކުރިއެއްކަމަކު މިއަދު މިދަނީ އެބުނާ ބަރުލަމާނީ ނިޒާމާ ދިމާއަށް ގައުމު ފައްކާވަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއަދު ގައުމު ހިންގަވަނީ، ދައުލަތް ހިންގަވަނީ ބޮޑުވަޒީރެވެ. ހަގީގަތުގައި ވެސް ފެންނަނީ އެމަންޒަރެވެ. އެމަނިކުފާނުގެ ފަހަތް ޕުޅުން އެމަސައްކަތް ކުރުމުގައި މަޖިލީހުގެ ގިނަ މެންބަރުން އެބަ މަސައްކަތް ކުރައްވައެވެ. އެމަންޒަރު ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެބަ ފެނެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކޭ ގޮތުގައި ރައީސް ނަޝީދުގެ މި ފިކުރަކީ އެމްޑީޕީގެވެސް އަސްލު ފިކުރެވެ. އެފަދަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ތާށިވެފައި އޮތް ސަރުކާރު ދެން ހިނގައިގަންނާނީ ވެސް މި ގޮތަށް ބަދަލުވެގެންނެވެ. ރައީސް ނަޝީދުގެ މާޒީވެދިޔަ ސިޔާސީ ހަޔާތްޕުޅުގައި ބަރުލަމާނީ ނިޒާމު ނޫން ނިޒާމެއް ރަނގަޅަށް ހިނގާތަން ފެނިވަޑައިގެންފައި ނުވާކަމަށް އެވިދާޅުވާ ވިދާޅުވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތެވެ. އެއީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ، އިންޑިއާވެސް ބާރުއަޅާ ގޮތެވެ. ރައީސް ނަޝީދު ނަމޫނާ ނަންގަވަނީ އިންޑީއާއިންނެވެ. ބޮޑު ވަޒީރު މޯދީގެ ފަރާތްޕުޅުންނެވެ. ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ދިވެހިރާއްޖެއަށް މޮޅާއި ކުރިއެރުން ލިބެން އޮތީވެސް މޯދީ ދައްކަވާ މަގުން އެމަނިކުފާނުގެ ފަހަތް ޕުޅުން ހިންގެވުމުންނެވެ. ރައީސް ނަޝީދަށް ތަރައްގީ ވެސް މުއްސަނދިކަން ވެސް މިނިވަންކަން ވެސް ފެނިވަޑައިގަންނަވަނީ ބޮޑުވަޒީރު މޯދީގެ ފައިތިލަ ދަށުންނެވެ. ބޮޑުބޭބެގެ ފަރާތުންނެވެ. ބޮޑުބޭބެ ބޭނުންވާ ގޮތަކީ ބަރުލަމާނީއެވެ. ރައީސް ނަޝީދު ބޮޑުވަޒީރަކަށް ހުންނަވައިގެން ބޮޑުބޭބެގެ ފަހަތްޕުޅުން ހިންގެވުމެވެ. މިދަނީ ހަމަ އެމަގަށެވެ. ބަލަން ތިބެމާ ހިނގާށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކުކުޅޭ

09-Aug-2020

ދެންވެސް މިގައުމުގާ ނެތޯމިސޮރު ވަރުގެ ލީޑަރެއް ޕާޓީ ކުދިން ކޮޅު އެތިބަ އުފަލުން މޮޔަވަނީ


21

ނުރަބޯ

08-Aug-2020

ދިވެހިންގެ ތެރޭގައި އަމިއްލަ އެދުން ބޮޑު މީހުން ތިބުމުން ގައުމަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ނިކަމެތި ކަމެއް މިއީ. އެމްޑީޕީ އަށް ވެރިކަން ދޭއިރުވެސް އެނގެންވާނެ ކޮންމެމީހަކު އޮޑީގެ މާލިމީ އަކަށްހުއްޓަސް ހުރިހާ ބާރެއް އެ ދެވެނީ ހަސަނަށް ކަން. ދެން އެހެންނަމަވެސް ހަސަނަކީ މާލިމީ ކަމަށް ގާބިލް މީހަކަށް ނު ވާތީ ހަސަނުގެ ސަބަބުން އޮޑިއަށް ގެއްލުން ލިބޭތަން ދެކެން ވާނެ ގޮތެއް ވާން ދޫކޮށްލައިގެން ފަޅުވެރިން ތިބެގެންވެސް ނުވާނެ.


19

ސަމީލު

08-Aug-2020

ޚިޔާލު ގެ މައްޗައް ބުރަވެ ލިޔެވި ކުލެޖައްސައިގެން ކަމުގެ އަސްލު އޮޅިފައިވާ ލިޔުމެއް، ވެރިކަމުގެ ނިޒާމު ކަތުރުފަނި އެޅި އިންސާފު ވަނީ ފާލުންނެއްޓިފައިވާ ގައުމެއްގެ ނިޒާމް ރަގަޅުކުރަން ޖެހޭ ވާހަކައެއްނެތް


12

އަޑޭ

07-Aug-2020

މީ ވަރަށް ތެދުބަހުން ލިޔެފައިވާ ލިޔުމެއް އަސްލު މިހާރު ފެންނަމުން ދާ ހަގީގަތަކި މީ ހަމަ


21

އަހުމަދު ނައީމް

07-Aug-2020

ވަރަށް ލަދުވެތި ކަމެއް! ހުރިހާ މުހިންމު ދާއިރާއެއް މި ހަސަން ވަނީ ހިސޯރުކޮށްފައިކަން ރަގަޅަށް ފަޅާއެރީ!


22

ޙަސަން ސޮބްރީ

07-Aug-2020

ބޭރުކުރަނވީ.



ޓްރެންޑިން