ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މުއިއްޒު ސްޕީޑްގައި ބާރަށް ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށް އައްޑޫ މަރަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ސ. މަރަދޫ އާޒާދުގޭ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

“ރަސް އޮންލައިނަށް” ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އަޙްމަދު ދީދީ ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ވަޑައިގަންނަވާނީ އައްޑޫގެ ތަރައްޤީއަށް ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫޢުތައް ނުހުއްޓޭނެކަމުގެ ކަށަވަރުކަން ހޯއްދެވުމަށް ކަމަށެވެ.

އެގޮތުން ދީދީ ވަނީ އައްޑުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މުޢިއްޒު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ހަމައެއާއެކު ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް އުންމީދީ ތަޞައްވަރަކާއެކު މުހިންމު މަޝްރޫޢުތަކެއް ރާވާފައިވާ ކަމަށާއި އައްޑޫގައި 3 ރަށް ހިއްކައި ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓަށް ފަތުރުވެރިކަން ފެށުމުގެ ފްލޭންތައް އެ ސަރުކާރުން ކޮށްފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ.

އޭގެ އިތުރުން އައްޑޫ އެއަރޕޯޓާއި އައްސޭރި ޓޫރިޒަމް ފައްކާ ކުރުންވެސް ކުރިއަށް ގެންދަންޖެހޭ ކަމަށާއި އެހެންކަމުން އެ މަޝްރޫޢު ޙަޤީޤަތަކަށް ހަދައި އޭގެ ފައިދާ އައްޑޫގެ ރައްޔިތުންނަށް ހޯދައި ދިނުމަކީ މަޖިލީހުގައި އެންމެބޮޑު އިސްކަމެއް ދެއްވައިގެން ކުރަށްވާނެ މަސައްކަތް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަޙްމަދު ދީދީ ވިދާޅުވިއެވެ.

“އަޅުގަނޑު ކެމްޕޭނުގައިވެސް ރައްޔިތުންނަށް ދިން ޔަޤީންކަމަކީ މި ބްލޫޕްރިންޓަށް މަސައްކަތް ކުރޭތޯ އެކަން ކަށަވަރު ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ.” އަޙްމަދު ދީދީ ވިދާޅުވިއެވެ.

ދީދީ އިތުރަށް ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ތަރައްޤީވެގެން ދިއުމަކީ އައްޑޫއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ޙައްލު ކުރެވޭނެ މަގު ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ އައްޑޫގެ އިޤްތިޞާދަށްވެސް އޭގެ ހެޔޮ އަސަރުތައް ފޯރާނެ ކަމަށް އަޙްމަދު ދީދީ ވިދާޅުވިއެވެ.

އޭގެ އިތުރުން ފަތުރުވެރިކަން ފުޅާކުރުމާއެކު އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ އައްޑޫއަށް އެންމެ މުހިންމު މަޝްރޫޢުތައް ކަމަށާއި އެކަންކަން ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވުމާއެކު ބާރު އަޅުއްވާނެ ކަމަށް ރަސް އޮންލައިނަށް ދެއްވި ބަސްދީގަތުމުގައި ދީދީ ފާހަގަކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން