ވެމްކޯގެ އޮޕަރޭޝަންތަކުގައި ޕްލާސްޓިކް ކުނި މެނޭޖު ކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށް، މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްފި އެވެ.

ވެމްކޯގެ ފްލީޓަށް އިތުރުކުރި އުޅަނދުތަކުގެ ތެރޭގައި ދެ އިލެކްޓްރިކް ވެހިކަލް (އީވީ)އާ އެކު ޖުމްލަ ހަ އުޅަނދު ހިމެނެ އެވެ. މި އުޅަނދުތަކުގެ އެހީއާއެކު މާލެ ސަރަހައްދުގައި ޕީއީޓީ ކުނި އެއްކުރުމާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ވެމްކޯއިން ބުނެއެވެ.

އުޅަނދުތައް ވެމްކޯއާ ހަވާލުކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިންނެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނީ ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އެވެ.

ކުނި މެނޭޖު ކުރުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއަކަށް ވާއިރު މިއީ ޔޫއެންޑީޕީ މޯލްޑިވްސްއިން އެކަމަށް ވެދޭ އެހީތެރިކަން ފާހަގަކޮށްދޭ ކަމެކެވެ. އަދި ކުނި މެނޭޖު ކުރުމުގައި މިފަދަ 'ކްލީން އެނާޖީ ސޮލިއުޝަންސް' ބޭނުންކުރުމަކީ ރާއްޖޭގެ ކާބަން ފުޓްޕްރިންޓް މިހާރަށް ވުރެ ދަށްކޮށްދޭނެ ކަމެކެވެ.

ވެމްކޯއަށް އިތުރުކުރި އުޅަނދުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ، "މިފަދަ އީކޯ-ފްރެންޑްލީ އުޅަނދުތަކަކީ ވެމްކޯއަށް ގެނެވޭ ބޮޑު ބަދަލެއް. މިއީ ރާއްޖޭގެ ކުނި މެނޭޖުކުރުން ޒަމާނީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް" ކަމަށެވެ.

އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި މާނަުހރި މަސައްކަތްތަކެއް ކުރެވޭނެކަން އެނގިގެންދާ ކަމަށާއި މި އުޅަނދުތަކާ އެކު ތިމާވެއްޓާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން