ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދާއި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ، ރޯދަ މަހުގެ ކަރަންޓާއި ފެން ބިލަށް ދީފައިވާ ޑިސްކައުންޓްގެ ތަފްސީލް ޙިއްސާކުރަށްވާފައެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ފާއިތުވީ ރަމަޟާންމަހު ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ފެނާއި ކަރަންޓުން ދީފައިވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން ރޯދަ މަހު ފޮނުވި ބިލަށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށްވެސް ޑިސްކައުންޓް ދީފައިވާ ކަމަށާއި، އަލަށް ކަރަންޓުލީ ފަރާތްތަކަށްވެސް އެ ޑިސްކައުންޓް ދީފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ މިއަދު ވިދާޅުވީ ރޯދަ މަހު ކަރަންޓުގެ ޕީކް އުޅެނީ ހަވީރު 4 އަކުން 6 އަކާއި ދޭތެރޭގައި ކަމަށާއި، މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށުނު ދުވަހާއި ނިމުނު ދުވަހު ރީޑިން ނަގާ ހަމައެކަނި ރޯދަމަހަށް ބިލު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ ކުންފުނިން ބިލް ކުރަމުން ދިޔައީ ޔޫއާރްއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމަށާއި، ރޯދަ މަހު ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މުއާޒް އިތުރަށް ވިދާޅުވީ ފެނަކައިން ރޯދަމަހު ފޮނުވި ބިލުން ޖުމްލަ 25 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދީފައިވާ ކަމަށެވެ.

މުއާޒް ވިދާޅުވީ އެ ޑިސްކައުންޓް ދިނީ އެވްރެޖް ބިލަކަށްވާ ވަރަށް ކަމަށާއި އެ މިންގަނޑަށް ނުފެތޭ ބިލުތަކުންވެސް 10 ޕަސެންޓުގެ ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.

ހަމަ އެއާއެކު ކަރަންޓު ބިލަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލާގައި މުއާޒް ވިދާޅުވީ އެގޮތަށް ދިމާވަނީ ކަރަންޓު ބޭނުންކުރެވޭ ނިސްބަތް މަތިވުމުން ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުކަން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ރޯދަމަހުގެ ޔޫޓިލިޓީ ބިލްތަކުން ޑިސްކައުންޓް ދިނުމަކީ ރައީސް ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށާއި، ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށް ޔުޓިލިޓީ ކުންފުނިތަކުން މިއަދު ވަނީ ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން