ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް އުފުލާފައިވާ ކަމަށެވެ.

އެގޮތުން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޕީޖީގެ ބަޔާނުގައިވެއެވެ.

އަދި މައުމޫނަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވާތީ، އޭނާ ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާ ހާލަތުގައި އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރަކަށް އެދިފައި ވާނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މައުމޫންގެ މައްޗަށް އެފަދަ އަމުރެއް ކޯޓުން ނެރޭ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިވާނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

ޕީޖީން ބުނީ މި ދަޢުވާތައް މައުމޫންގެ މައްޗަށް ސާބިތުވެއްޖެނަމަ ކޮންމެ ދަޢުވާއަކަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން