ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ ރޯލްމޮޑެލްއަކީ ޢަބްދުއްރަހީމް ޢަބްދުﷲ ކަމަށް ވިދާޅުވުމުން ދެން ދަންނަވާނެ އެއްޗެއް ނެތްކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނަށް ކޮށްފައިވާ ޖަލުހުކުމުން ސަލާމަތްވެވަޑައިގެން ކޯޓު ބޭރުގައި މިރޭ ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ޒާތީގޮތުން ރައީސް މުޢިއްޒުއާއި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް، މިފަދަ ތައުލީމީ ޒަމާނެއްގައި ސިޔާސީ ގޮތުން މުއިއްޒުގެ ރޯލް މޮޑެލްއަކީ ޢަބްދުއްރަހީމްކަމަށް ވިދާޅުވުމުން ދެން ވިދާޅުވާނެ އެއްޗެއް ނެތްކަމަށެވެ.

އަދި ނޫސްވެރިން ކުރި ބައެއް ސުވާލުތަކާއި ގުޅުވައިގެން ޔާމީންގެ ވާހަކަފުޅުގައި ވަނީ ޢަބްދުއްރަހީމަށް "ޖޯކު ޖައްސަވާ" މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް އެއަށްފަހު ވެސް ރައީސް މުޢިއްޒާއި ރައީސް ޔާމީނާއި ގުޅުވައި ނޫސްވެރިން ކުރި ސުވާލުތަކަށް ޔާމީން ޖަވާބު ދެއްވިއެވެ.

އެގޮތުން، ޔާމީން ވިދާޅުވީ އަސާސެއްނެތި ރައީސް އަޒުލުކުރުމަކީ ތާއީދު ކުރައްވާނެ ކަމެއް ނޫންކަމަށާއި އެހެންނަމަވެސް، ޕީޕީއެމް/ޕީއެންސީން ގަބޫލުނުކުރާ އަދި އެޕާޓީތަކުގެ އަސާސްތަކާއި ހިލާފު ކަންތައްތަކެއް މިހާރު ވެސް ހިނގަމުން ދާކަމަށެވެ.

އެގޮތުން، އިންޑިއާ އައުޓް ކިޔުން ހުއްޓުވުމަށް ކުރީ ސަރުކާރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ގަރާރު ބާތިލުނުކޮށް އޮންނަ އޮތުމާއި ރަސްމާލެ ހިއްކުމުގެ ނަމުގައި ހުޅުމާލޭގެ ބޮޑު ބިމެއް ބޭރުގެ ބަޔަކަށް "ވިއްކާލި" ކަމަށްބުނާ މައްސަލަ ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން