ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އާ ޖެނެރޭޓަރެއް އިންސްޓޯލްކުރުމުގެ ތެރޭގައި ޖެހުނު މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ދީފިއެވެ.

ކުޅުދުއްފުށީ ސިޓީއަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްފަހު ރޭ މުޅި ރަށަށް ކަރަންޓް ދީފައި ވަނިކޮށް އަނެއްކާވެސް މިއަދު ހެނދުނު އެ ސިޓީން ކަރަންޓުގެ ޚިދުމަތް މެދު ކެނޑުނެވެ.

އެކަމާ ގުޅިގެން ފެނަކައިން ބުނެފައިވަނީ ހދ. ކުޅުދުއްފުއްޓަށް އަލަށް ގެންދެވުނު 800 ކިލޯވޮޓްގެ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، އެރަށުގައި ހިންގާފައި ހުރި އިންޖީނު ތަކުގެ ތެރެއިން 1 މެގަވޮޓްގެ ޖެންސެޓްގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ޙިދުމަތް މެދުކެނޑުނު ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހައްލުކޮށް މިހާރު މުޅި ރަށަށް ޚިދުމަތް ދެވިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ރޯދަ މަހު ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައާ ގުޅިގެން، މިހިނގާ އޭޕްރީލް މަހުގެ ކަރަންޓު ބިލުތަކުން 50 އިންސައްތަ ޑިސްކައުންޓު ދޭން ފެނަކައިން ވަނީ ނިންމާފައެވެ.

ފެނަކައިން ރޭ ބުނީ، އިއްޔެ ހެނދުނު ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައި މުޅިރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް ރޭ 8:10 ގައި ވަނީ މުޅިރަށަށް ކަރަންޓު ދީފައި ކަމަށެވެ.

ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި އެ ސިޓީން ކަރަންޓް ކެނޑުނީ އިއްޔެ ހެނދުނު 9:15 ގައެވެ. ކަރަންޓް ކެނޑުމާއިއެކު ފެނަކައިންވަނީ ލަސްނުވެ އަލުން ކަރަންޓް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި ސްޓެލްކޯގެ ފަރާތުން ވެސް ވަނީ އެ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެކްނިކަލް ޓީމެއް އެ ރަށަށް ފޮނުވައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން