ބަދުއަހުލާގީ ކަންކަމަށް ހިތްވަރުދީ ޖަޒީރާ ޓެލެގްރާމް ގްރޫޕް ހިންގުމުގައި އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ 7000 މީހުނާއެކު އޮޕަރޭޓް ކުރަމުންދިޔަ ޓެލެގްރާމް ގްރޫޕްތަކާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމަށް ގެންގުޅުނު ޚާއްސަ ޓެކްސީގައި އެ ވިޔަފާރިއަށް މީހުން ތަންތަނަށް ދަތުރު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލެރީ، ޖަޒީރާ ސްކޭމް ގާލް އަދި ޖަޒީރާ ލިންކް ހަބަރު" ގެ ނަމުގައި 2023 އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު ތަނެއް ބަލާ ފާސްކޮށްފައެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މާރޗް 6 ވަނަ ދުވަހު ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އެއީ 28 އަހަރުގެ ފިރިހެނަކާ 39 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

"މި މައްސަލައިގައި މި މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ، މަނީ ލޯންޑްރިންނާ، ޑްރަގް ޓްރެފިކިންއާ، ހަށި ވިއްކުމާ، ހަށިވިއްކުމަށް ހިތްވަރު ދިނުމާ، އޮރިޔާން ކާޑު އުފެއްދުމާ، އޮރިޔާން ކާޑު ބެހުމާ، ފޯޖް ޑޮކިއުމެންޓްތައް ތައްޔާރު ކުރުމާ، އަދި މީގެ އިތުރުންވެސް އެކި އެކި ހޮސްޕިޓަލްތަކުގެ ނަމުގައި އެމްސީ ހައްދަދިނުމުގެ މައްސަލަތައް." ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ފައިނޭންޝަލް ޓްރާންސެކްޝަން ތަކަށް ބަލާއިރު، އާމްދަނީ ހޯދުމަށް އެމީހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ނަމަވެސް އެމީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާގެ ޓްރާންސެކްޝަންތައް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ހިމެނޭ އެކަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ ފަރާތެކެވެ.

ޖަޒީރާ ޗެނަލުން ހިދުމަށް ހޯދުމަށް ގިނަ ފަރާތްތަކުން މެސެޖް ކޮށްފައިވާއިރު މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މި ބާވަތުގެ މައްސަލަތައް ހިންގި ޗެނަލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން