ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތްކަމެއް، ދައުލަތުގެ ނަމުގައި ކުރާން ނުކުތުމަކީ ހުތުރު، ނާލާއިޤު އަދި ބޭއަދަބީ ކަމެއް ކަމަށް މިހާރު ޢަމަލުކުރަންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ލިބިވަޑައިނުގަތް ވަޒީރުން އަލުން މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމާ ގުޅިގެން އިބްރާ ވިދާޅުވީ، ވަޒީރުންނަށް މަޖިލިހުގެ ރުހުން ހޯދުމެއްނެތި ހުވައި ކުރެވިގެން ނުވާނެކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީން ޤަޞްދުކުރާގޮތްކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ޤާނޫނުގައި ވަކި ގޮތަކަށް ކޮންމެ ކަމެއް ކުރުމަށް ލިޔެފައި ނެތުމަކީ ޤާނޫނު ތަޞައްވުރުކުރާ ސިފަތައް ބަދަލުވެގެންދާނެ ކަމެއް ނޫންކަމަށެވެ.

"އޭރު ސުޕްރީމް ކޯޓުގައި ތިބި މީހުން އެގޮތް ޤަބޫލުނުކޮށް ކަނޑައެޅި ސުންނަތުގައި މިއަދު މިތާށިވީއެވެ. ދެން ރައީސް އޮފީހާ، މަޖިލިހާ ސުޕްރީމް ކޯޓާ ދޭތެރޭ ރަމަންރަމަން ފޯލިކުޅޭ 3 ވަޒީރުން ތިބޭނެތާއެވެ!" އިބްރާ ވިދާޅުވެފައިވެއެވެ.

އިބްރާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގަތް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަދި ބަންޑާރަ ނައިބު އަޙްމަދު އުޝާމް އަލުން އެބޭފުޅުން ތިއްބެވި މަޤާމުތަކަށް ރައީސް ޑރ. މުޢިއްޒު އިއްޔެ ވަނީ ޢައްޔަނު ކުރަށްވާފައެވެ.

ޤާނޫނު އަސާސީ ބުނާގޮތުން މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނަސް، ވަޒީރަކު މަޤާމުން ދުރުކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ.

ވަޒީރުން ކެބިނެޓަށް އައްޔަން ކުރުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި ރުހުން ހޯދަން މަޖިލީހަށް ނަންތައް ފޮނުވަން ޤާނޫނު އަސާސީން ލާޒިމުކޮށްފައި ވެއެވެ. ނަމަވެސް މަޖިލީހުން ރުހުން ނުދޭ ވަޒީރުންގެ މަޤާމު ގެއްލިގެންދާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު