ޖޯޖިއާގައި އުފަންވާ އެތައް ކުދިންނެއް ވިހެއުމަށްފަހު މައިންބަފައިންގެ އަތުން ގެއްލިގެން ދިއުމުގެ ވާހަކަތަކަކީ އަޑުއަހަން ޖެހިފައިވާ ހިތާމަވެރި ވާހަކަތަކެކެވެ. ޔޫރަޕްގެ ގައުމެއް ކަމަށްވާ ޖޯޖިއާގައި ދަރިން ވަގަށް ނެގުން ނުވަތަ ވިއްކާލުމަކީ އެގައުމަށް ދިމާވެފައިވާ ހިތާމަހުރި ވަބާއެކެވެ.

އުމުރުން 19 އަހަރުގެ އަނޯއަށް އޭނާ ދިރިއުޅޭ ސިޓީގައި އޭނާއާއި އެއްމާބަނޑު އަންހެނެއް އުޅޭކަން އެނގުނީ ވައިރަލްވި ޓިކްޓޮކް ވީޑިއޯއެއްގެ ޒަރީޔާއިންނެވެ. އޭނާގެ މޫނުގެ ސޫރައާއި ދާދި އެއްގޮތް އަންހެނެއްގެ ވީޑިއޯއެއް ފެނުމުން އަނޯއަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ.

ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަނޯއާއި އޭމީގެ މަންމަ، އެޒާ ވަނީ އެ ދެކުދިން ވިހެއުމުގެ ތެރެއިން ކޯމާއަކަށް ގޮސްފައެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލުން ވަނީ މަކަރު ހަދައިގެން ތުއްތު އަނޯއާއި އޭމީ ދެ އާއިލާއަކަށް ވިއްކާލާފައެވެ. އަދި އެކުދިންގެ މަންމަ އެޒާ ހޭއެރުމުން ހޮސްޕިޓަލުން ބުނީ އޭނާގެ ދަރިން މަރުވީ ކަމަށެވެ.

އޭގެ ފަހުން އޭމީއަށް އޭނާއާއި އެއްމާބަނޑު އަނޯ އެންމެ ފުރަތަމަ ފެނިފައިވަނީ ޓީވީން ދެއްކި ޖޯޖިއާސް ގޮޓް ޓެލެންޓް ޝޯވއިންނެވެ. އޭރު އުމުރުން 12 އަހަރުގެ އޭމީ ދިރިއުޅޭ އާއިލާ ދަންނަ މީހުން ވަނީ އޭނާ އެހެން ނަމެއްގައި (އަނޯގެ ނަމުގައި) ޝޯވއެއްގައި ނަށަން ހުރީ ކީއްވެކަމާއި ދޭތެރޭ ސުވާލު އުފައްދާފައެވެ. އެހެން ނަމަވެސް، އާއިލާއިން ވަނީ "ކޮންމެ މީހަކާއިވެސް އާދަޔާ ޙިލާފަށް ވައްތަރު އެހެން މީހަކު އިއްތިފާގުން ދިމާވާނެ" ކަމަށް ބުނެ، އުފެދުނު ޝައްކު ފިލުވާލާފައެވެ.

އޭގެ ހަތް އަހަރު ފަހުން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭމީ ވަނީ ވީޑިއޯއެއް ޓިކްޓޮކްގައި އާންމުކޮށްފައެވެ. އަނޯއަށް އޭމީގެ ވީޑިއޯ ފޮނުވީ ގާތް ރަހުމަތްތެރިއެކެވެ. އެއަށްފަހު އަނޯ ވަނީ އޭމީ ހޯދަން އެތައް މަސައްކަތެއް ކޮށްފައެވެ.

އެންމެފަހުން ޔުނިވާސިޓީއެއްގެ ވަޓްސްއެޕް ގްރޫޕެއްގައި އެ ވީޑިއޯ ޝެއާ ކުރުމުން އޭމީ ދަންނަ މީހަކަށް އެ ވީޑިއޯ ފެނިގެން އެދެމީހުން އެކަކު އަނެކަކާއި ބައްދަލުކުރުވިއެވެ. އެހިސާބުން، އަނޯ އަކީ މީގެ އަހަރުތަކެއް ކުރިން ޖޯޖިއާސް ގޮޓް ޓެލެންޓް އިން ފެނުނު އަންހެން ކުއްޖާ ކަން އޭމީއަށް ޔަގީންވިއެވެ.

އޭރުވެސް އެދެމީހުންނަކީ އެއްމާބަނޑު ދެމީހުން ކަމެއް ނޭނގުނެވެ. އަނޯއާއި އޭމީގެ އުފަންދުވަހުގެ ސެޓްފިކެޓުން ދައްކާގޮތުގައި އެދެމީހުން އުފަންވީ އެއް ހޮސްޕިޓަލަކަށެވެ. އެހެން ނަމަވެސް، ސެޓްފިކެޓްގައި އެދެމީހުންގެ އުފަންދުވަސް ރިކޯޑްކޮށްފައިވަނީ ދެ ތާރީޚެއްގެ ގޮތުގައެވެ. އެކަމަކު، ދުވަސްތަކެއް ފަހުން އޭމީއާއި އަނޯއަށް އެދެމީހުންނަކީ ދެބެން ކަން އިހުސާސްވިއެވެ. ބެލެނިވެރިންނާއި ސުވާލުކުރުމުން އެދެމީހުންނަކީ 'އެޑޮޕްޓް' ކުރެވިފައިވާ ދެމީހުންކަން ހާމަވެގެންދިޔައެވެ.

ދަރިން ލިބުމުން މަހުރޫމްވެފައިވާ އޭމީގެ ބެލެނިވެރިޔާ ބުނާ ގޮތުގައި ޖޯޖިއާގެ ހޮސްޕިޓަލެއްގައި ވިހެއުމަށްފަހު އެއްލާލާފައިވާ ކުއްޖެއް އޮތް ކަމަށް އޭނާއަށް ރަހުމަތްތެރިއެއްގެ ފަރާތުން އެނގުނެވެ. އަދި ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ފައިސާ ދީގެން އެކުއްޖާ ގެއަށް ގެންގޮސް އަމިއްލަ ދަރިއެއްގެ ގޮތުގައި ގެންގުޅެވޭނެ އިންތިޒާމް ހަމަޖެހިދާނެ ކަމަށް އޭނާއަށް މައުލޫމާތުދީފައި ވެއެވެ. އަނޯގެ ބެލެނިވެރިޔާވެސް ކިޔައިދިނީ ހަމަ އެއް ވާހަކައެކެވެ.

އެޑޮޕްޓް ކުރި ދެ އާއިލާއަށްވެސް އެ އަންހެން ކުދިންނަކީ އެއްމާބަނޑު ކުދިންކަން ނޭނގޭ ކަމަށާއި އަންހެން ދަރިން އެޑޮޕްޓް ކުރުމަށް ގިނަ ފައިސާތަކެއް ދެއްކި ކަމަށްވެއެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަން ނޭނގޭ ކަމަށް އެމީހުން ބުނެއެވެ. ޖޯޖިއާއަށް ކުރިމަތިވީ ހަލަބޮލި ދުވަސްވަރެއްގައި އެކަން ހިނގުމުން އަދި ހޮސްޕިޓަލުގެ މުވައްޒަފުން އެކަމުގައި ބައިވެރިވީތީ އެމީހުންނަށް ހީވީ އެއީ ޤާނޫނާއި އެއްގޮތަށް ކުރިއަށްގެންދިޔަ މަރުހަލާއެއް ކަމަށެވެ. ޑޮކްޓަރުންނަށް ދިން ފައިސާގެ އަދަދެއް ދެ އާއިލާއިން ވެސް ހާމައެއް ނުކުރެއެވެ.

އެތައް މަސްތަކެއްގެ ދިގު އިންތިޒާރަކަށްފަހު މިހާރު އަނޯއާއި އޭމީ ވަނީ އެދެމީހުންގެ މަންމަ އެޒާ ހޯދާފައެވެ. އަދި ޖަރުމަނުގައި ދިރިއުޅޭ އެޒާއާއި ވަރަށް ފަހުން ބައްދަލުކޮށްފައިވެސް ވެއެވެ.

އެއާއެކު، ފޭސްބުކް ގްރޫޕް "ވެޑްޒެބް" ގެ އެހީގައި އޭމީއާއި އަނޯ ވަނީ އެދެމީހުންގެ އަސްލު މައިންބަފައިން ދެނެގަތުމަށް މަސައްކަތްކޮށްފައެވެ. ފޭސްބުކް ގްރޫޕް ވެޑްޒެބްގެ މާނައަކީ ޖޯޖިއާ ބަހުން "އަހަރެން ހޯދަނީ" އެވެ.

މި ގްރޫޕަކީ ވިހެއުމަށްފަހު މަކަރާއި ހީލަތުން ދަރިން ގެއްލިފައިވާ ކަމަށް ޝައްކުކުރެވޭ މައިންބަފައިން މެންބަރުންގެ ގޮތުގައި ހިމެނޭ ފޭސްބުކް ގްރޫޕެކެވެ. އެގްރޫޕްގައި ހިމެނޭ ގިނަ އަދަދެއްގެ އަންހެނުން ވިހެއުމަށްފަހު ދަރިފުޅު މަރުވީ ކަމަށް އެންގި ނަމަވެސް ހޮސްޕިޓަލުން އެކަން ރިކޯޑްކޮށްފައިނުވާކަން އެނގިފައި ވެއެވެ. އެ ގްރޫޕްގައި 230،000 އަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. މިއީ 2021 ވަނަ އަހަރު ނޫސްވެރިޔާ ތަމޫނާ މުސެރިޑްޒޭ ގާއިމްކުރި ގްރޫޕެކެވެ. މުސެރިޑްޒޭ މި ގްރޫޕް އުފެއްދީ އޭނާގެ ބެލެނިވެރިޔާއަކީ އަސްލު މަންމަ ނޫންކަން އެނގުނު ހިސާބުންނެވެ.

އޭނާ ކުރި ތަހުގީގުން ޖޯޖިއާގެ މިފަދަ ބައިވަރު ހޮސްޕިޓަލްތަކުން މައިންބަފައިންގެ ނުރުހުމުގައި ދަރިން ވިއްކާލާފައިވާ ކަން ހާމަވެގެންދިޔައެވެ.

ޖޯޖިއާގެ ހުރިހާ ހިސާބެއްގައި ވެސް ފެތުރިފައިވާ އެޑޮޕްޝަންގެ ކަޅު ބާޒާރެއް މުސެރިޑްޒޭގެ ތަހުގީގުން ހޯދުނެވެ. އެ މާކެޓް ކުރިއަށް ދިޔައީ 1970 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އެއީ 'އޯގަނައިޒްޑް ކްރިމިނަލްސް' އިން ހިންގި އަދި ޓެކްސީ ޑްރައިވަރުން ފެށިގެން ސަރުކާރުގެ މަތީ ފަންތީގެ މީހުންނާ ހަމައަށް ޖޯޖިއާގެ ހުރިހާ ފަންތިއެއްގެ މީހުން ބައިވެރިވި ޖަރީމާއެކެވެ. ކޮރަޕްޓް އޮފިޝަލުން ގަވާއިދާ ހިލާފަށް އެޑޮޕްޓް ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯޖް ކޮށްފައިވާ ކަމަށްވެސް އޭނާގެ ތަހުގީގަށް ހޯދިފައި ވެއެވެ.

"ގާތްގަނޑަކަށް 100،000 ވަރަކަށް ތުއްތު ކުދިން ވަގަށް ނަގާފަވޭ. އެއީ ވަކި ނިޒާމެއްގެ ތެރެއިން ހިންގި ޖަރީމާއެެއް،" ނޫސްވެރިޔާ މުސެރިޑްޒޭ ބުންޏެވެ. ގިނަ ބެލެނިވެރިން ބުނީ މަރުވެފައި ކަމަށް އެންގި ތުއްތު ކުދިންގެ ހަށިގަނޑު ބަލަން އެދުމުން ހޮސްޕިޓަލުން ވަނީ ހޮސްޕިޓަލް ގޯތިތެރޭގައި ވަޅުލާފައިވާ ކަމަށް މައިންބަފައިން ކައިރީ ބުނެފައެވެ. އަނެއްބައި ހާލަތްތަކުގައި ހޮސްޕިޓަލުން މައިންބަފައިންނަށް ދައްކާނީ މޯޗަރީގައި ތިބި މަރުވެފައިވާ ތުއްތު ކުދިންނެވެ. ސޯވިއެޓް ޔުނިއަންގެ ދުވަސްވަރު ހޮސްޕިޓަލްތަކުން ބަލި މީހުންނަށް ދޭ މައުލޫމާތުގެ ތެދު ދޮގު އޮޅުން ފިލުވަން ސުވާލުކުރުމަކީ އާންމުންނަށް ކުރަންކެރޭ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

ހޮސްޕިޓަލްތަކުން ވިއްކާލި ބައެއް ކުދިން ވަނީ އެމެރިކާ، ކެނެޑާ، ސައިޕްރަސް، ރަޝިޔާ އަދި ޔޫކްރޭންގެ އާއިލާތަކާ އެކުގައެވެ.

2006 ވަނަ އަހަރު ޖޯޖިއާ އިން ވަނީ އެޑޮޕްޝަންގެ ގާނޫނު ބަދަލުކޮށް، އެންޓި ޓްރެފިކިން ގާނޫނުތައް ހަރުދަނާކޮށް، ގަވާއިދާ ހިލާފަށް އެޑޮޕްޓް ކުރުމުގައި ދަތިތަކެއް ކުރިމަތިކުރުވާފައެވެ. 2022 ވަނަ އަހަރުގައި ޖޯޖިއާ ސަރުކާރުން މި ޖަރީމާ ތަހުގީގުކުރަން މަސައްކަތްކުރިއިރު ކުރީގައި ހިންގި އެތައް ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފައެވެ. އަދި ގިނަ ދުވަސް ވުމުގެ ސަބަބުން ވަރަށް ބައިވަރު ލިޔެކިޔުންތައް ވަނީ ނައްތާލެވިފައެވެ. އެހެން ނަމަވެސް ޖޯޖިއާގައި އަދިވެސް އުފަންދުވަހާއި ގުޅޭ މައުލޫމާތުތައް ބެލުމުގެ ހުއްދަ ޢާންމުންނަށް ލިބިގެންނުވެއެވެ.

ޖޯޖިއާގެ ނޫސްވެރިޔާ ހިންގި ތަހުގީގުގެ ތެރެއިން 2006 ގެ ނިޔަލަށް އެތައް އާއިލާއެއްގެ ތުއްތު ކުދިން ވަގަށް ނެގުމާއި ވިއްކާލުމުގެ ބައިވަރު ހާދިސާތައް ޖޯޖިއާގައި ހިނގާފައިވާ ކަމަށް ހޯދިފައި ވެއެވެ. ކަން ހިނގި ގޮތް ތަހުގީގު ކުރަން ސަރުކާރުން ރަސްމީކޮށް މަސައްކަތް ކުރި ނަމަވެސް އެކަމުގައި ބައިވެރިވީ އެއްވެސް މީހަކު އަދިއަދަށްވެސް ޖަވާބުދާރީ ކުރުވިފައި ނުވާ ކަމަށް ޖޯޖިއާގެ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން