ޝާހިދް ކަޕޫރާއި ކްރީތީ ސަނޯން ހަރަކާތްތެރިވާ ރޮބޮޓަކާއި އިންސާނަކާއި ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ ވާހަކަ ވަރަށް އަވަހަށް ބޮޑުސްކްރީނަށް ނެރެން އުޅޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

"ތޭރީ ބާތޯ މޭ އުލްޖާ ޖިޔާ" ނަމަަކަށް ކިޔާ މި ފިލްމު ފެބްރުވަރީ 9 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ޓްރެއިލާވެސް މިހާރު ވަނީ ދައްކާލައިފައެވެ. ހެއްވާ މަޖާ ލޯބީގެ މި ފިލްމުގައި ޝާހިދްގެ ކެރެކްޓާއަށް އިންޑިއާއިން ބޭރުގައި ދިރިއުޅޭ އަންހެނަކާއި (ކްރީތީ) ދިމާވެގެން އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ޝާހިދް އެ އަންހެންމީހާ ގޮވައިގެން އިންޑިއާއަށް އައިސް އާއިލާއާއި ބައްދަލުކުރުވުމުގެ ތެރެއިން ހިނގާ ހެއްވާ މަޖާ ކަންތައްތައް މި ފިލްމުން ދައްކުވައިދެއެވެ. އެހާ ހިސާބަށް ދާއިރުވެސް އޭނާގެ ލޯބިވެރިޔާއަކީ އިންސާނެއް ނޫންކަމެއް ޝާޙިދުގެ ކެރެކްޓާއަށް ނޭނގޭކަން ފިލްމުގެ ޓްރެއިލާއިން ހާމަވެގެންދެއެވެ.



އެހެން ނަމަވެސް ޝާހިދްގެ ސައިންޓިސްޓް ބޮޑުދައިތަ (ޑިމްޕަލް ކަޕާޑިއާ) އަށް ކްރީތީއާއި ދޭތެރޭ ޝައްކު އުފެދޭ ހިސާބުން ޝާހިދަށް އޭނާގެ ލޯބިވެރިޔާގެ ހަގީގަތް ހާމަވެގެންދެއެވެ.

މިއީ ބެލުންތެރިންނާއި ހަމައަށް ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ކްރީތީއާއި ޝާހިދު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމުކަމަށްވުމުން އެދެތަރިންގެ ސަޕޯޓަރުން ތިބީ މި ފިލްމު ބަލާލަން ކެތްމަދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން