އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ރީތިކަން ގެއްލިދާނެތީ ބިރުން އުޅެނީ އަންހެނުން އެކަންޏެއް ނޫނެވެ. ރީތި ހަށިގަނޑެއް ދެމެހެއްޓުމަކީ ފިރިހެންވެރިންގެވެސް ބޮޑު އެދުމެކެވެ. އަދި ރީތި ހަށިގަނޑެއް ދެމެހެއްޓޭނީވެސް ކިހާ މަސައްކަތަކުން ކަން ރިތިކް ރޯޝަން ފަދަ މަޝްހޫރު ފިލްމީ ތަރިން ކައިރިން އަހާލީމާ އެނގޭނެއެވެ. ހަމަގައިމުވެސް ދުނިޔޭގެ އެންމެ ރީތި ފިރިހެން މީހާގެ ލަގަބު ހާސިލުކުރި ރިތިކްގެ ހަށިގަނޑުގެ ރީތިކަމަކީ އެއްގޮތަކަށްވެސް ސިއްރެއް ނޫނެވެ.

ރިތިކް ބުނާގޮތުންނަމަ ފިޓްކޮށް ހުންނަން ކޮންމެ ހަފްތާއަކުވެސް އޭނާ އާދަވެގެން ވަކި ކަންތައްތައް ކުރެއެވެ. މީގެތެރެއިން ހަފްތާއަކު 5 ދުވަހު ކަސްރަތު ކުރުމަކީ އޭނާ އިސްކަމެއް ދޭ ކަމެކެވެ. ރިތިކްއަކީ ބުރަކަށީގެ މައްސަލަ ހުންނަ މީހެއް ކަމުން ހަށިގަނޑަށް އުނދަގޫ ނުވާ ގޮތަށް ކަސްރަތުކުރަން އޭނާ ސަމާލުކަން ބަހައްޓައެވެ. އެގޮތުން، އޭނާގެ ޖިމް އިންސްޓްރަކްޓަރުގެ ލަފާގެ މަތިން ރިތިކް ދަނީ ވަކި ޚާއްސަ ކަސްރަތުތައް ކުރަމުންނެވެ. އޭނާ ކުރާ ކޮންމެ ކަސްރަތެއްގައި އެއް ސެޓަށްވުރެ ގިނަ ސެޓް ނުޖައްސާކަމަށް ރިތިކް ބުނެއެވެ.

މީގެ އިތުރުން، ގަވާއިދުން ޖިމް ޖެއްސިއަސް، ހަށިގަނޑަށް ކެތް ނުވާ ވަރަށް ނުވަަތަ މާހާޑްކޮށް ރިތިކް ކަސްރަތު ނުކުރާކަމަށްވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ހަށިގަނޑަށް ކެތް ނުވާ ވަރަށް ކަސްރަތު ކުރަން ވެއްޖެ ނަމަ ސިފަ ރީތިވުމުގެ ބަދަލުގައި ހަޑިވާނެއެވެ. އަދި ބަރު އުފުލާ ކުރާ ކަސްރަތުތައް އޭނާ ކުރަނީ ހަށިގަނޑަށް ބޭނުންވާ ނިދި ހަމަކޮށް އަރާމު ކުރުމަށް ފަހުއެވެ.

ރިތިކް ބުނާގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އަދި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ހަމައެކަނި ގޭގައި ނުވަތަ ޖިމްގައި ކަސްރަތު ކުރުމަކުން ނުފުދެއެވެ. އެހެންކަމުން، ދުވާލަކު އެއް ފަހަރު ނަމަވެސް ބޭރަށް ނުކުމެ ހިނގާލާ ނުވަތަ ފަތަން ދިއުން އޭނާއަށް ވަރަށް މުހިންމެވެ. މީގެ އެއް ސަބަބީ އެއް ވައްތަރެއްގެ ކަސްރަތަކަށް ހަށިގަނޑު ހާނުވަން ބޭނުން ނުވުމާއި، ހިތަށް ފިނިކަން ގެނެސްދޭ މާހައުލަކަށް ނިކުމެ ކުރާ ކަސްރަތާއި އެކު ހަށިގަނޑަށް ލިބޭ ފައިދާގެ އިތުރުން ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކޮށް ހުރުމަށް މަގުފަހިކުރުމެވެ.

މީގެ އިތުރުން، ކެއިން ބުއިމުގެ އާދަކާދަ ރަނގަޅުކޮށް، ދުވާލަކު 4 - 5 ލީޓަރުގެ ފެން ބޯން އާދަކޮށް، އަދި ކޮންމެ ރެއަކުވެސް ގަޑިން 9 ޖެހީމާ ނިދަން އަރާ، ނިދި ހަމަކުރަން މަސައްކަތް ކުރާކަމަށް ރިތިކް ބުނެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އިތުރުން، ރީތި ހަށިގަނޑެއް ބޭނުންނަމަ ރިތިކް ރޯޝަންގެ މިރީތި އާދަކާދަތަކުގައި ހިފައި، އެކަންކަން ދަމަހައްޓަން މަސައްކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން