ޞާދިރު ޢަލީދީދީ   27 ޖުލައި 2020 - 15:2
ސަރާ
ސަރާ
އެޕިސޯޑް 38

...............

[ސަރާދެކެ ނިމާލް ވަރަށް ލޯބިވިދޯ؟] ސަރާ ކާރުން ފޭބި ވަގުތު ރަޝީދު ސުވާލުކުރިއެވެ. ރަޝީދުގެ އެޖުމްލައާއެކު ސަރާއަށް ތެޅިގަނެވުނެވެ.

[ވަރަށް...ވަރަށް ލޯބިވި....] ސަރާ މިހެން ބުނެފައި ދެކުދިންނާއެކު އެތެރެއަށް ވަނެވެ. ގެއަށްދާންވީމާ ގުޅާށޭ ބުނެފައި ރަޝީދު ކާރު ދުއްވާލައިފިއެވެ. އެދުވަހު ސަރާއަށް ވަރަށް ބޮޑަށް ނިމާލްގެ މަތިން ހަނދާންވިއެވެ.

އޭނާ ޙާލުގައިޖެހި ނިކަމެތިވި ޙާލުގައި އޯގާތެރި ހިތަކުން ފިރުމާލަދީ އެހީތެރިވީ ދުވަސްތައް ހަނދާނަށް އައިސް، އޭނާގެ ލޮލުން ކަރުނަ އައެވެ. ގައިމެވެ. ނިމާލް ދިން ލޯތްބާއި އޯގާތެރިކަމުގެ ބަދަލުގައި އެއްވެސް އެއްޗެއް އޭނާއަކަށް ދެވިފައެއް ނުވެއެވެ. ނިމާލް ދުނިޔެ ދޫކޮށްގޮސްފައިވަނީ ސަރާގެ ފުށުން ލޯބި ނުލިބުމުގެ ހިތްދަތިކަމުގައި ހުރެއެވެ.

ސަރާގެ ލޯބި ހޯދަން ނިމާލް ވަރަށް މަސައްކަތް ކުރިއެވެ. ނިމާލް ގެއްލުނުތާ ކުޑަދުވަސްކޮޅެއް ކުރިން އޭނާއަށް (ސަރާއަށް) ނިމާލް ގާތު ބުނެވިފައިވަނީ އޭނާ މަސައްކަތް ކޮށްކޮށްވެސް ނިމާލްދެކެ ލޯބި ނުވެވުނު ކަމަށެވެ. ޔަޤީނެވެ. އެއީ ނިމާލަށް ބަރުދާސްތު ކުރެވޭވަރުގެ ހިތްދަތިކަމެއް ނޫނެވެ. އޭނާ ދުނިޔެ ދޫކުރުން ގުޅިފައިވަނީ އެސަބަބާ ކަމަށްވެސް ވެދާނެއެވެ.

ނިމާލް ކުޑަކުޑަ މާލް ގެންގުޅެމުން އައިސްފައިވަނީވެސް ދަރިޔަކު ފަދައިން ނުހަނު ލޯބިދީގެނެވެ. މާލްއަށް ބޭނުންވާނޭ ހުރިހާ އެއްޗެތި ހޯދައިދެނީވެސް ލޯތްބާ އެކުގައެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރާއަށް ދެވުނީ ކޯއްޗެއްބާއެވެ؟ ހިތާމައާއި ހިތްދަތިކަމެވެ. ނިމާލްގެ ކުރިމަތީގައި އަދިވެސް ލޯބިވަނީ ޢިމްރާންދެކެ ކަމަށް ބުނެ ނިމާލްގެ ހިތް ކުދިކުދިކޮށްލީއެވެ. މިއަދު ސަރާގެ ސިކުނޑިއަށް ބާރުބޮޑުކުރަމުން އެދަނީ އެޚިޔާލުތަކެވެ. އެއްފަހަރާ މިޚިޔާލުތައް ބޯމަތިވުމާއެކު ސަރާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

[ސަރާ! ރޮނީތަ؟] ސަރާގެ ލޮލުން ކަރުނަ އައި މަންޒަރު ފެނުމުން ނިމާލްގެ މަންމަ ޒާހިދާ އެއްސެވެ. ސަރާ އަތުގެ ނުފުށުން ދެލޯ ފޮހެލައިފިއެވެ.

[މާބޮޑަށް ނިމާލްގެ ހަނދާންތައް އާވީ...އަޞްލު އެހަނދާންތައް އާވާތީ، މިގެއަށް އަންނަންވެސް ދަތިވަނީ. ނިމާލަކީ ހާދަ އޯގާތެރި ފިރިއެކޭ. ނިމާލާ ހާދަ ވައްތަރު މީހެކޭ މިހާރު ޢިމްރާންމެންގެ ކާރު ޑްރައިވަރަކަށް ހުންނަނީ. އޭނާ ފެނުނީމާ ވަރަށް ބޮޑަށް ހަނދާންވޭ ނިމާލް މަތިން.] ސަރާ ބުންޏެވެ.

[ކުރީ ދުވަހު ބުއްފުޅި ބަލައި އައި ސޮރުގެ ވާހަކަދޯ. މަންމައަށްވެސް ހީވީ މަންމަގެ ދަރިފުޅު އައިސް ކުރިމައްޗަށް ހުއްޓުނީއޭ.] ޒާހިދާ ބުންޏެވެ.

[ވަރަށް ވައްތަރު...] ސަރާ ބުންޏެވެ.

ނަޝާ ގެއަށްއައިސް ވަނީ އެވަގުތުއެވެ. އޭނާ ސަރާއާ ދިމާއަށް ބަލައިވެސް ނުލާގޮސް ސޯފާގައި އިށީނެވެ.

[ނަޝާ...ކިހިނެއް؟] ސަރާ ނަޝާއަށް ގޮވާލިއެވެ. ނަޝާ ސަރާއާ ދިމާއަށް ބަލައިވެސް ނުލިއެވެ. އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު، އަނެއް ފަރާތަށް އެނބުރުނެވެ.

[ނަޝާ ކީއްވެތަ ފަހަރިއާ އަނގައިން ނުބުނެ ތިހުރީ. ކޮންކަމަކާތަ ރުޅިއައިސްފައި ތިހުރީ؟] ޒާހިދާ ނަޝާގެ މޫނަށް ބަލަން ހުރެފައި އެއްސެވެ.

[އަހަރެން ނޫޅެން އޭނަޔާ އަނގައިންވެސް ބުނާކަށް. އޭނަ އެ ޢިމްރާނަކާ އިންނަންވެގެން އަހަރެންގެ ބޭބެ މަރާލީއޭ. އޭނަ ބޭބެ މަރަން ފަންޑިތަ ހެދިކަންވެސް އަހަންނަށް އެނގޭ.] ނަޝާގެ ވާހަކައިން ސަރާގެ ދެލޯ ބޮޑުވިއެވެ. އަނގަވެސް ތައްމިނަށް ހުޅުވުނެވެ.

[ނަޝާ.....] ޒާހިދާ ހޫނު އެތިފަހަރެއް ނަޝާގެ މޫނުމަތީގައި ޖެހިއެވެ. ސަރާ އަނގައިންވެސް ނުބުންޏެވެ. އޭނާއަށް ރޮވުނީއެވެ. ނަޝާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ނަޝާގެ ފަހަތުން ޒާހިދާ ގޮސް ނަޝާގެ ކޮޓަރިއަށް ވަނެވެ. ޒާހިދާއަށް ނިޔާޒްވަނީ ނަޝާ ޢިމްރާނާހެދި އުޅޭ ވާހަކަ ކިޔާދީފައެވެ. ވުމާއެކު ނަޝާ ސަރާދެކެ ރުޅިއަންނާނޭވަރާއި، އެކަމަކު ރުޅިއައުމުގެ ޙައްޤެއް ނޯންނާނެކަންވެސް ޒާހިދާއަށް އެނގެއެވެ.

[އަހަރެން ހަމަ ޢަޖައިބުވެއްޖެ. ނަޝާގެ ތިވިސްނުމާ ދޭތެރޭ. ނަޝާއަށް ޢިމްރާން ނޫން މީހަކު ނުފެނުނީތަ؟] އެނދުމައްޗަށް ވެއްޓިގެން ރޮމުންދިޔަ ނަޝާއާ ގާތަށް ޖެހިލަމުން ޒާހިދާ ބުންޏެވެ.

[މަންމާ...އަހަންނަށް މަޢާފްކުރޭ...މަންމާ....އަޅެ އަހަންނަށް ޢިމްރާންދެކެ ލޯބިވެވުނީ ކީއްވެތަ؟ މަންމާ...ޢިމްރާންދެކެ އަހަރެން ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ. ޢިމްރާން ނޫން އެހެން މީހަކު އަހަރެން ބޭނުމެއްވެސް ނޫން. ކީއްވެތަ ޢިމްރާންދެކެ ލޯބިވެވުމުގެ ކުރިން ޢިމްރާނަކީ ސަރާ ފަހަރީގެ ކުރީގެ ފިރިމީހާކަން އަހަންނަށް ނޭނގުނީ.] ނަޝާ ބާރުބާރަށް ރޮމުންދިޔައެވެ.

[ދަރިފުޅާ މިހާރު އެނގިއްޖެއެއްނު ޢިމްރާނަކީ ކާކުކަން. ދަރިފުޅު ވެއްޖެއެއްނު ޢިމްރާންގެ މަތިން ހަނދާން ނައްތާލަން. ދަރިފުޅުގެ ދުނިޔެ ދޫކޮށް ގޮސްފައިވާ ބޭބެގެ ޙައްޤުގައިވެސް ދަރިފުޅު ތިކަމާ ދުރަށްދާން މަސައްކަތް ކުރޭ. އެއީ ނަޝާގެ ބޭބެގެ ހަނދާނަކަށްހުރި ހަމައެކަނި ދަރިފުޅުގެ މަންމަ. އެދަރިފުޅުގެ މަންމަގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ނަޝާ މަސައްކަތް ނުކުރޭ.] ޒާހިދާ ނަޝާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ނަޝާއަކީ ގޮތްދޫކުރާ ކަހަލަ އަންހެން ކުއްޖެއްނޫނެވެ. އޭނާއަށް ވެގެންވަންޏާ ސަރާ ދުނިޔެއިން ނައްތާލާފައިވެސް ޢިމްރާންގެ ލޯބި ހޯދަން އޭނާ ބޭނުމެވެ. މިހާރު ސަރާވެސް އެހުރީ އެކޮޓަރި ދޮރުމަތީގައެވެ.

[މަންމާ...އަހަންނަކަށް އެހަނދާންތަކާ ދުރަކަށް ނުދެވޭނެ. ޢިމްރާނަކީ އަހަރެންގެ ޙަޔާތުގައި އެންމެ ފުރަތަމަވެސް، އެންމެފަހުންވެސް ލޯބިވި މީހާ. ޢިމްރާންގެ ލޯބި އަހަރެން ބޭނުން....އަހަންނަށް ވަރިހަމައޭ. ޢިމްރާން އަހަންނާ ދެއަންބަށް އިނަސް. އަޅެ ސަރާ ކީއްތަވާނީ ޢިމްރާން އަހަންނާ ޝެއަރ ކުރިއްޔާ.....އޭނާއަށް މަދެއް ނުވާނޭ މަންމާ.] ނަޝާގެ އެޖުމްލައާއެކު ސަރާގެ ދެލޯ ބޮޑުވިއެވެ.

[ނަޝާ....!؟] ސަރާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ލޯބިވެތި ފިރިމީހާ، ދެން އިތުރު މީހަކާ [ޝެއަރ] ކުރާކަށް ފަހަރެއްގައިވެސް މިހާރު އޭނާ ބޭނުމެއް ނޫނެވެ. މީގެކުރިން އޭނާ [ޝެއަރ] (ހިއްޞާ) ކޮށްގެން އުޅުނީ އޭނާގެ އެއްބަފާ ދައްތައާއެވެ. އެއީ ހިތްދަތި ތަޖްރިބާއެކެވެ. މާޒީވެ ގޮސްފައިވަނީ ހަނދާނުން ފިލުވާނުލެވޭނެފަދަ ހިތާމައިގެ ދުވަސްތަކެކެވެ. ފަހުވަގުތު ވޭނާއި ހިތްދަތިކަން ބަރުދާސްތު ނުކުރެވި އޭނާއަށް ޖެހުނީ ދިރިއުޅުމާ ވަކިވާށެވެ. ފަހަރެއްގައިވެސް ދެން އަލުން އެދުވަސް ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ މިހާރު ބޭނުންވަނީ ޢިމްރާނާއެކު އުފަލުގައި ދިރިއުޅުން ބާއްޖަވެރި ކުރެވޭތޯ މަސައްކަތް ކުރާށެވެ.

[ތިހެން ނުބުނޭ ނަޝާ...ޢިމްރާންގެ ލޯބި އިތުރު މީހަކާ [ޝެއަރ] ކުރާނޭ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް. ހެޔޮނުވާނެ އަހަރެން ނަޝާއަށް އާދޭސް ކުރަން. އަހަރެންގެ ދިރިއުޅުމުން ބައެއް ހޯދަން މަސައްކަތް ނުކުރޭ. ނަޝާތީ އަދި ވަރަށް ޅަ ޒުވާން ކުއްޖެއް. އަދި ނަޝާއަށް ކިތަންމެ ޢިމްރާނެއްވެސް ލިބިދާނެ.] ސަރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

[ނޫން...ނޫން...މަންމާ ސަރާ ފަހަރި ގާތު އާދޭސްކޮށްފަ ބުނެބަލަ، އަހަންނަށްޓަކައި ޢިމްރާން ދޫކޮށްލާށޭ. އެހެންނޫނީ އަހަރެން މަރުވެދާނެ. އަހަރެންގެ ހިތް ވިިރިގެންދަނީ....] ނަޝާ މޭގައި އަތް އަޅައިގެން އޮވެ ބާރަށް ރޮމުން ދަނީއެވެ.

ނަޝާގެ ވާހަކަތައް މިހާ ހިސާބަށް ދިއުމާއެކު ސަރާ ކުދިންކޮޅު ގޮވައިގެން ބޭރަށް ނުކުތެވެ. އެއީ ޑްރައިވަރު ރަޝީދު ކާރުގައި އައިސް މަޑުކުރި ވަގުތެވެ. ސަރާ ދެލޯ ފޮހެމުން ގޮސް ކާރަށް އަރައިފިއެވެ. މިފަހަރުވެސް ރަޝީދު މީކާ ނެގިއެވެ.

[ސަރާ ރޮނީތަ....؟ އަނެއްކާ ކިހިނެއްވީ....އެގެއަށް ދިޔުމުން މިމަންޖެގެ ބައްޕަގެ މަތިން މާބޮޑަށް ހަނދާންވީތަ؟] ރަޝީދު ކާރު ދުއްވާލަމުން އެއްސެވެ.

[ނުރޮމޭ، ތީ ރަޝީދަށް ހީވާގޮތް...] ނުރޮމޭ ބުންޏަސް ސަރާގެ އަޑުވަނީ ހިތާމައިން ގޮސް ހަލާކުވެފައެވެ.

[ނުރޯނަމަ ތިގޮތަށް އަޑު ނުހުންނާނެ....އަހަރެން ސަރާއާ ސުވާލެއް ކޮށްލަންތަ؟ ނިމާލް ސަރާދެކެ އެވަރަށް ލޯބިވިއިރުވެސް ސަރާގެ ހިތުގައި ނިމާލަށްޓަކައި ލޯބި ނުއުފެދުނުތަ؟ އަހަންނަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ނިމާލް ސަރާދެކެ ވަރަށް ވަރަށް ލޯބިވި. ސަރާއަށް އެހާމެ އޯގާތެރި. ސަރާގެ ހުރިހާ ކަމަކާ ދޭތެރޭވެސް އޭނަ ވިސްނި. ދުނިޔޭގައި ހުރިއްޔާ އަދިވެސް އޭނާ ސަރާދެކެ އިންތިހާއަށް ލޯބިވާނޭކަން ޔަޤީން. އެވަރުގެ މީހެއްގެ މަތިން ސަރާ ކުޑަކޮށްވެސް ހަނދާނެއްނުވޭތަ؟] އޭރު ރަޝީދުގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އެކަމެއް އޭނާ ސަރާއަކަށް ނުދައްކައެވެ.

[އަހަންނަށް އެނގޭ، ނިމާލް އަހަރެންދެކެ ލޯބިވާ މިންވަރު. އެދުވަސްތައް ހަނދާންވެ...ދެރަވެސްވޭ....އެކަމަކު މިހާރު ނިމާލަށް ހެޔޮދުޢާ ކުރުން ނޫން ގޮތެއް ނެތް...] އަނެއްކާވެސް ސަރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

[ރަޝީދު ތިވާހަކަ ހުއްޓާލާ ދެން...] މިހާރު ސަރާއަށް އެ ރޮވެނީ ޢިމްރާންގެ ލޯބި ގެއްލިދާނެތީއެއް ނޫނެވެ. ރަޝީދު ދެއްކި ވާހަކަތަކުގެ ސަބަބުން، ނިމާލްގެ އޯގާތެރިކަން މާބޮޑަށްވެސް އޭނާގެ ހަނދާނަށް އަންނަަން ފެށީއެވެ. ރަޝީދު އިތުރަށް އަނގައިންވެސް ނުބުނެއެވެ. ކާރު ގެއާ ހަމައަށް ދެވެންދެން ސަރާވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ރަޝީދު ދެއްކި ވާހަކަތަކުގެ ސަބަބުން މިހާރު މާބޮޑަށް ސަރާއަށް ނިމާލްގެ މަތިން ހަނދާންވާން ފަށައިފިއެވެ. ނިމާލްގެ އޯގާތެރިކަން އޭނާގެ ލޯމަތިން ސީދާ ފެންނަމުންދާ ކަހަލައެވެ.

މާޒީގެ އެކިއެކި ދުވަސްތައް އޭނާގެ ލޯމަތީގައި ސިފަވެ އެނބުރެމުން ދަނީއެވެ.

އެރޭގެ ވަގުތެވެ. ރަޝީދު އޭނާގެ މަސައްކަތުގެ ވަގުތު ނިންމާލުމަށްފަހު ފަހީމާ މަންޒިލުން ނުކުތީ ނިމާލްގެ ގެއަށް ދިޔުމަށްޓަކައެވެ. އޭނާ ނުކުތީ ޢިމްރާންގެ ސައިކަލުގައެވެ. އޭރު އޭނާގެ ޖީބުގައި ފަތްޖަހާފައިވާ ސިޓީއެއް އޮތެވެ. ނިމާލްގެ ގޭގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމަށްފަހު ދޮރާށި ހުޅުވާފައި މަޑުމަޑުން އޭނާ އެތެރެއަށް ވަދެއްޖެއެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ކޮޓަރިއެއްގެ ތެރެއިން ނިމާލްގެ މަންމަ ނަޝާއާ ވާހަކަ ދައްކާ އަޑުއިވެއެވެ. އެތެރެއަށް ވަދެ ސިޓިންގރޫމްގައި ހުރި ފޮތް އަލަމާރި ހުޅުވާލުމަށްފަހު، އޭގެތެރެޔަށް އޭނާގެ ޖީބުގައި އޮތް ސިޓީ ލައިފިއެވެ. ސިޓީލީ ފޮތް އަލަމާރިތެރޭގައި ހުރި ފޮތްތަކުގެ ތެރެއިން ފޮތެއްގެ ތެރެއަށެވެ. އަނެއްކާ އެއީ ކޮންކަހަލަ ސިޓީއެއްބާއެވެ. ވެދާނެއެވެ. އެއީ ނިމާލްވީ ތަނެއް ހާމަކޮށްދިނުމުގެ ގޮތުން ލިޔެފައިވާ ސިޓީއެކެވެ.

ސިޓިންގރޫމްގައި މީހަކު ޙަރަކާތްތެރިވާހެން ހީވެގެން ނިމާލްގެ މަންމަ ޒާހިދާ ކޮޓަރިން ނުކުތީ އެވަގުތުއެވެ. ޒާހިދާ ނިކުތް އަޑާއެކު ރަޝީދު ދުވެފައި ކަހަލަ ގޮތަކަށް ނުކުމެ ސައިކަލަށް އަރައި ނިކަން ބާރަށް ދުއްވާލައިފިއެވެ.

ޒާހިދާ ނިކުތްއިރު ފޮތް އަލަމާރި ހުރީ ހުޅުވާފައެވެ. ޒާހިދާ ވަގުތުން ސިޓިންގރޫމްގެ ނިދާބޮކި ނިއްވާލުމަށްފަހު ހޮޅިބުރި ދިއްލިއެވެ. ފޮތެއް މަދުނުވިޔަސް، ކޮންމެވެސް ވަރަކަށް ފޮތްތައް ހުރީ ހާވާފައެވެ. ފޮތެއްގެ ތެރެއިން ސިޓީ އުރައެއްގެ ކޮޅު ޒާހިދާއަށް ފެނުނީ ފޮތް އަލަމާރި ލައްޕާލަން އުޅުނު ވަގުތުއެވެ.

ޒާހިދާ ފޮތުގެ ތެރެއިން ސިޓީ ދަމައިގަތެވެ.

[ލޯބިވާ ސަރާއަށް...]

ސިޓީ އުރައިގެ ބޭރުގައި އޮތް ލިޔުންކޮޅަށް ޒާހިދާ ބަލައިލިއެވެ. އެއީ އޭނާގެ ދަރިފުޅު ނިމާލްގެ ލިޔުމެވެ. ޒާހިދާ ވަގުތުން ގުޅާފައި ސަރާ ގާތު ނިމާލް ސަރާޔަށް ލިޔެފައި އޮތް ސިޓީއެއް ފޮތް އަލަމާރީގެ ތެރެއިން ފެނިއްޖެ ވާހަކަ ބުނެފިއެވެ. އަދި އެސިޓީ ބަލާ މީހަކު ފޮނުވައިދިނުމަށްވެސް އެދުނެވެ.

[ސިޓީގެ ބޭރުގައި ލިޔެފައި އޮތީ ކީކޭ!؟] ސަރާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. މުޅި މީހާވެސް ހީވަނީ ތުރުތުރު އަޅަމުންދާހެންނެވެ.

[ސިޓީ އުރައިގެ ބޭރުގައި ޖަހާފައި އޮތީ އެކަނި ލޯބިވާ ސަރާއަށް. މަންމަ ސިޓީ ނުއެއް ކަނޑަން.] ޒާހިދާ ބުންޏެވެ.

[މަންމާ....ޢިމްރާންވެސް އޮތީ ނިދާފަ. ޢިމްރާންގެ ބައްޕަމެންވީ އޮފީހުގައި. ޓެކްސީއެއްގައި މިކޮޅަށް ފޮނުވައިދޭންވީނު. އަހަރެން ހުންނާނަން ތިރީގައި....] ސަރާ ބުންޏެވެ.

[އާނ...އެންމެ ރަނގަޅު. މަންމަ އެބަ ފޮނުވަން. ސިޓީގައި އޮތް އެއްޗެއް މަންމަ ގާތު ކޮންމެވެސް ވަރަކަށް ބުނަންވާނެ.] ޒާހިދާ މިހެން ބުނެ ފޯނު ބޭއްވިއެވެ. އެއަށްފަހު އޭނާ ގުޅީ ޓެކްސީއަކަށެވެ. އޭނާ ޓެކްސީއަކަށް ގުޅައިގެން މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޓެކްސީ އަތުވެއްޖެއެވެ. ޓެކްސީ ޑްރައިވަރާ ޙަވާލުކޮށްފައި ސިޓީ ފޮނުވާލުމަށްފަހު، ޒާހިދާ ސަރާއަށް ގުޅާފައި ތިރިއަށް ފޭބުމަށް ބުންޏެވެ.

ސަރާ ތިރިއަށް ފޭބި ވަގުތަކީ ރަޝީދު ބޭރުން އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ. ރަޝީދު ފެނުމާއެކު ސަރާ ހުއްޓުނެވެ. އެހިނދު ސަރާއާއި ރަޝީދުގެ ހަތަރުކަޅި ހަމަވިއެވެ.

[ސަރާ...މިގަޑީގައި ކީއްކުރަން؟] މާބޮޑަށް ސަރާ ބަލަން ފެށުމުން ރަޝީދު އިސްޖަހާލިއެވެ.

[އެއްޗެއް ހިފައިގެން މީހަކު އަންނާތީ...] ރަޝީދު، ރަޝީދު ފެނުމުން އަހަންނަށް...ވަރަށް އުނދަގޫވޭ...] ސަރާއަށް މިހެން ބުނެވުނު ވަގުތު ޓެކްސީ އައިސް ދޮރުމައްޗަށް މަޑުކޮށްފިއެވެ. ރަޝީދު އޭނާގެ ޖީބުން ފަނަރަ ރުފިޔާ ނަގާފައި ޓެކްސީ ޑްރައިވަރަށް ދީފިއެވެ.

ޑްރައިވަރު ސިޓީ ދިނީ ރަޝީދު އަތަށެވެ. ރަޝީދު ސިޓީގެ ބޭރުގައިވާ ލިޔުންކޮޅު ކިޔާލުމަށްފަހު، ސަރާގެ އަތަށް ސިޓީ ދީފިއެވެ. އޭރު ސަރާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. ސިޓީ ލިބުމާއެކު ސަރާ ނިކަން ބާރަށް ހިނގައިގެންފިއެވެ. ސަރާ އެތެރެއަށް ވަނީމާ ބޯޖަހާލުމަށްފަހު ރަޝީދުވެސް އެތެރެއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަދެ ރަޝީދު ވިސްނީ، އެސިޓީ ކިޔުމަށްފަހު ސަރާއަށް ވެދާނޭ ގޮތަކާ ދޭތެރޭގައެވެ.

ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު ސަރާ ސިޓީ ކަނޑާލިއެވެ. އެއަށްފަހު އޭނާ އެސިޓީ ކިޔަން ފަށައިފިއެވެ. އެސިޓީ ހީވަނީ ކުރު ވާހަކައެއްހެންނެވެ.

އަހަންނަށް އެންމެ ފުރަތަމަ ސަރާ ފެނިފައި ވަނީ މާވިއްސަރަ ރެއެއްގެ ކަނުއަނދީގެ ތެރޭގައި ވާރެއާ ތެމި ފޯވެގެން ދަނިކޮށެވެ. ހަމަ ފެނިލުމާއެކު، އަހަރެންގެ ހިތުގައި ސަރާޔާމެދު ޝައުޤުވެރިކަން އުފެދުނެވެ. އެރޭ ހޮސްޕިޓަލުން ސަރާއަށް ފަރުވާކުރަންވެސް ޖެހުނެވެ. އެރޭ ޑޮކްޓަރ ބުނެފައިވަނީ މާބޮޑަށް ހިތްދަތިވުމުގެ ސަބަބުން ސަރާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވަނީ ކަމަށާއި، ސަރާއަށް ލޯތްބާއި އޯގާތެރިކަން ދިނުމަށެވެ.

އެރެއިން ފެށިގެން ސަރާޔަށް އަހަރެންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ދެވޭތޯ އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރީމެވެ. ފަހަރެއްގައިވެސް ޑޮކްޓަރ ބުނީތީ ބުނި ކަމެއް ކުރުމުގެ މާނަޔަކު ނޫނެވެ. އަހަރެންގެ ހިތުގައި ސަރާއާ ދޭތެރޭ އުފެދިފައިވާ ގާތް ކަމެއްގެ ސަބަބުންނެވެ. ތެދުތެދަށް ބުނާނަމަ، ސަރާގެ ފުރަތަމަ ފެނިލުމާއެކު އަހަންނަށް ސަރާދެކެ ލޯބިވެވުނީއެވެ. މާބޮޑަށްވެސް ލޯބި ވެވުނީއެވެ. އެހެން ނަމަވެސް، އެރޭ މާވިއްސާރައިގެ ތެރެއަށް ނުކުމެ އަނދިރީގެތެރޭ ވަކި މަންޒިލެއްނެތި ސަރާ ދަތުރު ކުރަމުން ދިޔައީ ކޮންމެވެސް ޢާޝިޤެއްގެ އަނިޔާވެރި ނިންމުމެއްގެ ސަބަބުންކަން އެނގުނީ، އެރޭ އަހަރެންގެ ބޭބެގެ ފަރާތުންނެވެ. ޢިމްރާން އެއްވެސް ވިސްނުމެއްނެތި، ދާނޭ ތަނެއް ނެތް ސަރާ ރަށުތެރެއަށް ދޫކޮށްލީ، އޭނާ ހަމަ ސަރާދެކެ ތެދުވެރި ލޯބިވާތީތާއެވެ.

ސަރާގެ މަންމައާއި އަހަރެންގެ މަސައްކަތުން ސަރާ އަހަރެންގެ ކައިވެންޏާ އެއްބަސްވުމުން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ. އުފާވެރި އިޙްސާސްތަކެއް ކުރެވެން ފެށުނެވެ. ސަރާގެ ލޯބި ލިބެން އުޅޭކަމުގެ އުފާވެރި އިޙްސާސް އަހަރެންގެ ހިތަށާއި ރޫޙަށް ލިބެން ފެށިއެވެ. އެދުވަހު އަހަރެން ހީކުރީމެވެ. ސަރާ ޢިމްރާންގެ ހަނދާންތަކުން މިންޖުވެއްޖެއެވެ. ނަމަވެސް އެއީ އަހަންނަށް ހީވި ކުށްހީއެއްކަން އެނގުނީ، ކައިވެންޏަށް ދުވަސްތަކެއްވީފަހުން ސަރާގެ ދުލުން އަދިވެސް ޢިމްރާންދެކެ ލޯބިވާ ވާހަކައާއި، ޢިމްރާންގެ ހަނދާންތަކުން މިންޖުވެ އަހަރެންދެކެ ލޯބިވެވޭތޯ މަސައްކަތް ކޮށްކޮށް ކާމިޔާބުނުވި ވާހަކަ ބުނުމުންނެވެ. އަހަރެންގެ މުޅި ޙަޔާތުގައިވެސް އެންމެ ހިތްދަތިވެ ހިތަށް އުނދަގޫވި ވަގުތަކީ އެއީއެވެ. އެވަގުތު އަހަރެންގެ ހިތް ވިރިގެން ފޭބިހެން ހީވިއެވެ. އެދުވަހު އެކަނިމާއެކަނި ކޮޓަރިތެރޭ ހުރެ އަހަރެން ވަރަށް ރުއިމެވެ.

ވުމާއެކު ސަރާއަށް އަހަރެންދެކެ ލޯބިނުވެވޭނޭ ކަމަށް ބުނުމުން، ސަރާގެ ލޯތްބާއި އުފާތަކަށް ހުރަސްއަޅާ މީހެއްގެ ގޮތުގައި ސަރާގެ ކުރިމަތީ ހުންނަން އަހަންނަށް ކުޅަދާނަނުވީއެވެ. ސަރާއެވެ. އަހަރެން ސަރާއާ ވަކިވެގެން މިދަނީ އަހަންނަށް ސަރާދެކެ ވެވުނު ތެދުވެރި ލޯބީގެ ޙައްޤުގައި ސަރާގެ އުފާތަކަށް މަރްޙަބާ ކިޔަމުންނެވެ. އެއީ އަހަންނަށް ޒަހަރަށްވިޔަސްވެހެވެ. ޙަޤީޤަތުގައި ސަރާއާ ވަކިވުމަކީ ބޮޑު ވޭނެކެވެ. ސަރާއާ ވަކިން ދިރިއުޅެވޭތޯވެސް އަހަރެން މަސައްކަތް ކުރާނަމެވެ. ނަމަވެސް އާހް....އެވެ. ހިތާމަތައް ބަރުދާސްތު ކުރެވޭނޭ ކަމުގެ މާބޮޑު ޔަޤީންކަމެއް ނެތެވެ. އަހަރެން އުންމީދު ކުރަމެވެ. މާތްރަސްކަލާނގެ އަހަންނަށް ކެތްތެރިކަން ދެއްވާނެއެވެ. ކެތްތެރިކަން ލިބި، ދިރިއުޅުމާއިގެން ކުރިއަށްދާން ފުރްޞަތު ލިބިއްޖެނަމަ، ތިޔަ އަހުރަވެތި ސަރާއަށް އިންތިޒާރުވެސް ކުރާނަމެވެ. ތަކުރާރުކޮށް ބުނަމެވެ. އަހަރެން ސަރާދެކެ ވަރަށް ލޯބިވަމެވެ. އެހެން ނަމަވެސް، ސަރާގެ ސަބަބުން އަހަރެންގެ ހިތް ކުދިކުދި ވެއްޖެއެވެ. އިތުރަށް ލިޔާނޭ ހިތްވަރު ހުސްވެއްޖެއެވެ....

-ސަރާދެކެ ލޯބިވެވުނީތީ އަނިޔާ ލިބެމުން އަންނަ

ހިތެއްގެ ވެރި [ނިމާލް]

ސިޓީ ކިޔާ ނިމުނުއިރު ސަރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މިހާރު އޭނާގެ ލޯމަތިން ސިފަވަމުންދަނީ ނިމާލްގެ އޯގާތެރި ހަނދާންތަކެވެ.

[ނޫން..ނޫން.....އަހަންނަށް ރަނގަޅުގޮތް ހޯދަދީފައި، އަމިއްލަ ހިތަށް ޒަހަރުލާފަ ނުދޭ.] އެކަނިމާއެކަނި ހުރެ ސަރާއަށް ބާރު ބާރަށް ރޮވެން ފެށުނެވެ. ޢިމްރާން ގެއަށް އައިއިރުވެސް ސަރާ އޮތީ ރޮއިރޮއިއެވެ.

[ސަރާ ކިހިނެއްވީ؟] ސަރާ ރޯތަން ފެނުމުން ޢިމްރާން ވަރަށް ކަންބޮޑުވެއްޖެއެވެ. އޭނާ ނިކަން ހާސްވެސް ވެއްޖެއެވެ. އެވަގުތު އެނދުމަތީގައި އޮތް ސިޓީ ޢިމްރާނަށް ފެނިއްޖެއެވެ. ޢިމްރާން އެސިޓީ ކިޔަން ފެށިއެވެ. އެސިޓީ ކިޔާ ނިމުނުއިރު ޢިމްރާނަށްވެސް ހުރީ ހިސާބަކަށް އަސަރުކޮށްފައެވެ.

[ސަރާ ނުރޮއޭ ސަރާ. މިސިޓީގައި ކޮންމެ ގޮތަކަށް އޮތަސް މިހާރު އޭނާ ދުނިޔެއަކު ނެތެއްނު. އެހަނދާންތައް އިތުރަށް އާނުކުރޭ. ދުނިޔެޭގައި ނެތް މީހެއްގެ ހަނދާންތައް އާކުރުމުން އެއްވެސް ފައިދާއެއް ނުކުރާނެ.] ޢިމްރާން ވަރަށް ލޯތްބާއެކު ސަރާގެ ލޯ ފޮހެދޭން ފަށައިފިއެވެ.

[ޢިމްރާން...އަހަރެން އެންމެ ހާލުގައި ޖެހުނު ދުވަހު އެންމެ އެހީތެރިވީ....ދިރިއުޅުމުގެ މައިދާނުގައި ކުރިޔަށް ދާން އަހަންނަށް ހިތްވަރުދިން މީހާ އެދިޔައީ އަހަރެންގެ ސަބަބުން ލިބުނު ހިތްދަތިކަން ބަރުދާސްތު ނުކުރެވިގެން...ޢިމްރާން...އެއީ ވަރަށް ހެޔޮ އޯގާތެރިއެއް....] ސަރާ އަދިވެސް ރޮނީއެވެ.

[އަހަރެންވެސް ނުބުނަމެއްނު އެއީ ރަނގަޅު މީހެއް ނޫނޭ. އޭނާ ކިތަންމެ ރަނގަޅަކަސް މިހާރަކު އޭނައެއް ދުނިޔެއަކު ނެތެއްނު.] ޢިމްރާން މަސައްކަތް ކުރީ ސަރާއަށް ވިސްނައިދޭށެވެ. ސަރާ ޢިމްރާންގެ މޭގައި ބޯއަޅައިގެން އޮވެ ރޮމުން ދިޔައެވެ.

[އަހަރެން ދެރަވަނީ އަހަންނަށް އެހާ އޯގާތެރިޔަކު އަހަރެންގެ ސަބަބުން ނުވަތަ އަހަންނަށް ބުނެވުނު އެއްޗަކުން ހިތްދަތިވެގެން ދުނިޔެ ދޫކޮށް ދިޔައީމަ. އޭރު އަހަންނަށް އިޙްސާސް ނުކުރެވުނީކަންނޭނގެ، އޭނަ އަހަރެން ދެކެ ލޯބިވީ މިންވަރު...] ސަރާ ރުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

އެރޭ އެތައްއިރެއް ވަންދެން ސަރާ ރުޔެވެ. އެސިޓީއަށްފަހު ސަރާގެ ހިތްވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ޖެހިގެން އައި ދުވަހު ހެނދުނު ސަރާއާ ދިމާވުމުން ރަޝީދު، ރޭ އެ ލިބުނީ ކޮން ސިޓީއެއްހޭ އެއްސެވެ.

[އެއީ ނިމާލްގެ ސިޓީއެއް...] ރަޝީދު ފެނުމުން ނިމާލް ހަނދާންވާތީ، ސަރާ ރަޝީދުގެ މޫނަށް ބަލައިވެސް ނުލައެވެ.

[ނިމާލްގެ ސިޓީއެކޭ! އޭނަ ދުނިޔޭގައި އެބަހުރިތަ!؟] ރަޝީދު ކުޑަކޮށް ޙައިރާންވާފަދަ ގޮތަކަށް އެއްސެވެ.

[ނޭނގެ...އެއީ މާކުރީގަ ލިޔެފައި އޮތް ސިޓީއެއް. ރަޝީދު އަހަންނާ ވާހަކަ ނުދައްކަފާނަންތަ؟] މިހެން ބުނިއިރުވެސް ސަރާ ރަޝީދުގެ މޫނަކަށް ނުބަލައެވެ.

[އެއީ ކީއްވެ!؟] ރަޝީދު ޙައިރާންވިއެވެ.

[ރަޝީދުގެ ސަބަބުން ނިމާލްގެ މަތިން ހަނދާންވާތީ....ރަޝީދު ވާހަކަ ދެއްކީމާ ކުރިމަތީގައި ނިމާލް ހުރެ ވާހަކަ ދައްކާހެން ހީވަނީ...] ސަބަބު ސަރާ އޮޅުންފިލުވައިދިނެވެ.

[ސަރާ ނިމާލްގެ ހަނދާންތައް އާކުރާކަށް ބޭނުމެއް ނޫންތަ؟] ރަޝީދު ސަރާގެ ލޮލަށް ބަލައިލިއެވެ.

[ދުނިޔޭގައި ނެތް މީހެއްގެ ހަނދާންތައް އާކުރުމުގެ މާނަޔަކީ ކޮބައިތަ؟] ސަރާ މިހެން ބުނެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު ރަޝީދުގެ ދެލޯ ފެންކަޅިވެއްޖެއެވެ. މޫނުމަތިން އުފާވެރިކަން ދައްކަން ކިތަންމެ މަސައްކަތް ކުރިނަމަވެސް، ރަޝީދުގެ މޫނުމައްޗަކުން އެއްވެސް އުފާވެރި ކަމެއް ނުފެނެއެވެ. އަބަދުވެސް އޭނާ ހުންނަނީ ކޮންމެވެސް ފިކުރެއްގައެވެ. ބައެއްފަހަރު އޭނާ ކޮޓަރީގައި އެކަނި އޮވެ ރޮއިވެސް ހަދައެވެ. ނަމަވެސް އޭނާ އެއީ ހިތާމަތަކެއް ކުރާ މީހެއް ކަމެއް، އެގޭގައި އުޅޭ އެއްވެސް މީހަކަށް މޭރުންވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުންދެއެވެ. މިހާރުވެސް ނަޝާ ޢިމްރާނަށް ގުޅާވަރަށް ހަމަ ގުޅައެވެ. އެއްވެސް ހާލެއްގައި ޢިމްރާންގެ މަތިން ހަނދާން ނައްތާލާކަށް ނަޝާ ނުވިސްނާކަންނޭނގެއެވެ. ނަޝާގެ މަންމަ ޒާހިދާވެސް ތަކުރާރުކޮށް އެތައްފަހަރަކު ނަޝާއަށް ނަޞޭޙަތްތެރިވެއްޖެއެވެ. ނަމަވެސް، ނަޝާ ބުނަމުން އަންނަނީ ދެއަންބަށްވިޔަސް ޢިމްރާނާ އިންނަން ބޭނުންކަމަށެވެ.

[ދެއަންބަށް އިނުމަކީ މާބޮޑު މައްސަލައެއް ނޫނޭ.] ނަޝާ ދައްކާ ވާހަކަތަކުން މިހާރު އޭނާ މާހަމަޖެހޭހެނެއްވެސް ހިއެއް ނުވެއެވެ.

ގިނަ ރޭރޭ ނަޝާ ހޭދަކުރަނީ ޢިމްރާނާ ދޭތެރޭ ވިސްނަން އޮވެއެވެ. އޭނާގެ ބޭބެ ނިޔާޒާއި ބައްޕަ ރާޒީވެސް ތަކުރާރުކޮށް އެތައް ފަހަރަކު އޭނާއަށް ނަޞޭޙަތްތެރިވެއްޖެއެވެ. އޭނާއަށް އެއްޗެއް ބުނަން ނުކެރެނީ ހަމައެކަނި އޭނާގެ ބައްޕަގެ ކުރިމަތީގައެވެ. ބައްޕަ އެއްޗެކޭ ބުނާއިރަށް ބުނަނީ އޭނާ މިހާރު ޢިމްރާނަށް ނުގުޅާ ކަމަށާއި، ނުވެސް ގުޅާނޭ ކަމަށެވެ. ވުމާއެކު ނަޝާގެ މަންމަ ޒާހިދާއާއި ބައްޕަ ރާޒީ މިހާރު ވިސްނަމުންދަނީ ވީހާވެސް އަވަހަކަށް ނަޝާ މީހަކާ ދެވުމަށެވެ. އެގޮތުން ރާޒީ މިހާރުވަނީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ރަޝާދުގެ ދަރިފުޅު ފަސީޙާއި ނަޝާ ދެވުމަށް އެދެޢާއިލާ ވާހަކަ ދައްކާ ނިންމާފައެވެ. އެވާހަކަ މިހާރު ރާޒީ ނަޝާ ގާތު ބުނެވެސްފިއެވެ. ނަމަވެސް ބައްޕަގެ ކުރިމަތީގައި ނަޝާ އެކައިވެންޏާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

[މަންމަމެން ދައްކާހާ މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. މަންމާ، ބައްޕަ ގާތު ބުނޭ، އަހަރެން އަދި މީހަކާ އިންނަވަރެއްނުވެއޭ....] ނަޝާ އޭނާގެ ބައްޕަ ދިއުމާއެކު މަންމައާ ވާހަކަ ދެއްކިއެވެ.

[މަންމައެއް ނޫނޭ ދަރިފުޅު މީހަކާ ދެވަން އުޅެނީ....ދަރިފުޅުގެ ބައްޕަ މިހާރު ކައިވެނީގެ ހުރިހާ ކަމެއް ނިންމައިފި. ދެން ބަދަލެއް ނުވާނެ....] ޒާހިދާ ބުންޏެވެ. ނަޝާ ގަދަ ދައްކަނީ ޒާހިދާގެ ކުރިމަތީގައެވެ. އޭނާގެ ބައްޕަގެ ކުރިމަތީގައި އެކައްޗެކޭ ކިޔާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ.

ނަޝާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ފަސީޙަކީ މަދުރަސީ ދައުރުގައި ކޮންމެވެސް ވަރަަކަށް ނަޝާޔާހެދި އުޅުނު ކުއްޖެކެވެ. ނަމަވެސް އެއްވެސް ފަހަރަކު އޭނާ ނަޝާދެކެ ލޯބިވާ ކަމެއް ނަޝާއަކަށް ނާންގައެވެ. މިހާރު ރޭވެމުންދަނީ އެކަނި ނަޝާގެ ކައިވެންޏެއް ނޫނެވެ. އެޢާއިލާގެ ތެރެއިން މިހާރު އެހެން ކަމެއްވެސް ފެށިގެން ކުރިޔަށް އެބަދެއެވެ. އާދެ! ޑޮކްޓަރ ޝީކާއާއި ނިޔާޒްގެ ގުޅުމުގައި ލޯބީގެ ކުލަ ޖެހިއްޖެއެވެ. މިހާރު އެދެމީހުން އެކުގައި ތަންތަނަށްދާތަންވެސް ފެންނަން ފަށައިފިއެވެ.

[އަހަރެން މިއޮއްހާ ދުވަހު މިގޮތަށް އެކަނިވެރިކަންމަތީގައި ޙަޔާތް ވޭތުކުރީ މިދުވަސް އަންނަންދެން. ދޮގެއް...އަހަރެން ކުރިން ޝީކާއާމެދު ޢިޝްޤީ ނަޒަރަކުން ނުވެސް ވިސްނަން. ކުއްލިއަކަށް އަހަރެންގެ ޚިޔާލު ބަދަލުވީ....މިހާރު ނޭނގެ ވީގޮތެއްވެސް. ޝީކާދެކެ ވަރަށް ވަރަށް ލޯބިވޭ....] ނިޔާޒާއި ޝީކާ ވާހަކަ ދައްކަން ތިބީ މަޖީދީ މަގުގައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

[އަހަރެންވެސް ފުރަތަމަ އެއްވެސް ވަރަކަށް ނިޔާޒާމެދު ނުވިސްނަން. އެކަމަކު މިހާރު މިހުރީ ނިޔާޒާ ދޭތެރޭ އެންމެ ފުންކޮށް ވިސްނާ ޙާލުގައި.] ޝީކާ ނިޔާޒްގެ ލޮލުގެ ތެރެއަށް ބަލަން އިނދެފައި ބުންޏެވެ. ނިޔާޒް ޝީކާގެ އަތުގައި ހިފާލިއެވެ. މިހާރު އެދެޒުވާނުން އެތިބީ އެކަކު އަނެކަކަށް ގުޅި، ދެހިތުގައި ވަރުގަދަ ލޯތްބެއް އުފެދިފައެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


17

ޒާރާ

28-Jul-2020

ސިޓީލިބުނު އރު އމްރާން ނިދާފަ ސަރާ ސިޓީ ކިޔާނިމުނު އިރު އިމްރާން ބޭރުން ގެއަށް މިތަން ހަމަނުޖެހޭ ވާހަކަވ ރީތި


-4

ޝަމާ

28-Jul-2020

ހަމަ ހަބޭސް ވާހަކަ އެއް



ޓްރެންޑިން