ސްރީ ލަންކާގައި މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ސްރީލަންކާގައި ވެލިއު އެޑެެޑް ޓެކްސް އިތުރުކުރުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން، ލަންކާގައި ތަކެތީގެ ވެލިއު އެޑެޑް ޓެކްސް (ވެޓް) ރޭޓް މިއަދުން ފެށިގެން 15 އިންސައްތައިން 18 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ.

މީގެ ކުރީގައި ވެޓް ނެގުމުން އިސްތިސްނާ ކުރެވިފައިވާ ޑީސަލް، ޕެޓްރޯލް، އަދި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ފަދަ ތަކެތިން މިހާރު ވެޓް ނަގާނެއެވެ. ނަމަވެސް މި އުފެއްދުންތަކުން މިހާރު ނަގަމުންދާ 7.5 އިންސައްތަ ޕޯޓްސް އެންޑް އެއަރޕޯޓް ޑިވެލޮޕްމަންޓް ޑިއުޓީ މައާފްކުރާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މި ބަދަލާއެކު، އެޤައުމުގެ މުވާސަލާތީ ޚިދުމަތްތަކުންވެސް 3 އިންސައްތަ ޓެކްސް އިތުރުވާނެ ކަމަށް ލަންކާގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ބުނެއެވެ. މީގެ އިތުރަށްވެސް، ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުން ބުނީ އިންޓަނެޓްގެ ހިދުމަތަށް މިހާރު ނަގާ ޓެކްސް ރޭޓް 20.3 ޕަސެންޓުން 23.5 އިންސައްތައަށް އިތުރުވާނެ ކަމަށެވެ.

ސިލޯން ސެލޫލާ ވެންޑަރސް އެސޯސިއޭޝަންގެ ރައީސް ސާމިތު ސެނަރަތު ވިދާޅުވީ ވެޓް ބޮޑުކުރުމާއެކު 100،000 ލަންކާ ރުޕީސްގެ އަގަށް ވިއްކާ މޯބައިލް ފޯނަކުން 18،000 ރުޕީސްގެ ޓެކްސް ނަގަން ޖެހޭނެ ކަމަށެވެ.

ނޭޝަނަލް ވޯޓަރ ސަޕްލައި އެންޑް ޑްރެނޭޖް ބޯޑުން ބުނީ ފެން ބިލް ރޭޓް ވެސް މި މަހުން ފެށިގެން 3 އިންސައްތައިން އިތުރުވާނެ ކަމަށެވެ.

ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ޕިޔާލް ޕަތްމަނަތާ ވިދާޅުވީ މި މަހުން ފެށިގެން ފެން ބިލަށް 3 އިންސައްތައިގެ ވެޓް އިތުރުކުރާނެ ކަމަށެވެ.

ވެޓް ރޭޓްތަކަށް ގެނައި އިސްލާހާއިއެކު ލަންކާގައި ކާބޯތަކެތީގެ ޚިދުމަތްތަކަށް ނަގާ އަގުތަކަށްވެސް ބަދަލު އަންނާނެއެވެ. އެގޮތުން، އޯލް ސިލޯން ރެސްޓޯރެންޓް އެންޑް ރެސްޓޯރެންޓް އޯނަރސް އެސޯސިއޭޝަންގެ ރައީސް ހަރްޝާނާ ރުކްޝާން ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ހަނޑޫ ޕެކެޓެއްގެ އަގުވެސް 25 ރުޕީސްއަށް ބޮޑުވާނެ ކަމަށެވެ.

ލަންކާ ސަރުކާރުން ޓެކުހަށް މި ގެނައި ބަދަލާއެކު ޒަރޫރީ މުދަލާއި ޚިދުމަތުން ފެށިގެން އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނާއި އަންނައުނާއި ހިފާގެންގުޅޭ ބާވަތްތަކުގެ އަގުވެސް ބޮޑުތަނުން މައްޗަށްދާނެ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން