ވިލާ ކޮލެޖުގައި ނަފްސާނީ ސިއްހަތާއި ބެހޭ ހާއްސަ މަރުކަޒެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ވިލާ ކޮލެޖުގައި ހުންނަ "ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓަރ" އަކީ މަތީ ތައުލީމުދޭ ފަރާތަކުން ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ.

އެ ސެންޓަރު އިފްތިތާހުކޮށްދެއްވީ އިއްޔެ ވިލާ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވަނީ ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ވެސް ނަފްސާނީ ގޮތުން ދުޅަހެޔޮ މާހައުލެއް ގާއިމްކޮށްދިނުމުގައި ސެންޓަރުގެ އަސާސީ އަމާޒު ފާހަގަކުރައްވާފައެވެ. އެގޮތުން އަންވަރު ވިދާޅުވީ ވިލާ ކޮލެޖުގެ ތަޢުލީމުގެ ޖުމްލަ ފެންވަރު މަތިކުރުމާއި ދަރިވަރުންނާއި މުވައްޒަފުންނަށް މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެ ސެންޓަރުން މަސައްކަތް ކުރާނެ ކަމަށެވެ.

ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓަރުން ސައިކޯސޯޝަލް ސަޕޯޓާއި ކައުންސެލިން އާއި ސައިކޮތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓްގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން މިހާރު ވިލާ ކޮލެޖުގައި ބެޗްލަރސް އިން ސައިކޮލޮޖީ އަދި މާސްޓާސް އޮފް ސައިންސް (ކައުންސެލިން) ކިޔަވަމުންދާ ދަރިވަރުންނަށް އެކަޑަމިކް އަދި ޕްރޮފެޝަނަލް ތަޖުރިބާގެ ގޮތުގައި އެ ސެންޓަރުގައި އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިއްޔެއިން ފެށިގެން މި ސެންޓަރުގެ ޚިދުމަތްތައް އާންމުންނަށް ހުޅުވާލާފައިވާއިރު، ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 9 އިން ރޭގަނޑު 9 އަށް އެ ސެންޓަރުން ޚިދުމަތް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން