ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވޯލްޑްކަޕްގައި ކުޅުނު 6 މެޗުގައި ބޭނުންކުރި 6 ޖަރޒީ 7.8 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި މެސީގެ ޖަރޒީތައް ވިއްކާލާފައިވަނީ އެމެރިކާގެ ނިއުޔޯކްގައި އޮތް ނީލަމެއްގައެވެ.

ނީލާމުގައި ވިއްކާލާފައިވަނީ ގްރޫޕް ސްޓޭޖްގައި މެސީ ކުޅުނު 3 މެޗާއި، ކުއަރޓަރ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް މެޗުގައި މެސީ ބޭނުންކުރި ޖަރޒީތަކެވެ.

މިއީ މެސީއާ ގުޅުން ހުރި އެއްޗެއް ނީލަމެއްގައި އެންމެ އަގުބޮޑުކޮށް ވިއްކާލި ފަހަރުގެ އިތުރުން، މިއަހަރު މިހާތަނަށް ކުޅިވަރާއި ގުޅޭ އެއްޗެއް ނީލަމެއްގައި އެންމެ އަގުބޮޑުކޮށް ވިއްކާލި ފަހަރެވެ.

ނަމަވެސް ތާރީހުގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ އެމެރިކާއަށް ނިސްބަތްވާ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަންގެ ޖަރޒީއެކެވެ. އެގޮތުން 1998 ވަނަ އަހަރުގެ އެންބީއޭގެ ފައިނަލްގައި ޖޯޑަން ބޭނުންކުރި ޖަރޒީ ވަނީ މިދިޔަ އަހަރު 10.1 މިލިއަން ޑޮލަރުގެ ރެކޯޑް އަަގަކަށް ވިއްކާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން