އެފްރިކަން ފުޓްބޯލް އެވޯޑްސްގައި އެފްރިކާގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ނައިޖީރިއާގެ ވިކްޓާ އޮސިމެން ހާސިލުކޮށްފިއެވެ.

މޮރޮކޯގެ މައްރަކޭޝްގައި ބޭއްވި މި ހަފްލާގައި މި އެވޯޑަށް އޭނާއާއި އެންމެ ގާތުން ވާދަކޮށްފައިވަނީ މިސްރު އަދި ލިވަޕޫލަށް ކުޅެމުންދާ މުޙައްމަދު ޞަލާޙްއާއި މޮރޮކޯގެ އަޝްރަފް ހަކީމީއެވެ. އުމުރުން 26 އަހަރުގެ އޮސިމެންއަށް މި މަޤާމް ހާސިލުކުރެވުނީ އިޓަލީގެ ނަޕޯލީގައި ނިމިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ އެޓީމަށް އިޓަލީ ލީގްގެ އެންމެ ފަހު ސީޒަންގައި 26 ލަނޑު ޖަހާދީ މުޅި އިޓަލީ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެފައެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިިޔާގެ މަގާމް ނައިޖީރިއާ ކުޅުންތެރިޔަކު އެންމެ ފަހުން ހާސިލުކޮށްފައިވަނީ 1999 ވަނަ އަހަރުގައެވެ. އެ އަހަރު އެ އެވޯޑް ހާސިލުކުރީ ންވަންކޯ ކާނޫއެވެ.

މި އެވޯޑް ހަފްލާގައި އެފްރިކާ ބައްރުގެ އެންމެ މޮޅު ފުޓްބޯޅަ ޓީމްގެ އެވޯޑް ހޯދާފައިވަނީ ނިމިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ވިދާލި މޮރޮކޯގެ ފުޓްބޯޅަ ޓީމެވެ. އެޓީމްގެ ކޯޗް ވަލީދް ރެގްރަގީ ވަނީ އަހަރުގެ އެންމެ މޮޅު ކޯޗްގެ މަޤާމް ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން