"4 ޗިލްޑްރެން ފޯ ސޭލް" ތަސްވީރު
"4 ޗިލްޑްރެން ފޯ ސޭލް" ތަސްވީރު
1948 ވަނަ އަހަރުގެ ތެރޭގައިނަގާފައިވާ މަޝްހޫރު "4 ޗިލްޑްރެން ފޯ ސޭލް" ތަސްވީރުގެ ފަހަތުގައި އޮތީ ވަރަށް ހިތްދަތި ވާހަކަތަކެކެވެ.

ތަސްވީރުން ފެންނަ އެހުރި އަންހެންމީހާ، ލުސިލް ކެލިފޯ ދިރިއުޅެމުން ގެންދިޔަ ގެއިން ނުކުތުމަށް ގޭގެ ވެރިފަރާތުން އެންގުމާއިއެކު އިތުރުގޮތެއް ނެތްކަމަށް ބަލައި އޭނާގެ ހަތަރު ދަރީން ވިއްކާލުމަށް އޭނާ ނިންމިއެވެ. މި ތަސްވީރުން ފެންނަނީ ހަތަރު ކުދިން ވިއްކާކަމަށް ލިޔެފައިވާ ބޯޑެއްގެ ކައިރީގައި ކުޑަކުދީންތަކެއް އިށީނދެ ތިބޭ މަންޒަރެވެ. އަދި އެކުދީންގެ ފަހަތުގައި ލުސިލް ކޮޅަށް ހުންނައިރު، އޭނާ ހުންނަނީ ކެމެރާއާއި ދުރަށް މޫނު އަނބުރައިގެންނެވެ.

މި ފޮޓޯއަށް މީހުންގެ ސަމާލުކަން ލިބިފައިވަނީ ލޯކަލް ނޫހެއްގައި ޝާއިއުކުރި ހިސާބުންނެވެ. އަދި އޭގެފަހުން ވަޒީފާގެ ފުރުސަތުތަކާއި، އެހީއާއި، އާންމުންގެ އެހީތެރިކަން އެއާއިލާއަށް ލިބުނެވެ. އެހެންނަމަވެސް، އެކުދީންނަށްޓަކައި އެބޯޑުގައި ލިޔެވުނު ނަސީބު ބަދަލުކުރެވޭގޮތެއް ނުވިއެވެ.

މި ހަތަރުކުދީންގެ ތެރެއިން އެންމެ ހަގު ކުއްޖާކަމުގައިވާ، ޑޭވިޑް އެޑޮޕްޓްކުރީ ހެރީ އަދި ލުއެލާ މެކްޑޭނިއަލްއެވެ. އެދަމަފިރިން ޑޭވިޑް ބޮޑުކުރީ ހަމަޖެހޭ ދިރިއުޅުމެއްގައި ރައްކާތެރިކަމާއެކުގައެވެ. ހިސާބަކަށް ހަރުކަށި ތަރުބިއްޔަތަކާއެކު ބޮޑުވި ޑޭވިޑް، ސިފައިންގެ ތެރޭގައި 20 އަހަރު ޚިދުމަތްކުރުމަށްފަހު، އާމްދަނީ ހޯދުމަށްޓަކައި ޑޭވިޑް ދެން ކުރި މަސައްކަތަކީ ޓްރަކް ޑްރައިވަރެއްގެ މަސައްކަތެވެ.

އެހެންނަމަވެސް، އެހަތަރު ކުދީންގެތެރެއިން އެންމެ ދޮށި ދެކުދިންކަމުގައިވާ ރޭއޭން އާއި މިލްޓަންގެ ތަޖުރިބާ ވަރަށްވެސް ހިއްޗެވެ. މިގޮތުން، މި ދެކުދީން އެޑޮޕްޓްކުރި ދެމަފިރިން، ޖޯން އާއި ރޫތް ޒޮއެޓްމަން އެކުދީންނާއި މެދު ދެކުނީ އެމީހުންގެ މުދަލާއިމެދު ދެކޭ އުސޫލުންނެވެ. ކުޑަ ކުދީންނާއި މެދު ދެކޭގޮތަކަށް ނޫނެވެ.

ގެގަނޑެއްގައި އެދެކުދީން ބަންދުކޮށް ބަނދެތފައި ބޭތިއްބުމުގެ އިތުރުން، ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތަކެއް އެކުދީންނަށް ކޮށްފައިވެއެވެ. އަދި ހާއްސަކޮށް ރޭއޭން ބޮޑުކުރީ ބިރުވެރި ތަޖުރިބާއެއްގެ މަތީގައެވެ. އެގޮތުން، ރޭއޭންގެ ފުރާވަރުގެ ދުވަސްވަރުގައި އޭނާ ރަހީނުކުރެވި، ރޭޕްކޮށް، ބަނޑުބޮޑުވެސް ވެފައިވެއެވެ.

ދެވަނައަށް ހަނގަށްހުރި ސޫއެލެންވެސް ދެމަފިރިއަކު އެޑޮޕްޓްކުރިއެވެ. ނަމަވެސް އެއީ ހިތްދަތި ދުވަސްތަކެވެ.

މިލްޓަންއާއި ރޭއޭން ބޮޑެތިވުމަށްފަހު ވަނީ ގުޅުން ބަދަހިކޮށްފައެވެ. މިކުދީން އަލުން އެކަކު އަނެކަކާއި ބައްދަލުވިއިރު، ސޫ އެލެން އިނީ ފުއްޕާމޭގެ ކެންސަރުގެ ފަހު ސްޓޭޖްގައެވެ. އަދި އޭނާގެ އެއްބަނޑު ދެންތިބި މީހުންނާއި ވާހަކަދައްކާފައިވަނީ ލިޔެގެންނެވެ.

ސޫއެލެން އެމީހުން ވިއްކާލި މަންމަގެ ވާހަކަ ދައްކަމުން ލިޔެފައިވަނީ، "އޭނާ އޮންނަން ޖެހޭތަނަކީ ނަރަކައިގެ އެންމެ އަޑީގައި. އަނދައަނދާ."

މި ހަތަރު ކުދީން ވިއްކާލުމަށްފަހު އެކުދީންގެ މަންމަ، ލުސިލްވަނީ އެހެން ކައިވެެންޏެއް ކޮށް އިތުރު 4 ކުދީން ވިހާފައެވެ. އަނެއްކާ މިހަތަރު ކުދީންނާމެދު ކަންތައް ކުރާނެ ގޮތަކާއިމެދު ވަނީ ސުވާލު އުފެދިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން