ރާއްޖެއަށް ގެނަސްގެން މިއުޅެނީ ހަމަ އަޖާއިބެއްކަހަލަ ޑިމޮކޮރެސީއެކެވެ. މިޑިމޮކްރެސީގައި މިއޮންނަނީ އެއްޕާޓީއެއް ވެރިކަން ކުރާއިރު އަނެއް ބަޔަކު އެވެރިކަން ވައްޓާލަން މަގުމަތީގައި ތިބުމެވެ. ވެރިކަން ނިމުމުން ވެރިމީހާ ހުންނަނީ ކުށްވެރިވެފައެވެ. ނޫނީ ވެރިކަން ބަދަލުވިގޮތް ކަމު ނުގޮސްގެން އާސަރުކާރާ ދެކޮޅަށް ހަރަކާތްތައް ފަށާން ޖެހިފައެވެ. ދެން ޕާޓީގެ އެކްޓިވިސްޓުން ނުކުމެ ތިބެނީ މަގުމަތީގައި އެވެރިމީހާގެ ހައްގުގައި އަޑު އުފުލާށެވެ. ނުވަތަ ޕާޓީއަށް އަލުން ވެރިކަން ހޯދައިދޭން ސީދާ ހަރަކާތަށް ނުކުމެއެވެ. ދެން މިހެން ތިއްބާ ވެރިކަން ބަދަލުވަނީއެވެ. ވެރިކަން ބަދަލު ކުރެވެނީ ނޫނީ އިންތިހާބު ކާމިޔާބު ކުރެވެނީ ކޯލިޝަން ހަދައިގެންނެވެ. އިންތިހާބުން މޮޅުވެ ވެރިކަން ލިބުނީމާ ދެން އޮންނާނީ ސަރުކާރު ފޮތި ފޮތިކޮށް ބައި އަޅައި ބެހުމެވެ.

މި ޑިމޮކްރެސީގައި ދެން މިއޮންނަ ގޮތަކީ ސަރުކާރުގެ މަގާމުތައް ބެހުމެވެ. އެންމެ ފުރަތަމަ ލޭޔަރު ނުވަތަ އެންމެ މަތިފަޑީގެ މަގާމުތައް މިލިބެނީ ޕާޓީގެ ބޮޑުންނަށާއި ބޮޑުންގެ ދަރިންނާއި އެންމެ އަރިސް މީހުންނަށެވެ. ދެން އޮންނަ ލޭޔަރަކީ ބޮޑުންގެ އާއިލީ ބޭފުޅުންނާއި ޕާޓީގައި އެންމެ އިސްކޮށް ނަގައި ކިޔަން އުޅުނު މީހުންނަށާއި ބޮޑުންގެ ގާތް އެކުވެރިންގެ މަގާމުތަކެވެ. އެއަށް ފަހު ދެން އަޮންނަނީ މަގުމަތީގައި އަޑުއުފުލާން އުޅުނު އެކްޓިވިސްޓުންގެ ލޭޔަރެވެ. މި ލޭޔަރު ތަކުގެ ތެރެއަށް ވަދެގެންދާ އަނެއް ބަޔަކީ ޕާޓީގެ މީޑިއާގައި އުޅުނު ހަރަކާތްތެރި ނޫސްވެރިންގެ ލޭޔަރެވެ. މީގެތެރޭގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި "ކުދިންކޮޅު" ވެސް މިހާރު ހިމެނެއެވެ. މިއީ މިފަހުން އައި ސަރުކާރުތަކުގެ ސިޔާސީ ވަޒީފާތަކާއި ކުންފުނި ތަކުގެ ވަޒީފާތައް އެތުރިފައި ހުރި ގޮތެވެ.

އެހެންވީމާ މިއީ 2008 ވަނަ އަހަރު ރާއްޖެއަށް ލިބުނު މަލްޓިޕާޓީ ޑިމޮކްރެސީ ނިޒާމުގައި އޮންނަ ގޮތެވެ. އެނިޒާމުގައި ސަރުކާރުގައި މައިގަނޑު ތިން ލޭޔަރެއް އެބަ އޮވެއެވެ. އެއީ ސަރުކާރު ހިންގަން ނުވަތަ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާ ސިވިލް ސާވިސްގެ ލޭޔަރާއި އިންތިހާބީ ސިޔާސީ މަގާމުތަކުގެ ލޭޔަރާއި ޕާޓީގެ މެންބަރުންނަށް ބަހާލެވޭ ސިޔާސީ ވަޒީފާތަކުގެ ލޭޔަރެވެ. މި ލޭޔަރުތަކަށް ބަލާއިރު ސަރުކާރުން އާންމު ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދޭން އޮންނަ ލޭޔަރަކީ ސިވިލް ސާވިސްގެ ލޭޔަރެވެ. އިންތިހާބީ މަގާމު ތަކަކީ ސަރުކާރުގެ ތެރޭގައި އެކިކަންކަމުގައި ރައްޔިތުން ތަމްސީލު ކުރާ މީހުންނެވެ. ދެން އޮންނަ ލޭޔަރަކީ ވެރިކަން ހިންގާ ޕާޓީ ނުވަތަ ޕާޓީތަކުގެ އިސް ވެރިންނާއި އެކްޓިވިސްޓުންގެ ނުވަތަ އިސް ހަރަކާތްތެރިންގެ ލޭޔަރެވެ. މިއީ މުޅިންވެސް ސިޔާސީ ކަންކަމުގައި ޝާމިލުވެ އުޅޭ ބައެކެވެ. މި ލޭޔަރުގައި ތިބޭ މީހުންގެ ވަޒީފާއަކަށްވާނީ ހެދުނު ޓައީ އަޅައިގެން އޮފީހަށް ވަދެ މީޓިންގ ބާއްވާލާފައި ނުކުމެ ކޮފީ މޭޒުތަކުގައި ސިޔާސީ ބޮޑު ކެނޑުމެވެ. ދެން ޕާޓީގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވެ ވީހާވެސް ގިނައިން ފޮޓޯ ނަގައި މީސް މީޑިއާގައި އެ ފޮޓޯތައް ހިއްސާ ކުރުމާއި ވެރިމީހާއަށް ސަނާ ކިއުމެވެ.

ކަންމިހެން އޮތުމުން މިރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމު މިވަނީ ވަރަށް ޚަރަދުބޮޑު، ސަރުކާރުގެ މަތިބަރު ނިޒާމަކަށެވެ. ގައުމަށް ވަންނަ އާމްދަނީއާއި ރައްޔިތުންގެ ޓެކްސް ފައިސާގެ 75 އިންސައްތައަށް ވުރެ ބޮޑު މިންވަރެއް ހޭދަ ކުރަން މިޖެހެނީ ސަރުކާރު ހިންގުމަށެވެ. އޭގެތެރެއިން ވެސް ބޮޑުބައި މި ހޭދަވަނީ ވެރިކަން ކުރާ ޕާޓީ ތަކުގެ މެންބަރުންނަށެވެ.

އަޅުގަނޑަށް ކުރިން ހީވެފައި އޮންނަނީ ސިޔާސީ ޕާޓީއަށް މީހުން ވަދެ ޕާޓީގެ ހަރަކާތްތަކުގައި އެމީހުން އުޅެނީ އެޕާޓީގެ ފިކުރާއި އުސޫލުތަކާއި އެޕާޓީގެ ސިޔާސަތުތައް އެމީހުންނަށް ކަމުދާތީ އެޕާޓީގެ ވެރިކަމެއް ގައުމުގައި އޮތުމަށް ތާއީދު ކުރާތީ ކަމަށެވެ. ނަމަވެސް ފަހުން މިފެންނަން ފެށި މަންޒަރުތަކުން އެ ވިސްނުން ބަދަލުކުރަން މަޖުބޫރު ވެއްޖެއެވެ. އަދި ރާއްޖެއަށް މިގެނައި ޑިމޮކްރެސީގައި މިއޮންނަނީ އެގޮތަށް ނޫންކަން މިހާރު ވަރަށް ބޮޑަށް ކަށަވަރުވެ ޔަގީން ވެއްޖެއެވެ. ކުރިން އަޅުގަނޑަށް ހީވެފައި އޮތީ އެ ސިޔާސަތަކީ ވަކި ޕާޓީއަކުން ގެންގުޅޭ ނާތަހުޒީބު ސިޔާސަތެއް ކަމަށެވެ. ނަމަވެސް އިއްޔެއާއި މިއަދު މިފެންނަމުންދާ މަންޒަރުތަކުން، މިއީ ވަކި ބަޔަކު ވެރިކަމަށް އައިސްގެން ވާކަމެއް ނޫންކަން އެނގި ޔަގީން ވެއްޖެއެވެ.

ނިމިދިޔަ ވެރިކަމުގައި ވެސް އެންމެ ބާރަށް އިވުނު އެއް އަޑަކީ ވެރިކަން ހޯދައިދޭން މަގުމަތީގައި ތިބި ކުދިންނަށް ވަޒީފާ ނުލިބިގެން އެވާހަކަ ދެއްކި އަޑެވެ. "މިވެނި އެވެނި ބަޔަކު ފަސް އަހަރު ނުވަތަ ހަތް އަހަރު ވާންދެން ދިދަ ހިފައިގެން ވެރިމީހާގެ ފޮޓޯ ހިފައިގެން ތިބީ މަގުމަތީގައޭ، މިވެނި މީހަކު މިވެނި އަދަދަކަށް ހައްޔަރުކޮށް އަދަބު ލިބުނީ ޕާޓީގެ ހަރަކާތްތަކުގައި މަގުމަތީގައި އުޅެގެންނޭ، އަހަރެމެން މިތިވީ ޕެޕަސްޕްރޭ ބޮއިގެންނޭ، ނަމަވެސް އެމީހުންނަށް ވަޒީފާ ނުދީ ވަޒީފާތައް ދެނީ ކަމާ ނުވެސް ބެހޭ މާދުރުގައި ތިބި ބަޔަކަށޭ،" ބުނެ ދައްކަމުން ދިޔަ ވާހަކަ ތަކުގެ އަޑެވެ. އެހެންވީމާ ޕާޓީތަަކަށް ވަންނަ "ކުދިންނަށް" ވެސް މިހާރު ގަބޫލުކުރެވިފައި މިއޮންނަނީ އެމީހުން ޕާޓީގެ ހަރަކާތްތަކުގައި ކުރީ ސަފުގައި އުޅުނު ވަރަކަށް ޕާޓީ ވެރިކަމަށް އައުމުން ވަޒީފާ ހައްގުވާނެ ކަމަށެވެ. ވަޒީފާ ދޭން ޖެހޭނެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުން ސިޔާސީ ވަޒީފާތަކާއި ކުންފުނި ތަކުން ވަޒީފާ ދިނުމުގައި ބަލަން ޖެހޭ މިންގަނޑަކީ އެމީހަކު މަގުމަތީގައި އުޅުނު މިންވަރާއި މަގުމަތީގައި އުޅެނިކޮށް ހައްޔަރަށް ދާންޖެހުނު މިންވަރު ކަމަށް އެމީހުންނަށް ގަބޫލުކުރެވެނީއެވެ.

ޕާޓީ ވެރިކަމުގައި އޮންނައިރު ވެރިމީހާ ޕާޓީގެ ބައްދަލުވުން ތަކަށް ވަޑައިގަތުމުން މިހާރު އެންމެ ގިނައިން އިވޭނީ ޕާޓީގެ މެންބަރުންނަށް ވަޒީފާ ނުލިބިގެން ކުރާ ޝަކުވާގެ އަޑެވެ. ވެރިމީހާ ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަދި ޕާޓީގެ މެންބަރުންނާއި ބައްދަލު ކޮށްލިއަސް އިވޭނީ މިޝަކުވާގެ އަޑެވެ. އެހެން ޕާޓީތަކުގެ މެންބަރުން ނުވަތަ އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން އަދިވެސް ކުންފުނިތަކުގެ ވަޒީފާ ތަކުގައި ގަދަކޮށް އުޅޭއިރު ވެރިކަން ކުރާ ޕާޓީގެ "ކުދިންނަށް" ވަޒީފާ ނުލިބޭ ވާހަކައިގެ ޝަކުވާއެވެ. ދެން ވެރިމީހާއަށް މަޖުބޫރުވަނީ ޕާޓީގެ ކުދިންގެ މި ވިސްނުމާއި އެއްގޮތަށް ދީލާލައި ރަށުގައި ތިބި ޕާޓީގެ މެންބަރުންނަށާއި ޕާޓީގެ އިސް މީހުންގެ އާއިލާ މެންބަރުންނަށާއި ގާތް މީހުންނަށް ވަޒީފާތައް ހަމަޖައްސައިދޭށެވެ.

ދެން މިފަހުން ފެނުނު އަނެއް މަންޒަރަކީ އިންތިހާބީ މަގާމުތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބުތަކުން ބަލިވާ މެންބަރުންނަށާއި އެތެރޭގެ އިންތިހާބުތަކުން ޓިކެޓް ލިބިގެން ގައުމީ އިންތިހާބުތަކުގައި ވާދަކުރާ މެންބަރުންގެ ތެރެއި އިންތިޚާބު ކާމިޔާބު ނުވާ މެންބަރުންނަށް ވެސް ސިޔާސީ މަގާމުތައް ދެމުންދާ ތަނެވެ. މިއީ ވެސް މިހާރު ޕާޓީއަށް، ވެރިމީހައަށް މަޖުބޫރުވާ ކަމެކެވެ.

މީސް މީޑިއާގެ އެކި އޮޅިތަކުން ގިރާ ކޮށްލުމުން މިއަދު ފެންނަ ޝުޢޫރު ތަކުގެ ތެރޭގައި މިދެންނެވި "ޕާޓީ ކުދިންނަށް" ވަޒީފާތައް ނުދީ މާ ދުރުން އައި ބަޔަކަށް ވަޒީފާތައް ދެމުންދާ ކަމަށް ލިޔެފައިވާ މެސެޖުތަކާއި އެފަދަ އަޑުތައް އިވުމުން މިއަދު އެނގި ޔަގީންވި ކަމަކީ މިރާއްޖޭގައި މިއޮތް ޑިމޮކްރެސީ އަކީ ރައްޔިތުންގެ ފައިސާއިން ވަކި ބަޔަކަށް ފައިދާކުރާ ގޮތަށް އޮންނަ އަދި ނާޖާއިޒު ގޮތުގައި އެފައިސާ ބޭނުންކުރަން މަގުފަހިވާ ގޮތަށް ގާއިމުވެފައި އޮތް ޑިމޮކްރެސީއެއް ކަމެވެ. މި ޑިމޮކްރެސީގައި ވެރިއަކު ހޮވަނީ ހަމައެކަނި "ޕާޓީގެ ކުދިން" ވޯޓު ލައިގެން ނޫންކަމާއި މިދެންނެވި ޕާޓީތަކުގައި ނޫޅޭ، ވޯޓުލާ ގިނަ މީހުންނަކީ ގައުމާއި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ވެރިކަން ކޮށްދޭނެ ވެރިއަކު ހޮވުމަށް ވޯޓުދޭ މީހުން ކަމުގައި ވީނަމަވެސް "ޕާޓީ ކުދިން"ނާއި ޕާޓީގެ އިސް މީހުންނަށް ގަބޫލުކުރެވިފައި މިއޮންނަނީ މުޅިން އެހެން ގޮތަކަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ރައްޔިތުން ވެރިކަން މިދިނީ ތިމަންނާމެންގެ ޕާޓީއަށެވެ. އެހެންވީމާ ވެރިކަން ކުރަންވާނީ ޕާޓީގެ މެންބަރުންނަށް އެންމެ ފައިދާވާ ގޮތަށެވެ. ތިމަންނާމެންނަށް އެންމެ ފައިދާ ލިބޭނެ ގޮތަކަށެވެ.

ހަގީގަތަކީ ދިވެހި ރާއްޖޭގައި މިއަދު މިއޮތް ވެރިކަމުގެ ނިޒާމަކީ ގައުމަށް ލިބޭ އާމްދަނީއާއި ނުކުތާ ވަރުގެ ބިޔަ ބޮޑު ނިޒާމެއް ކަމެވެ. އާބާދީގައި ފަސްލައްކަ ހަމަނުވާ މިގައުމުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ނަމުގައި ވިހި ތިރީސް ވުޒާރާ ހަދަން ޖެހެއެވެ. ދިހަ ބާރަ ކޮމިޝަނާއި އެތައް އިދާރާއެއް ހަދަން ޖެހެއެވެ. މިއިން ކޮންމެ ވުޒާރާއަކަށް ވަޒީރެއްގެ އިތުރުން ތިން ހަތަރު ސްޓޭޓް މިނިސްޓްރުންނާއި ފަސް ހަ ނައިބު ވަޒީރުން ލާން ޖެހެއެވެ. އަދި އޭގެ ދަށުން ކޮންމެ ވުޒާރާއެއްގައި އެކި ނަންނަމުގައި ތިން ހަތަރު ލޭޔަރަށް ވިހި ތިރީސް ސިޔާސީ ވަޒީފާ އުފައްދަން ޖެހެއެވެ. ވިހި ތިރީސް ކުންފުނި ހަދައިގެން އެއިން ކޮންމެ ކުންފުންޏަކަށް އަށްނުވަ ދިހަ މެންބަރުންގެ ބޯޑަކާއި ކޮންމެ ކުންފުންޏަކަށް ތިން ހަތަރު ހާސް މުވައްޒަފުން ލާން ޖެހެއެވެ. އެއްވެސް ކޮންޓްރޯލެއްނެތި ބޯ އިތުރުވާ ގޮތަށް އޮތް ރައްޔިތުންގެ މަޖިލީހަކާއި އާބާދީގައި ސަތޭކަ މީހުން ތިއްބަސް ކޮންމެ ރަށެއްގައި އޮންނަން ޖެހޭ ރަށު ކައުންސިލާއި ކޮންމެ އަތޮޅެއްގައި އޮންނަންޖެހޭ އަތޮޅު ކައުންސިލާއި މެންބަރުން ހަމަނުވެގެން މަހަކު ދެކޮޅު އިންތިހާބު ބާއްވަން ޖެހޭ އަންހެނުންގެ ކޮމިޓީތަކާއި، މިހެންގޮސް މުޅި ގައުމުގައި އޮތީ ދައުލަތަށް ލިބޭ އާމްދަނީން ނުވަތަ ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި ރައްޔިތުންގެ ނަމުގައި ނަގާ ދަރަނި ތަކުން ޚަރަދުކުރަން ޖެހޭ ކަންކަމެވެ. ގައުމުގައި ތަރައްގީގެ މަސައްކަތެއް ކުރެވެނީވެސް ރައްޔިތުންނަށް ޚިދުމަތެއް ދެވެނީ ވެސް މިކަންކަމަށް ޚަރަދުކޮށްފައި ބާކީ އެއްޗެއް ހުރިއްޔާއެވެ.

އެހެންވީމާ މިގައުމުގައި މިއޮތީ ހަމަ އަޖާއިބެއް ފަދަ ޑިމޮކްރެސީއެކެވެ. މި ޑިމޮކްރެސީގައި ރައްޔިތުން ފަސް އަހަރުން އެއްފަހަރު ނުކުމެ މިދޭ ވޯޓު މިވަނީ، ރައްޔިތުންގެ ޓްކްސްފައިސާ ސިޔާސީ ޕާޓީއެއް ހިންގަން ތަޅާ ބުރުއްސުމަށާއި ނުވިތާކަށް ރައްޔިތުންގެ ނަމުގައި ދަރަނި ނަގައިގެން ވެސް އެފައިސާ ޕާޓީ ކުރިއަރުވާން، ވަކި ބައެއްގެ ޖީބުތައް ފުރާން، ވަކި ބަޔަކު މުއްސަނދި ކުރުވާން އާނބަސްބުނެ، ދޭ ރުހުމެއްގެ ގޮތުގައި ދޭންޖެހޭ އެއްޗަކަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަލީ

26-Nov-2023

މަގުމަތީގައި ތިބޭ އާވާރުންނަށް ވަޒީފާދީފަ ދެންކޮބާ ކިޔަވައިގެން ތިބި އަޚުލާގު ރަގަޅު ދިވެހި ދަރިންތަކުގެ ހައްގު ތި މަގުމަތީގަ ތި އުޅުނު ބައިގަޑު އުޅުނީ ހާދަ ހަޑިކޮށޭ ލަދެއްހަޔާތެއް ނެތް ވަކަރުގޭ ކުދިންނޭ އެއީ އަހަރުމެން ތިބީމޭ ކަލޭމެން ޖެއްސި ވައްތަރުބަލަން



ޓްރެންޑިން