ޔޫރަޕުގެ ދެކުނުގައި އޮންނަ މަލްޓާ އަށް ދަތުރުކުރައްވާ ފަރާތްތަކަށް ބޭނުންވާ ވިސާ ފަސޭހަކަމާއެކު ހޯދޭނެހެން މަލްޓާ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.

މިސެންޓަރގެ ސަބަބުން މީގެކުރިން މަލްޓާގެ ވިސާ ނެގުމަށް ދިއްލީއަށް ދަތުރުކުރަން ޖެހުމުގެ ވަގުތާއި ޚަރަދު ސަލާމަތްވާނެއެވެ.

މިވިސާ އެޕްލިކޭޝަން ސެންޓަރ ގާއިމުކޮށްފައިވަނީ، ދިވެހިރާއްޖޭގައި ތިބި މަލްޓާގެ ވިސާއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ނިޔަތުގައި އިންޑިއާގައި ހުންނަ މަލްޓާގެ ހައިކޮމިޝަނާއި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ރަސްމީ ހައިސިއްޔަތުން ވިސާ ހަމަޖައްސައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލް ގުޅިގެންނެވެ.

މި ސެންޓަރ އިފްތިތާހްކޮށްދެއްވާފައިވަނީ މަލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ރޫބެން ގޯޗީ އަދި ވީއެފްއެސް ގްލޯބަލްގެ ޝެންގެން އޮޕަރޭޝަންސް (ނިއުދިއްލީ) ސީނިއަރ ޖެނެރަލް މެނޭޖަރ މިސްޓަރ ނަވީން ނާރާއެވެ. އިންޑިއާގައި ހުންނަ މަލްޓާ ހައިކޮމިޝަންގެ މަސައްކަތުގެ އިހްތިސާސްގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ދިވެހިރާއްޖެ، ނޭޕާލް އަދި ބަންގްލަދޭޝް ހިމެނެއެވެ.

ދިވެހިރާއްޖޭގައި ތިބެގެން މޯލްޓާގެ ވިސާއަށް ލާންއެދޭ ފަރާތްތަކުން މިހާރު ބޮޑުތަކުރުފާނު މަގު ހ.ބީޗް ޓަވަރގެ ފުރަތަމަ ފަންގިފިލާގައި އަލަށް ހުޅުވި ސެންޓަރުން އެ ޚިދުމަތް ހޯދޭނެއެވެ. މިތަނުން ވީއެފްއެސް ގްލޯބަލް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ނަގައިގެންނާއި، ކަނޑައެޅިފައިވާ ޗެކްލިސްޓްގައިވާ ލިޔުންތައް ހަމަކޮށްގެން ކުރިން އެޕޮއިންޓްމެންޓް ނެގުމަކާއި ނުލައި ހާޒިރުވެގެންވެސް ޚިދުމަތް ހޯދޭނެއެވެ.

މިސެންޓަރ ގާއިމުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ވީއެފްއެސް ގްލޯބަލް އަކީ ސަރުކާރުތަކަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް ދުނިޔޭގެ އެންމެ ބޮޑު އައުޓްސޯސިން އަދި ޓެކްނޮލޮޖީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތެވެ. މި ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ގައުމުތަކުގައި ވިސާ، ޕާސްޕޯޓް، އަދި ކޮންސިއުލަރ ހިދުމަތްތަކަށް އެދި ހުށަހެޅުމާ ގުޅޭ މަސައްކަތްތައް މެނޭޖްކުރަން އެހީތެރިވެދެއެވެ. އެގޮތުން 2001 ވަނަ އަހަރު މި ކުންފުނި އުފެދުނު ފަހުން 272 މިލިއަނަށް ވުރެ ގިނަ ވިސާ އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ.

ވިސާ އެޕްލިކޭޝަން ޕްރޮސެސްގައި ވީއެފްއެސް ގްލޯބަލްގެ ދައުރަކީ ހަމައެކަނި އިދާރީ މަސައްކަތްތައް މެނޭޖް ކުރުމެވެ. އޭގެ ތެރޭގައި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ބަލައިގަތުމާއި ބަޔޯމެޓްރިކްސް ނެގުން ހިމެނެއެވެ. ނަމަވެސް ވިސާ ދޫކުރުމާއި އަދި އެ ދޫކުރުމަށް ދެކޮޅު ހެދުމުގެ ނިންމުންތައް ނިންމުމުގައި ވީއެފްއެސް ގްލޯބަލްގެ އެއްވެސް ދައުރެއް ނޯންނާނެއެވެ.

މީގެއިތުރުން، 2008 ވަނަ އަހަރުން ފެށިގެން ވީއެފްއެސް ގްލޯބަލްއިން ދަނީ މަލްޓާގެ ސަރުކާރާއި އެކު ވިސާ ޕްރޮސެސިންގ ޚިދުމަތުގައި ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން