ހަސަދަވުމަކީ ވަރަށް ގޯސް ސިފައެކެވެ. އަދި ބައިވެރިޔާއަށް އިތުބާރުކުރުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް، ލޯބިވާ މީހަކު އަތުން ބީވެގެންދިއުމަކީ ބިރުވެރި އިހުސާސެކެވެ. އެބިރުގެ ސަބަބުން އޭނާއާއި އެހެން މީހަކާއި ގާތްވުމުން ހަސަދަވުމަކީ އެއީ އިންސާނީ ތަބީއަތެކެވެ.

އެކަމަކު. ބައެއް މީހުންނަކީ ހަސަދަވުމުގައިވެސް ހައްދުން މައްޗަށް ދާ ބައެކެވެ. މިހިސާބަށް ކަންތައްތައް ދިއުމަކީ އެއީ އެމީހަކު އެކަނި ޒިންމާ ވާންޖެހޭ ކަމެއް ނޫނެވެ. އެހިސާބަށް ދާނީވެސް ސަބަބަކާއިނުލާ އެއްނޫނެވެ. ވީމާ، ހަަސަދައިގެ އަލިފާނުގެ ހުޅުކޮޅު އިތުރަށް ރޯވުމުގެ ކުރިން އެ އަލިފާން ނިވާލުމަކީ ތިބާގެވެސް ޒިންމާއެއްކަން ދަންނާށެވެ.

ބައިވެރިޔާ ހަސަދަވެރިވާ ކަމަށްވާނަމަ، އޭނާއާއި ގުޅުން ކަނޑާލުމުގެ ބަދަލުގައި އޭނާ ހަސަދަވެރިވަނީ ކީއްވެގެންކަން ދެނެގަނެ، އޭނާއަށް ހެޔޮގޮތް ވިސްނައިދިނުމަށް މަސައްކަތްކުރާށެވެ.

ތިރީގައި މިވަނީ ހަސަދަވެރިވާ ސަބަބުތަކާއި އެކަމުގެ ބައެއް ޙައްލުތަކެވެ.

* އަމިއްލަ ނަފްސަށް އިތުބާރު ނުކުރުން

ތިބާ އެހެންމީހަކު ދެކެ ލޯބިނުވިޔަސް ބައިވެރިޔާގެ ހިތުގައި ޝައްކު އުފެދެންޏާ، އެއީ ތިބާގެ މައްސަލައެއް ނޫނެވެ. ބައެއް ހާލަތްތަކުގައި މިއީ ބައިވެރިޔާ އަމިއްލަ ނަފްސަށް އިިތުބާރު ނުކުރުމުގެ ސަބަބުން ވާ ކަމެއް ކަމަށް ވެދާނެއެވެ. ނުވަތަ މާޒީގައި މީހަކު އޭނާގެ އިތުބާރު ގެއްލުވާލުމުގެ ނަތީޖާއަކަށްވެސް ވެދާނެއެވެ. މި ޙާލަތުގައި އޭނާއާއި ޒުވާބުނުކޮށް، ވީހާވެސް މަޑުމަޑުން ވާހަކަދައްކައިގެން އޭނާގެ އިތުބާރު ހޯދަން މަސައްކަތްކުރާށެވެ. ރުޅި އިސްނުކޮށް ކެތްތެރިވެގެން މެނުވީ ޙައްލެއް ނުފެންނާނެއެވެ.

* އެއީ އޭނާ ތިބާއަށް ކެހި ދޭން އުޅޭ ކަމުގެ ރަތް ސިގްނަލެއް

ކުރިންވެސް މި ލިޔުމުގައި ފާހަގަކުރިގޮތަށް ހަސަދަވެރިވާނީ ކަމަކާއި ނުލައެއް ނޫނެވެ. މި ޙާލަތުގައި ހަސަދަވެރިވާ މީހާ އެހެން މީހަކާއި ގުޅުމެއް ބާއްވާނަމަ، އޭނާގެ ހިތުގައި ކޮންމެވެސް ވަރަކަށް 'ގިލްޓް' ނުވަތަ ނުތަނަވަސްކަމެއް އުފެދޭނެއެވެ. އަދި އެކަން ތިބާ ކިބައިން ފޮރުވައިގެން އުޅޭއިރު އޭނާއަށްވެސް ހީވާނީ އޭނާ ކަންތައް ކުރާ ގޮތަށް ތިބާވެސް ކައިވެނިން ބޭރުން އެހެން މީހަކާއި ގުޅުމެއް އޮންނަ ކަމަށެވެ. އެހެންކަމުން، 'ޗީޓް' ކުރާ މީހެއްގެ ހިތް އޮންނާނީ ޝައްކާއި ވަހުމުން ފުރިފައެވެ. މި ޒާތުގެ މީހުން އެހެންމީހުންނަށް ކެހިދިނަސް ތިމާމީހާއަށް އޭގެ ބަދަލު ލިބޭކަށް ނޭދޭނެއެވެ. މިފަދަ މީހުން އަމިއްލައަށް ތައުބާނުވާ ކަމަށްވަންޏާ، އެމީހުންނާއި ދުރުވުމަކީ އެންމެ ރަނގަޅު ގޮތެވެ.

* މާބޮޑަށް ވަގުތުނުދެވި، ފަރުވާ ކުޑަކުރެވުން

ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތް ނުވަތަ ރިލޭޝަންޝިޕް ފެށޭކޮޅުގައި ބައިވެރިޔާއަށް ވަރަށް ގިނަ ވަގުތު ދޭނެއެވެ. އެހެން ނަމަވެސް، ދުވަސްތައް ފާއިތުވާވަރަކަށް އެ އަޅާލުމާއި ވަގުތު ދެވޭ މިންވަރު ދަށްވަމުންދެއެވެ. މި ޙާލަތުގައި އެކަކު އަނެކަކާއި ދުރުވާ މިންވަރުވެސް ގިނަފަހަރު އިހުސާސް ނުވާނެއެވެ. އެކަމަކު، ވަކި ހިސާބަކަށް ދިޔުމުން، ބައިވެރިޔާއަށް ދޭންވީ ސަމާލުކަން ނޭނގި ނަމަވެސް އެހެން މީހަކަށް ނުވަތަ ކަމަކަށް ދިޔުމުން ހަސަދަވެރިވުން ޖާއިޒުނޫންތޯއެވެ؟ އަނެކާގެ ކުށް ދެއްކުމުގެ ކުރިން ތިމާގެ ކުށް ހޯދުމަކީ ރަނގަޅު ޚިޔާލެކެވެ.

* ބާކީވެފައި ހުރިކަން އިހުސާސްވުން

ކޮންމެ ދެމީހެއްވެސް މިޒާޖާއި ހޮބީސް ނުވަތަ ދިރިއުޅުމުގެ އާދަކާދަތައް ތަފާތުވާނެއެވެ. އެކަން އެނގޭނީ ކައިވެނި ކުރުމަށްފަހުއެވެ. ކަން މިހެން އޮތްއިރު ތިބާ ކުރާ ކަމެއްގައި ބައިވެރިޔާ ޝާމިލުނުވާނަމަ ހަސަދަވެރިކަން މަޑުމަޑުން އުފެދުމަށް މަގުފަހިވެދާނެއެވެ. ތިމާ ކުރާ ކޮންމެ ކަމެއްގައި ބައިވެރިޔާ ޝާމިލުނުކުރެވިދާނެއެވެ. އެހެނަސް، ދެމީހުންނަށް އެކީގައި ކުރެވޭނެ އެކި ހަރަކާތްތައް ހޯދައިގެން، މަދުމަދުން ކުރާ ހަރަކާތެއްގައި އަނެކާ ބައިވެރިކުރުވުމުން ބާކީވުމުގެ އިހުސާސްތަކުން ދުރުހެލިވާނެއެވެ. ހުރިހާ ކަމެއް އޭނާގެ އަތް މައްޗަށް ދޫނުކޮށްލިޔަސް، ވީހާވެސް ބޮޑަށް ކަންކަމުގައި އޭނާގެ ޚިޔާލު ހޯދާށެވެ.

* ކަޕްލްސް ތެރަޕީ ހޯދުން ނުވަތަ މެރީޖް ކައުންސެލިންގ ހޯދުން

ދެމީހެއްގެ ދޭތެރޭގައި ހިނގާ ކަންތައްތައް އެހެން މީހުންނަށް ކިޔައިދިނުމަކީ ގޯސް ކަމެކެވެ. އެމައްސަލައެއް އެންމެ ފުރަތަމަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނީ އަމިއްލައަށެވެ. އެކަމަަކު، ދެމީހުންނަށް އެކަން ހައްލުނުކުރެވޭ ހިސާބުން ޕްރޮފެޝަނަލް މީހެއްގެ އެހީތެރިކަން ހޯދުމަކީ ގޯސް ޚިޔާލެއް ނޫނެވެ. ފަހަރެެއްގައި ތިމާ ބުނެދޭ ގޮތް ކައުންސެލިންގ ދޭ މީހަކު ކިޔާދޭ ގޮތާއި ވަރަށް ތަފާތު ވެދާނެއެވެ. އަދި ދެމީހުންގެ ކިބައިގައި ހުރި މައްސަލަތައް އެއްވެސް ކޮޅަކަށް ބުރަނުވާ ގޮތަކަށް ތެރަޕިސްޓް ނުވަތަ ކައުންސެލަރަށް ބުނެދެވޭނެއެވެ. އޭރުން ޤަބޫލުކުރަންވެސް ފަސޭހަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން