އުމުރުން 35 އަހަރުގެ ނޯރާއަކީ (އަސްލު ނަމެއް ނޫން) އަޙްލާޤު ރަނގަޅު، ދީނަށް ކަމޭހިތާ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެހުރި އަންހެނެކެވެ. އާއިލާއާއި ގާތް މަދު ރަހުމަތްތެރިޔަކާއި އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ އޭނާގެ ދިރިއުޅުމުގެ ބޮޑު ހިއްސާއެކެވެ. ނޯރާ ޤަބޫލުކުރާގޮތުގައި އޭނާގެ ހަޔާތުގައި އެއްވެސް އެއްޗެއް މަދެއް ނޫނެވެ. އޭނާއަށް ލިބިފައިވާ ނިއުމަތްތަކަށް ނޯރާ އަބަދުވެސް ޝުކުރުވެރިވެއެވެ. ނޯރާ ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ދިރިއުޅުމުގައި އެއްވެސް ފަނޑުކަމެއް ނެތް ނަސީބުވެރި އަންހެނެކެވެ.

އެހެންނަމަވެސް، މިއީ ވަށައިގެންވާ މުޖުތަމައުން އޭނާގެ ހަޔާތާއިމެދު ދެކޭ ގޮތެއް ނޫނެވެ. ލޯބިވާ ބައްޕަ އަބަދުވެސް ކަންބޮޑުވަނީ އެންމެ ކަމަކާއެވެ. ގާތްތިމާގެ ބައެއް މީހުންވެސް ގިނަދުވަސްކޮށްފައި ފެނުނީމާ ކުރަނީ ހަމަ އެއް ސުވާލެކެވެ. "އުމުރު ދުވަސް ހޭދަކުރާނީ އަބަދުވެސް ތިގޮތުގައިހެއްޔެވެ؟ ކޮބާ ކޮން އިރަކުން މީހަކާއި އިނދެގެން ޕާޓީއެއް ދޭނީ؟"

މި ސުވާލުތަކަށް ނޯރާ ދޭން ބޭނުންވަނީ އެންމެ ޖަވާބެކެވެ. "ފިރިހެނެއްގެ ހިޔަންޏާއި ނުލާ އުޅުން، މައްސަަލައަކީ ކޮބާތޯއެވެ؟"

ބައެއް އަންހެނުން އޭނާ ކުރިމަތީގައި ފަހުރުވެރިކަމާއިއެކު "އަހަރެން މިއީ މީހެއްގެ އަންބެއް" ކަމަށް ބުނެއެވެ. އަދި ނޯރާ އަދި މީހަކާ ނުއިނދެ ހުރުމަކީ އެއީ އޭނާގެ ނުކުޅެދުންތެރިކަމޭ ބުނެއުޅެއެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ބައެއް މީހުންނަކީ ތިމާއަށް އަޅާނުލާ، ކަމޭނުހިތާ މީހަކާއި ނަމެއްގައި އިނދެގެން ތިބޭ އަންހެނުން ކަމަށް ނޯރާއަށް ފާހަގަވިއެވެ.

މާލީގޮތުން ފިރިމީހާއަށް ބަރޯސާ ނުވިޔަސް، މުޖުތަމައުގެ ދޫތަކުން ސަލާމަތްވުމަށް މިފަދަ އަންހެނުން މީހުންގެ ލޯތަކުގައި އަނދުން އަޅުވައިގެން ހިތާމަވެރި ކައިވެންޏެއްގައި ދެމިތިބޭ ކަމަށް ނޯރާ ބުނެއެވެ. އެހެން ނަމަވެސް، އެއީ އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ނިންމުމެއް ކަމަށް ނޯރާ ޤަބޫލުކުރެއެވެ.

އޭނާވެސް ފުރާވަރުގައި އެހެން އަންހެން ކުދިން ގޮތަށް ހުވަފެންތައް ދެކުނެވެ. އެކަމަކު، ނޯރާ ބުނާގޮތުގައި އޭނާއާއި ދިމާވި އަޅާލުން ކުޑަ، ޙަޤީޤީ ލޯބި ނުވާ މީހަކާއި އިނދެގެން ހުރުމަށްވުރެ ހުސްހަށިބަޔަށް ހުރުމަކީ އޭނާއަށް މާ ރަނގަޅު ގޮތެކެވެ.

ޒުވާން އުމުރު ފަހަނައަޅާދާތީ ނޯރާއަށް ބައެއް މީހުން ދޭ ނަސޭހަތަކީ ރީތިވާން މަސައްކަތްކޮށްގެންވިޔަސް ނުވަތަ ކައިވެނި ޑޮޓް ކޮމްގައި ޕޯސްޓެއް ކޮށްގެންވިޔަސް މީހަކާއި އިނުމަށެވެ. އެކަމަކު، ފިރިހެނެއްގެ ރުހުން ހޯދަން ރީތިވާން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ އޭނާ ސުވާލުކުރެއެވެ.

"ރީތިވާން މަސައްކަތް ކުރަން ބޭނުމީ އަހަރެންގެ އަމިއްލަ އުފަލަށް." ނޯރާ ބުނެފައި ވެއެވެ. ނުވަތަ ތިމާ ގަޔާނުވާ މީހަކާއި އިނުމަކީ އޭނާގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށް ނޯރާ ކިޔާދީފައި ވެއެވެ.

"ގަމީހުގެ ގޮށް ނެއްޓުނީމަ އެ ހަރުކުރަން ނޭނގޭތަ ނޯރާއަކަށް؟ މީހަކާއި އިންނަން ބޭނުމިއްޔާ މިކަހަލަ ބޭސިކް ކަންތައްތައް އެނގެންވާނެ." ދައްތަ އިއްވި މި ޖުމްލައަކީވެސް އޭނާގެ ހިތް ނުތަނަވަސްވީ ކަމެއް ކަމަށް ނޯރާ ފާހަގަކުރިއެވެ. ދައްތަ ހެޔޮއެދުނަސް، މި ވިސްނުމަކީ އަވަށްޓެރި އިންޑިއާގެ ސަގާފަތެއްކަމަށް އޭނާ ބުނެއެވެ.

ނޯރާ ބޭނުންވަނީ ފިރިހެނުންގެ ރުހުމާ ނުލާ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެއިން ފިސާރި އަންހެނަކަށްވާށެވެ. އަމިއްލައަށް އާމްދަނިީ ހޯދުމުގެ ގާބިލިއްޔަތުކަމަކީ ކޮންމެހެން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަަކަށް ނުފުދެއެވެ. ތިމާ ދެކެ ޙަޤީޤީ ލޯބިނުވާ މީހެއްގެ ފުށުން ސަލާމަތްވެ، އެމީހަކަށް ބަރޯސާ ނުވުމަކީވެސް އޭގެ އެއް މާނައެއްކަމަށް ނޯރާއަށް ވިސްނެއެވެ.

ކައިވެންޏަކީ މަތިވެރި މުޤައްދަސް އެއްޗެކެވެ. ނޯރާ ބުނީ އޭނާ ކައިވެނިކުރާނީ އެގޮތް އޭނާގެ ނަސީބުގައި ލިޔެވިފައިވާ ނަމައެވެ.

ވަރި ގިނަ ދިވެހިރާއްޖޭގައި މަދުން ނަމަވެސް، އެތައް "ނޯރާ"އެއް އުޅެއެވެ. ހިތާމައަކީ މިފަދަ މީހުންގެ ދިރިއުޅުމަށް އެހެން މީހުން އިހުތިރާމް ނުކުރާ ކަމެވެ. މިއީ އެންމެ "ނޯރާ"އެއްގެ ހަޔާތުގެ އެންމެ ޞަފުހާއެކެވެ.

އެހެން މީހުންގެ ރުހުމަށް މަސައްކަތްނުކުރާ "ސެލްފް-ވެލިޑޭޓެޑް" އަންހެނަކަށް ވާން ބޭނުމިއްޔާ ތިރީގައިވާ ސިފަތަކަށް ބަލަމާ ހިނގާށެވެ. މިއީ ހުސްހަށިބައި އަދި ކައިވެނިކޮށްގެން ތިބި އަންހެނުންނަށް އޭނާ ދޭން ބޭނުންވާ ނަސޭހަތެވެ.

- އަމިއްލަ ނަފްސު ދެކެ ލޯބިވުން

ތިމާގެ އުނިކަންތައްތަކާއި ތިމާމީޙާގެ ބުރުސޫރަ އުފެދިފައިވަނީ އެންމެ ފުރިހަމައަށްކަން ގަބޫލުކޮށްގެން އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހަކަށް ވާންވާނެއެވެ. މީހުންގެ ފަރާތުން ތިމާ މީހާ ދަށްކޮށްލާ ބަސްތައް އަޑުއިވުނަސް ތިމާއަކީ ހެއްދެވި ފަރާތުގެ ޚަލްޤެއްކަން ހަނދާންކޮށް، އެބަސްތަކުގެ ސަބަބުން އަމިއްލައަށް ދަށްވެ ނުގަންނާށެވެ.

ހަޔާތުގެ ލަނޑުދަނޑިތައް ހަނދާންކުރުން

އަންހެނުންނަކީ އާއިލާގެ ލޭ ނާރެވެ. ގިނަ ފަހަރަށް އަހަރެމެން އަންހެނުންނަށް ދަރިފުޅާއި ފިރިމީހާއަށް އަމިއްލަ ނަފްސަށްވުރެ މާ ބޮޑު އިސްކަމެއް ދެވެއެވެ. ދަރިފުޅަށް އިސްކަން ދޭން ވާނެއެވެ. އެހެނަސް، ކޮންމެ ދުވަހަކުވެސް އަމިއްލަ މީހާގެ އުފަލަށް 1 ގަޑިއިރު ނަމަވެސް ހޭދަކުރުމަށް ކައުންސިލަރުން ލަފާދެއެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި ކަމެއްވެސް މެއެވެ. އޭގެ އިތުރަށްވެސް، ތިމާ ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވާން މަސައްކަތް ކުރާށެވެ.

އުނި ސިފަތައް ހުރިކަން ޤަބޫލުކޮށްގެން, ރަނގަޅުކުރެވޭ ކަމެއް ހުރިއްޔާ ރަނގަޅުކުރުން

ކޮންމެ މީހެއްގެވެސް އުނި ސިފައެއް ހުންނާނެއެވެ. ކަށީގައި ހިފާފައި ހުންނަ ކަންތައްތައް ބަަދަލުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނެއް ކަމަކު، އެހެން މީހަކަށްޓަކައި ބަދަލުނުވިޔަސް، އަމިއްލަ ނަފްސުގެ ތަރައްޤީއަށްޓަކައި ތިމާގެ އުނިކަންތައްތައް ރަނގަޅުކުރުމަކީ މުހިންމު ކަމެކެވެ. އެހެން މީހުންނާއި ވާހަކަދައްކައިގެން އަމިއްލަ ނަފްސުގެ އުނިކަންތައް ދެނެގަންނާށެވެ.

ކަންކަމުގައި އެހެން މީހުންގެ އެހީ ނުހޯދުން

'

އެހެން މީހުންގެ އެހީއާއި ނުލާ އެއްވެސް އިންސާނަކަށް ނޫޅެވޭނެއެވެ. އެކަމަކު، ތިމާއަށް އެކަނި ވެވޭނެ ކަންކަމުގައި އަނެކާގެ އެހީ ނުހޯދާވެސް އުޅެވޭނެއެވެ. ކުޑަކުޑަ މިސާލަކަށް ބުނާނަމަ، ފިހާރައަށް ދާން ވިޔަސް، އެކަނިވެސް ދެވިދާނެ ނޫންތޯއެވެ؟

ލިބޭ ހިތްދަތިކަމަކުން ފަހަތަށް ނުޖެހުން

ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށޭ ބުނެއުޅެއެވެ. އެހެންކަމުން، އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. މިފަދަ އަންހެނުންނަކީ ދިމާވާ ކޮންމެ އުނދަގުލަކަށް ނުވަތަ ދެރައެއްގެ ކުރިމަތީގައި އަޒުމް ގުޑާނެ ބައެއް ނޫނެވެ. ދުވަސްކޮޅަކަށް ހިތްވަރު ދެރަވިޔަސް، މިފަދަ އަންހެނުންނަކީ މާތް ރަސްކަލާނގެއާއި ގާތް ރަހުމަތްތެރިން ހަނދުމަކޮށްގެން ދިރިއުޅުމާއިގެން ކުރިއަށްދާނެ ބަޔެކެވެ. އެހެން މީހުންގެ ދިރިއުޅުމުންވެސް އިބްރަތް ހާސިލުކޮށްގެން ކުރިއަށް ދަމާ ހިނގާށެވެ.

އެހެން އަންހެނުންވެސް ބާރުވެރިކުރުވަން މަސައްކަތް ކުރުން

ހަގީގީ "ސްޓްރޯންގް" އަންހެނުންނަކީ ތިމާއެކޭ އެއްފަދައިން އެހެން އަންހެނުންގެ ދިިރިއުޅުންވެސް ރަނގަޅުކުރަން މަސައްކަތްކުރާ އަންހެނުންނެވެ. ބައެއް މީހުންނަކީ އެހެންމީހުންގެ ތަރައްޤީއަކީ ތިމާއަށް ލިބޭ ދެރައެއް ކަމަށް ޤަބޫލުކުރާ މީހުންނެވެ. އެހެން މީހުންގެ ރުހުން ހޯދަން މަސައްކަތްނުކުރާ މީހުންނަކީ ކަންދެއްކުމުގެ ބަދަލުގައި ތިމާއަށް އެނގޭ އެއްޗެއްގެ އަލީގައި އެހެން އަންހެނުންނަށްވެސް ކުރިއެރުން ހޯދައިދީ ބާރުވެރިކުރުވަން މަސައްކަތްކުރާ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މޮހޮނު

05-Nov-2023

ހަގީގަތް ބަލާއިރު ފިރެހެނަކާ ނުލާ އަމިއްލަޔަށް އުޅެން ނިކުންނަ މީހުން ނިކުންނަނީ އަންހެނަކާއި އެކު އުޅުމުގެ ނިޔަތުގަ


-5

ޝ

05-Nov-2023

މީ ކޮންކަހަލަ ލިޔުމެއް! ކައިވެނި ކުރުމަކީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުން..ދިމާވި އެންމެ މީހަކުގެ ހުރި ގޮތެއްގެ ސަބަބުންނޭ ކިޔާފަ ދެން ތި ބާރު އަޅަނީ ކައިވެނި ނުކުރަން.. ތިމާއަށް އަޅާލާ ހެޔޮ ފިރިއެއް ދެއްވާތޯ ދުޢާވެސް ކުރެވޭނެދޯ ހަމަ! 🤦..ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހުން ހޯދުން އޮތީ..އެކަލާންގެ ރުހިވޮޑިގަތުން ލިބޭނީ ދީނުގަ އޮތް ގޮތައް އަމަލު ކޮށްގެން...



ޓްރެންޑިން