އިންޓަ މިއާމީ ނާކާމިޔާބު ކްލަބަކަށް ވެއްޖެ ޙާލަތެއްގައި މަޝްހޫރު ފުޓްބޯޅަ ތަރި ލިޔޮނަލް މެސީ އެނބުރި ބާސެލޯނާއަށް ދާން ގަސްދުކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޓަ މިއާމީން ނަތީޖާ ނެރެވޭ ފެންވަރު ދަށްވެއްޖެ ކަމަށްވާނަމަ ޖެނުވަރީގައި ހުޅުވާލެވޭ ޓްރާންސްފާ ވިންޑޯގައި މެސީ އެނބުރި ބާސެލޯނާއަށް ދިއުން ގާތެވެ. އެހެން ނަމަވެސް، އުމުރުން 36 އަހަރުގެ މެސީ އެކްލަބަށް ބަދަލުވާނީ ލޯން އުސޫލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެރިއަރުގެ ބޮޑު ބައެއް ބާސާގައި ހޭދަކުރި މެސީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުގައެވެ. އެ މުއްދަތުގެ ތެރޭގައިވެސް އޭނާ އެނބުރި ބާސެލޯނާއަށް ދާން ބޭނުންވިއެވެ. އެހެން ނަމަވެސް، ބާސެލޯނާގެ މާލީ ޙާލަތު ގޯސްކަމުން އެ ކްލަބުން މެސީ ހޯދަން ކުރި މަސައްކަތްތައް ނާކާމިޔާބުވިއެވެ.

އެމްއެލްއެސްގެ ސީޒަން ނިމޭނީ އޮކްޓޫބަރ 21 ގައެވެ. މެސީ އަނިޔާގައި ހުރި މުއްދަތުގެ ތެރޭގައި ބާސާއިން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބުނެވެ. އަދި ރޭގައި މެސީއާއި އެއްކޮށް ކުޅުނު މެޗުންވެސް ވީ ނާކާމިޔާބެވެ. އެހެންކަމުން، އެ ޓީމަށް ވަނީ މޭޖަ ލީގު ސޮކާގެ ޕްލޭއޮފް އިން ފުރުޞަތު ގެއްލިފައެވެ.

މެސީއާއި އިންޓަ މިއާމީއާއި ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގައެވެ. ކޮންޓްރެކްޓްގެ މުއްދަތު އައު ކުރަން އޭނާ ބޭނުން ނުވާ ކަމަށް ރިޕޯޓްތަކުން ފާހަގަކުރިއެވެ. މިކަމާއި ގުޅޭގޮތުން އިންޓަ މިއާމީގެ ވެރިޔާ ޖޯޖް މާސް ބުނީ އޭނާ މެސީ ބޭނުންވާ ގޮތަށް ބާސާއަށް ދިއުމަށް ހުރަސް ނާޅާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން