އިންޑިއާގެ މަޝްހޫރު އެއަރފޯސް ޕައިލެޓް ތޭޖަސް ގިލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ތޭޖަސް" މި މަހު 27 ގައި ރިލީޒްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމުގެ ބަތަލާ ކަންގަނާ ރަނައުތްއަކީ ތަފާތު ލީޑް ރޯލްތައް ކުޅޭ ފަންނާނެކެެވެ. ޢާންމުކޮށް ހިންދީ އެކްޝަން ފިލްމުތަކުގައި ބަތަލާއަށްވުރެ ބަތަލުގެ ރޯލް މާ ފުޅަލެވެ. އެކަމަކު، ކަންގަނާ ކުޅޭ ފިލްމުތަކުގައި ފިރިހެން އެކްޝަން ހީރޯއެެއްގެ ހިޔަނީގައި މަސައްކަތް ކުރުމުގެ ބަދަލުގައި އޭނާ ފިލްމުގެ ލީޑް ރޯލުން ވިދައެވެ. އެގޮތުން، "ތޭޖަސް"އަކީވެސް އެފަދަ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގައި މަސައްކަތްކުރާ އަންހެން ޕައިލަޓެއްގެ ވާހަކައިގެ މައްޗަށެވެ. ކަންގަނާ ފެނިގެންދާނީ ހަނގުރާމައެއްގެ ތެރޭގައި އަސްކަރީ ވައިގެ ދަތުރުފަތުރުތަކުގައި ހަރަކާތްތެރިވާ ހިތްވަރުގަދަ އަންހެނެއްގެ ރޯލުންނެވެ.

ތޭޖަސް ގިލްއަކީ މީގެ ކުރީގައި އިންޑިއާގެ އަސްކަރީ އެއާފޯސްގައި މަސައްކަތްކުރި ފުރަތަމަ އަންހެން ބެޗްގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭރު އެއާފޯސްގައި މަސައްކަތްކުރީ އެންމެ 3 އަންހެން ޕައިލަޓުންނެވެ. 2022 ވަނަ އަހަރުގައި ސަރުކާރުން ކުރި މަސައްކަތަށްފަހުވެސް އަސްކަރީ އެއާފޯސްއިން ތަމްރީންވީ ޖުމްލަ 22 އަންހެން ޕައިލަޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން