ބާސެލޯނާއަށް ކުޅެމުންދާ ފްރޭންކީ ޑި ޔޮންގަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް 2 މުބާރާތެއްގެ މެޗުތަކުގައި ބައިވެރިނުވެވިދާނެ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

މީގެ ސަބަބުން ގައުމީ ޓީމުން އޮކްޓޫބަރ 24 ގައި ފްރާންސްއާއި ގްރީސްއާއި ދެކޮޅަށް ކުޅޭ ޔޫރޯ ކޮލިފައިން މެޗްތަކުގައިވެސް ނެދަލޭންޑްސްގެ މިޑްފިލްޑަރ ޑި ޔޮންގަށް ބައިވެރިނުވެވޭނެއެވެ. އަދި ހަމަ އެމަހުގެ 28ގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މުބާރާތުގެ މެޗްގައިވެސް ބައިވެރިނުވެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 26 އަހަރުގެ ޑި ޔޮންގަށް ބާސެލޯނާއާއި ސެލްޓާއިން ހޮނިހިރު ދުވަހުގައި ބައްދަލުކުރި މެޗްގެ ފުރަތަމަ ހާފްގައި ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހިދާނެކަމަށް ބެލެވެއެވެ. ލަ ލީގާގެ މި މެޗްގައި ބާސާއިން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅު ހޯދާފައެވެ. މެޗްގައި އޭނާގެ ބަދަލުގައި ކުޅެން ނެރުނީ ގަވީއެވެ.

ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް، ޑި ޔޮންގް ކުޅުމާއި ދުރަށް ދާނީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

ސެލްޓާ އަތުން ބާސާ މޮޅުވި މެޗަށްފަހު ބާސާ މިވަގުތު އޮތީ ލަލީގާ ތާވަލުގެ އެންމެ ކުރީގައެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މެޑްރިޑް ބަލިވުމުން އެ ޓީމް އޮތީ ތާވަލުގެ ތިން ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން