ކަނު ބަނދެގެން ރާޒުވާ ބޯޑުގެ ކުޅިބައި އެތުރުމުގެ ދުނިޔޭގެ ރިކޯޑް އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ގާއިމުކޮށްފިއެވެ.

މެލޭޝިއާއަށް ނިސްބަތްވާ ޕުނިތަމަލާރް ރާޖާޝޭކަރް ދުނިޔޭގެ ރިކޯޑް ފޮތަށް އެރީ ކަނުބަނދެގެން ޗެސް ބޯޑުގައި ރާޒުވާ ކުޅިބައި އަތުރާލުމުގައި މުޅި ދުނިޔެއިންވެސް އެންމެ އަވަސްކޮށް އެކަން ކުރުމުގެ ރިކޯޑް އޮތް މީހާއަށް ވެގެންނެވެ. އޭނާ ވަނީ 46 ސިކުންތު ތެރޭގައި އެ ޙާލަތުގައި ރާޒުވާ ކުޅިބައި އަތުރާލާފައެވެ.

މި އިވެންޓް ކުރިއަށްގެންދިޔައީ ޕުނިތަމަލާރްގެ ސްކޫލުގައެވެ. އޭޝިއާގެ އައުޓްސްޓޭންޑިން ޗައިލްޑް އެވޯޑް އޮފް ދަ އިޔަރ 2022-2023 ހިމެނޭ ގޮތަށް މި ހުނަރުވެރި އަންހެން ކުއްޖާ ވަނީ މެލޭޝިއާގެ ކިޑްސް ގޮޓް ޓެލެންޓް ފަދަ އެކި މުބާރާތްތަކުގައި އޭނާގެ ހުނަރުތައް ދައްކާލާފައެވެ.

އޭނާ ވަނީ އުމުރުން އެންމެ 5 އަހަރުގައި ޗެސް ކުޅެން ދަސްކޮށް، އެ ކުޅިވަރުގެ އުކުޅުތަކަށް ހޭނިފައެވެ. އަދި ގައުމީ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވާ ޕުނިތަމަލާރަކީ ފިޑޭ (އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަން) ގައިވެސް ރަޖިސްޓްރީކޮށްފައިވާ މެމްބަރެކެވެ.

"އަހަރެންގެ ކޯޗަކީ އަހަރެންގެ ބައްޕަ. ގަވާއިދުން ބައްޕައާއިއެކީ ޗެސް ކުޅެން. ރިިކޯޑް ހަދަން ވިސްނީ ޑޮކިއުމެންޓްރީއެއް ބެލުމަށް ފަހު. ދެން އާއިލާއިން އެކަމަށް ޚިޔާލުކުރީމަ ޗެސް ކުޅިބައި އެތުރުމުގެ ދުނިޔޭގެ ރިކޯޑް މުގުރާލަން ވިސްނީ." ޕުނިތަމަލާރް ބުންޏެވެ.

މީގެ އިތުރަށްވެސް އޭނާއަކީ ވާޙަކަކިޔާދިނުމާއި ވާޙަކަދެއްކުމުގެ މުބާރާތްތަކުގައިވެސް ވާދަކުރާ ކުއްޖެއް ކަމަށް ބުނެއެވެ. ހިސާބު މާއްދާއަށް ލޯބިކުރާ ޕުނިތަމަލާރް ގަސްދުކުރަނީ ޖައްވީ ކަންތައްތައް ދިރާސާ ކުރާ ސައިންސްވެރިޔަކަށް ވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން