ސައުދީ ކިންގް ކަޕްގެ ދެވަނަ ބުރުން އަލް ހިލާލްއާއި އަލްނަސްރު ޖާގަ ހޯދައިފިއެވެ.

ސައުދީ ކިންގް ކަޕްގެ ތިންވަނަ ބުރުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗްތަކުގައި އަލް ހިލާލުން އަލް ޖަބަލެއިން 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެން ދެވަނަ ބުރަށް ދަތުރުކުރި އިރު، އަލް ނަސްރުން ވަނީ އޮހޮޑް އާއި ދެކޮޅަށް ކުޅުނު މެޗް 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

އޮހޮޑްއަކީ ސައުދީ ލީގް ފަސްޓް ޑިވިޝަން ތާވަލުގެ 17 ވަނައިގައި އޮތް ޓީމެވެ. އަދި އަލް ޖަބަލެއިންއަކީ ތާވަލުގެ 5 ވަނައިގައި އޮތް ޓީމެވެ.

އަލްހިލާލާއި އަލް ޖަބަލެއިން ބައްދަލުކުުރި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިބުނަސް، އެއްވެސް ޓީމަކަށް އެ ފުރުޞަތުގެ ބޭނުން ހިފިފައި ނުވެއެވެ. އެހެން ނަމަވެސް، ދެވަނަ ހާފްގައި އަލް ހިލާލުން އެޓޭކްތައް ވަރުގަދަކުރިފަހުން ޕޯޗުގަލަށް ނިސްބަތްވާ މިޑްފިލްޑަރ ރޫބެން ނާވޭސް ވަނީ މެޗްގެ 64 ވަނަ މިނެޓްގައި ލަނޑެއް ޖަހާދީފައެވެ.

އަލް ހިލާލަށް މި ލަނޑު ޖެހުމުގެ ފުރުޞަތު ތަނަސްވީ ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެންނެވެ. އަލް ޖަބަލެއިންގެ ކުޅުންތެރިއެއް ދިފާއުކުރި ބޯޅަ ކޮންޓްރޯލުކޮށްގެން ނާވޭސް ވަނީ ގޯލްޕޯސްޓުގެ މަތީކަނަށް ބޯޅަ އަމާޒުކޮށްފައެވެ.

ހޯމަ ދުވަހުގެ ރޭ އަލް ނަސްރުން ކުޅުނު މެޗްގައި އެ ޓީމަށް ފަސޭހަ މޮޅެއް ހޯދުނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިވެރިވުމާއި ނުލާކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މެޗްގެ ފުރަތަމަ ހާފްގެ 16 ވަނަ މިނެޓްގައި ސަދިއޯ މާނޭ ވަނީ އަލް ނަސްރަށް ފުރަތަމަ ގޯލް ޖަހާދީ އޮހޮޑްގެ މައްޗަށް ކުރިހޯދާފައެވެ. އޭނާއަށް އެ ލަނޑު ކާމިޔާބުކުރެވުނީ ލިބުނު ޕެނަލްޓީއަކުންނެވެ.



ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮހޮޑްގެ ފޯވާޑް ކޮންރަޑް މިޗަލަކް ޖަހައިދިން ލަނޑާއިއެކު، ފުރަތަމަ ހާފް ނިމިގެންދިޔައީ ދެ ޓީމުން އެެއްވަރު ނަތީޖާއެއް ހޯދައިގެންނެވެ.

ނަމަވެސް، ފަހު ހާފްގައި އަލް ނަސްރުން ވަނީ އެޓޭކް ވަރުގަދަކޮށްގެން އޮހޮޑްގެ މައްޗަށް ލީޑް ފުޅާކޮށްފައެވެ. އެގޮތުން، ފަހު ހާފްގެ 62 ވަނަ މިނެޓްގައި ސެކޯ ފޮފާނާ ޖަހައިދިން ލަނޑާއިއެކު އަލް ނަސްރަށް ލީޑް ފުޅާކުރެވުނެވެ. އެއަށްފަހު، އޮހޮޑްގެ ޑިފެންސް ލައިނަށް ޕްރެޝަރ ބޮޑުވެ، އަލް ނަސްރުން ގޯލަށް އަމާޒުކުރި ހަތަރު ހަމަލާ ކާމިޔާބުކުރެވުނެވެ. އެއީ 73 ވަނަ މިނެޓްގައި އެންޑަސަން ޓަލިސްކާ ޖަހައިދިން ލަނޑާއި 81 ވަނަ މިނެޓްގައި މިޑްފީލްޑަރު އައިމަން ޔަހްޔާ ކާމިޔާބުކުރި ގޯލްގެ އިތުރަށް 86 ވަނަ މިނެޓުގައި މިޑްފިލްޑަރ ސަމީ އަލް ނާޖީ ޖަހައިދިން އެންމެ ފަހު ލަނޑުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން