ހިންދީ ފިލްމު ސިންގަމްގެ މަންޒަރެއް.
ހިންދީ ފިލްމު ސިންގަމްގެ މަންޒަރެއް.
ހިންދީ ފިލްމު ސިންގަމް ފަދަ އެކްޝަން ފިލްމުތަކުން "ނުރައްކާތެރި މެސެޖެއް ދޭ" ކަމަށްބުނެ ބޮމްބޭ ހައިކޯޓުގެ ގާޒީއަކު ފާޑުކިޔައިފިއެވެ.

އިންޑިއަން ޕޮލިސް ފައުންޑޭޝަނުން އިންތިޒާމްކުރި ހަރަކާތެއްގައި ވާހަކަދައްކަވަމުން ބޮމްބޭ ހައިކޯޓުގެ ގާޒީއެއްކަމަށްވާ ގައުތަމް ޕަޓޭލް ވިދާޅުވީ މިފަދަ ފިލްމުތަކުން ފުލުހުންނަކީ ގާނޫނާއި ގަވާއިދުތަކަށް ތަބާވުމުގައި ކެތްތެރިކަމެއް ނެތް ބައެއްކަމަށާއި، އަދި ފުލުހުންނަކީ ބުލީ ކުރުމާއި، ކޮރަޕްޓް ބައެއްގެ އިތުރުން ކަންކަމުގައި ޖަވާބުދާރީ ނުވާ ބައެއްގެ ގޮތުގައި ސިފަކޮށްދޭކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޕަޓޭލް ވަނީ ފުލުހުންގެ އޮފިސަރުން ގާނޫނީގެ އިމުގެ ތެރެއިން ކަނޑައަޅާފައިވާ ޕްރޮސެސްއަށް އަމަލު ނުކޮށް ވަގުތުން އިންސާފު ފޯރުކޮށްދޭ މަންޒަރު ދައްކުވައިދޭ ސިންގަމް ފަދަ ފިލްމުތަކުން ފޮނުވާ "ނުރައްކާތެރި މެސެޖާ" ދެކޮޅަށް އިންޒާރު ދެއްވާފައެވެ.

މީގެ އިތުރުން، މިފަދަ ފިލްމުތަކުގައި ފަނޑިޔާރުން ސިފަކުރާ ގޮތަށް ފާޑުވިދާޅުވަމުން ޕަޓޭލް ވިދާޅުވީ ގިނަ ފަހަރަށް ފިލްމުތަކުގައި ދައްކަނީ ގާޒީން ނުވަތަ ފަޑިޔާރުންނާއި ވަކީލުންނަކީ، މީހުންނަށް ބިރުދައްކައި، ނުވަތަ ފަސޭހައިން ބަޔަކަށް ވިކި ނުވަތަ ބިރުދައްކައިގެން މީހުންގެ ނުފޫޒުގެ ދަށަށް ފަސޭހައިން ގެނެވޭ، ބޮޑެތި އައިނު އަޅުވައި ފާޑު ފާޑުގެ ހެދުން އަޅައިގެން ތިބޭ ބައެއްގެ ގޮތުގައި ކަމަށެވެ. މިކަމުގެ ސަބަބުން ކޯޓުތަކުގައި ތިބޭ މީހުންނަކީ މަސައްކަތެއް ނުކުރާ ބައެއްކަމަށް ސިފަވެގެންދާކަމަށް ޕަޓޭލް ފާހަގަކުރިއެވެ.

އިތުރަށް މިވާހަކަތައް ތަފްސީލުކުރަމުން ޕަޓޭލް ވިދާޅުވީ "ސިންގަމް ފިލްމުގެ ކްލައިމެކްސް މަންޒަރުގައި ސިޔާސީ މީހެއްގެ މައްޗަށް މުޅި ފުލުހުންގެ ބާރު ފައިބައިގެން ދާ މަންޒަރު... ދެން ފެންނަނީ އިންސާފު ލިބިއްޖެކަން ދައްކުވައިދޭ މަންޒަރު. އެކަމަކު އަޅުގަނޑު އަހާލަން ބޭނުމީ ހަމަ އިންސާފު ލިބުނީތޯ އެހިސާބުން؟... މި މެސެޖަކީ ކިހާ ނުރައްކާތެރި މެސެޖެއް."

ގާޒީ ޕަޓޭލް މިހެން ވިދާޅުވެފައިވާއިރު އަޖޭ ދޭވްގަން ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު ސިންގަމް ފްރެންޗައިޒްގެ އުފެއްދުންތެރިން ދަނީ ފިލްމުގެ ތިން ވަނަ ފިލްމު ނެރުމަށް ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން