"ޖަވާން"ގެ ބަތަލާ ނަޔަންތާރާއާއި ބޮލީވުޑްގެ މަގްބޫލު ބަތަލާ ދީޕިކާ ޕަޑުކޯންއާއި ދެމެދު ތަފާތުކުރި ކަމަށް ބުނެ ފިލްމުގެ ޑިރެކްޓަރ އެޓްލީ ކުމާރްއާއި ދޭތެރޭ ނަޔަންތާރާ ހިތްހަމަނުޖެހިފައި ހުރި ކަމަށް އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޝާހްރުކްއާއި އެޓްލީ ވަނީ ދީޕިކާ ކައިރިން އާދޭސްކޮށްގެން "ޖަވާން" ގައި އޭނާ ކާސްޓްކޮށްފައެވެ. ޖަވާންގައި ޝާހްރުކްއާއި އެއްކޮށް އިސްރޯލެއްގައި ހަރަކާތްތެރިވީ ނަޔަންތާރާއެވެ.

އެކަމަކު، ނަޔަންތާރާ ބުނާގޮތުންނަމަ ދީޕިކާގެ ކެމީއޯ ރޯލްއަކީ ހަގީގަތުގައި ހަމައެކަނި ހާއްސަ ފެނިލުމެއް ނޫނެވެ. އެ ރޯލް ތައްޔާރުކޮށްފައިވާ ގޮތުން ނަޔަންތާރާގެ ރޯލްއަށްވުރެ މާ މުހިންމު ރޯލަކަށްވެގެންދިޔަ ކަމަށާއި ދީޕިކާއަށްޓަކައި އޭނާގެ ސްކްރީން ވަގުތުކޮޅު ކުޑަކުރި ކަމަށް ބަތަލާ ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ޝާހްރުކްވެސް ބުނީ ހަގީގަތުގައި ނަޔަންތާރާގެ ރޯލަށް ދޭންޖެހޭ ވަރަށް އިސްކަން ދެވިފައި ނުވާ ކަމަށެވެ. ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވި ނަޔަންތާރާގެ ޑެބިއު ފިލްމުގައި މިގޮތަށް ކަންތައްކުރުމުން ދެން އޭނާ ހިންދީ ފިލްމެއްގައި މަސައްކަތްކުރުން ނާދިރު ކަމަށް ބައެއް ރިޕޯޓްތައް ބުނަމުންދެއެވެ.

މީގެ ކުރީގައި ޝާހުރުކްއާއި ދީޕިކާ ހަރަކާތްތެރިވި ކާމިޔާބު "ޗެންނާއީ އެކްސްޕްރެސް"ގައި ދީޕިކާ ކުޅުނު ރޯލް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ނަޔަންތާރާއަށެވެ. އެހެން ނަމަވެސް، ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ ޑިމާންޑް ބޮޑު ބަތަލާ، ނަޔަންތާރާއަކަށް އެ ފިލްމުގައި މަސައްކަތްކުރަން ވަގުތެއް ނުދެވުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން