ޖަރުަމަނު ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމަށް ހޫލިއާން ނާގަލްސްމަން ހަމަޖެއްސުމަށް އެ ގައުމުގެ ފުޓްބޯޅައާއި ބެހޭ މައި އިދާޜާ (ޑީއެފްބީ) އިން މަޝްވަރާ ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ނާގަލްސްމަން މި މަގާމަށް އައްޔަންކުރަން މަޝްވަރާކުރަމުންދަނީ މި މަހުގެ ތެރޭގައި ޓީމްގެ ކޯޗް ހަންސީ ފްލިކް އެ މަގާމުން ދުރުކުރުމާއި ގުޅިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުންނަމަ ޑީއެފްބީން ގަސްދުކުރަނީ ޔޫރޯ 2024 ގެ ނިޔަލަށް ނާގަލްސްމަންއާއި މި މަގާމު ހަވާލުކުރާށެވެ.

ޑީއެފްބީން ހާމަކުރިގޮތުގައި އެ އެސޯސިޢޭޝަނުން ވަނީ ނާގަލްސްމަންއާއި އެއްކޮށް އަނގަބަހުން އެއްބަސްވުމަކާއި ހަމައަށް އާފެވިފައެވެ. ޖަރުމަނުގެ މީޑިއާ ބިލްޑުން ރިޕޯޓުކޮށްފައިވާ ގޮތުން މި މަގާމާއި ހަވާލުވުމާއިއެކު ނާގަލްސްމަންއަށް މަހަކު 400،000 ޔޫރޯ (427،000 ޑޮލަރު) ނުވަތަ އަހަރަކު 5.13 މިލިއަން ޑޮލަރު ލިބޭނެއެވެ. މިއީ އޭނާ އެންމެ ފަހުން ކޯޗްކަން ކޮށްދިން ކްލަބު ބަޔާން މިއުނިކްއިން ދިން މުސާރައަށްވުރެ ކުޑަ މުސާރައެކެވެ. އެ ކްލަބްގައި މަސައްކަތްކުރިއިރު ނާގަލްސްމަންއަށް ސީޒަނަކަށް 7 މިލިއަން ޑޮލަރުގެ މުސާރައެއް ލިބުނެވެ.

ބަޔާންއިން ވަނީ 2026 ގެ ނިޔަލަށް ނާގަލްސްމަންއާއި އެއްކޮށް ކޮންޓްރެކްޓެއް ހަދާފައެވެ. އެެހެން ނަމަވެސް، މި އަހަރުގެ މާޗްގައި ބަޔާންއިން ވަނީ އޭނާއެ ކޮންޓްރެކްޓުން ރިލީޒްކޮށް، ތޯމަސް ޓުޗެލް އައު ކޯޗަކަށް ހަމަޖައްސާފައެވެ. އޭނާއާއި އެއްކޮށް ހަދާފައިވާ ކޮންޓްރެކްޓް ބާތިލުކޮށްފައި ނުވާތީ ބަޔާން އިން ތިބީ ނާގަލްސްމަން ބޮޑު އަދަދަކަށް ޓްރާންސްފާ ކުރާށެވެ. އެމީހުން 2021 ގައި ލައިޕްޒިގް އަތުން ނާގަލްސްމަން ހޯދީ 21 މިލިއަން ޑޮލަރު ދީފައެވެ.

އެހެންކަމުން، ނާގަލްސަމަން ހޯދަން ޑީއެފްބީން އޭނާއާއި ބަޔާންއާއި ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި އޭނާ ރަސްމީކޮށް ޓީމަށް ގެންނަން އުޅޭ ވާހަކަ އިއުލާންކުރަން އެންމެ އަވަސްގެން ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން