މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނު މައާފް ކޮށްދޭވޭނެ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިކަން ހާމަކުރެއްވީ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ކުރިއަށްގެންދާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މިރޭ ގަލޮޅު ދެކުނު ސަރަހައްދުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ޑޯޓުޑޯއަށް ގޭގެއަށް ކުރެއްްވި ޒިޔާރަތުގެ ތެރެއިން ގިނަަ ކަންތައްތަކެއް ފާހަގަވެފައިވާކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނު ދެއްކުމަށް ހުރި ދަތިތަކުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ސްޓޫޑެންޓް ލޯނު ނުދެއްކިދާނެތީ ދަރިވަރުން ކަންބޮޑުވާކަށް ނުޖެހޭނެކަމަށާއި، އެކަމަށް ލުއި ގޮތްތަކެއް ހޯދައިދެއްވަން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފުކުރެވޭނެ ގޮތްތަކެއް ހަދަމުން. އެހެން ތިބި ހުރިހާ ކުދިންނަށް އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެ ލުދި ދޭނަން" ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެމް.ޑީ.ޕީގެ މެނިފެސްޓޯގައި ވަނީ ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެ އައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ތައާރަފްކުރުމާއި، ބޮންޑް ގާނޫނަށް އަމަލުކުރުން ހުއްޓާލުމަށް ހިމަނާފައިވާކަމަށެވެ. އަދި ލޯނު އެހީގެ އުޞޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މަޢާފުކުރަންވެސް އެމްޑިޕީގެ މެނިފެސްޓޯގައކ ވަނީ ހިމަނާފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން މިއަހަރު 720 ފުރުސަތަށް އެދި 1،507 ފަރާތަކުން ކުރިމަތި ލިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ނިންމެވުމުގެ މަތިން ޝަރުތު ފުރިހަމަވި ހުރިހާ ފަރާތްތަކަށް މިއަހަރު ސްޓޫޑެންޓް ލޯނު ދޫކުރެވުނެވެ. އެއީ 1،275 ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު