ހަ މެޗަށްފަހު ޕޮލޭންޑްގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމުން ޕޯޗުގަލަށް ނިސްބަތްވާ ކޯޗް ފެނާންޑޯ ސަންޓޯސް ވަކިކޮށްފިއެވެ.

އާދީއްތަ ދުވަހު އަލްބޭނިއާ އަތުން 2-0 އިން ބަލިވެ، ސަންޓޯސްގެ ކޯޗުކަމުގައި ވާދަވެރި ފަސް މެޗުން ތިން ވަނަ ފަހަރަށް ޕޮލޭންޑް ބަލިވިއެވެ. ،އެއާއިއެކު، ޔޫރޯ 2024 ކޮލިފައިންގައި ގްރޫޕް އީގެ ހަތަރު ވަނަ އަށް ޕޮލޭންޑް ވެއްޓުމުން އެ ގައުމުގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާއިން ސަންޓޯސް މަގާމުން ވަކިކުރުމަށް ނިންމީއެވެ.

ސަންޓޯސް ވަނީ މީގެ ކުރީގައި ޕޯޗުގަލްގެ ގައުމީ ޓީމާއިވެސް ހަވާލުވެފައެވެ. އޭނާގެ ކޯޗްކަމުގެ ދަށުން ޕޯޗުގަލުން ވަނީ ޔޫރޯ 2016 އާއި ނޭޝަންސް ލީގް 2018-19ގެ ޓައިޓަލްތައް ކާމިޔާބުކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޮލޭންޑަށް ބައިނަލްއަގްވާމީ ގޮތުން ވާދަކުރި މެޗްއެއްގައި މޮޅު ހޯދުނީ ނިމިދިޔަ ޖޫން މަހުގައި ޖަރުމަނާއި ދެކޮޅަށް ނިކުތް ރަހުމަތްތެރިކަމުގެ މެޗްއެއްގައެވެ.

ސަންޓޯސްއާއި ނުލާ ޕޮލޭންޑުން ދެން އެންމެ އަވަހަށް ނިކުންނާނީ ފެރޯ އައިލެންޑްސްއާއި ދެކޮޅަށް އޮކްޓޯބަރުގައި ކުޅޭ ކޮލިފައިން މެޗްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން