ފްރާންސް ލީގްގެ ތާވަލުގެ އެންމެ ފުލަށް ވެއްޓުމުން ލިޔޯންއިން އެ ކްލަބްގެ ކޯޗް ލޯރާންޓް ބްލޮންކް މަގާމުން ވަކިކޮށްފިއެވެ.

ކްލަބުން ބުނީ "ބްލޮންކް ކްލަބް ދޫކޮށްފައި ދިޔައީ ދެފަރާތުން އެއް ގޮތަކަށް އެއްބަސްވެގެން" ކަމަށެވެ. ބްލޮންކް މަގާމުން ވަކިކުރީ ލިޔޯންއިން އެންމެ ފަހަކަށް ޕީއެސްޖީއާއި ބައްދަލުކުރި މެޗްގައި 4-1 ގެ ނަތީޖާއަކުން ބަލިވުމަށް ފަހުގައެވެ.

މި ސީޒަންގައި ކުޅުނު 4 ގޭމެއްގައި ލިޔޯންއަށް ހާސިލުވީ އެންމެ ޕޮއިންޓެކެވެ. ބްލޮންކް މަގާމުން ވަކިކުރުމާއިއެކު، ޓީމާއި ވަގުތީ ގޮތުން ހަވާލުވީ ލިޔޯންގެ ޓެކްނިކަލް ޑިރެކްޓާ ޒޮން ފްރޮންސުއާ ވުލިޔީއެވެ.

އުމުރުން 57 އަހަރުގެ ބްލޮންކް ލިޔޯންގެ ކޯޗަކަށް ހަމަޖެއްސީ އޮކްޓޫބަރ މަހުގައިއެވެ. ލިޔޯންއިން ނިމިދިޔަ ސީޒަން ނިންމާލީ ތާވަލުގެ 7 ވަނަ ޖާގަ ހޯދައިގެންނެވެ. އޭގެ ކުރިން ބްލޮންކް އެންމެ ފަހަކަށް ފްރާންސްގައި މަސައްކަތްކުރީ ޕީއެސްޖީގައި 2015-16 ވަނަ އަހަރުގެ ސީޒަންގައެވެ. އޭނާ ވަނީ ޕީއެސްޖީއަށް 3 ލީގް ކާމިޔާބުކޮށްދީފައެވެ. އަދި ބޮރްދޫއަށްވެސް ފްރާންސް ލީގްގެ ޓައިޓަލް ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު އޭނާ ވަނީ ގަތަރުގެ އަލް ރައްޔާންގައި އިންޓެރިމް ކޯޗެެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ބްލޮންކްގެ އެވްރެޖް 1.53 ޕޮއިންޓަކީ ލީގުގެ އެންމެ ނުވަ މެޗުގައި ކޯޗްކަން ކޮށްދިން ސިލްވީނިއޯ ފިޔަވައި ފާއިތުވި 25 އަހަރުގައި ލިޔޯންގައި މަސައްކަތްކުރި ދާއިމީ ކޯޗަކު ހާސިލުކުރި އެންމެ ދަށް ނަތީޖާއެވެ.

މީގެ ކުރީގައި ޗެލްސީއާއި ބްރައިޓަންއަށް ކޯޗްކަން ކޮށްދިން ގްރަހާމް ޕޮޓަރ، 48 އަށް ލިޔޯންއިން މަގާމު ހުށަހެޅުމުން އޭނާ ވަނީ އެ ހުށަހެޅުން އިންކާރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން